އަލީ ނިޒާރު އާއި ރައީސް ސޯލިހު
އަލީ ނިޒާރު އާއި ރައީސް ސޯލިހު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ތިއްބަވައިގެން ހިންގާ މިސަރުކާރުން އައްޑޫ ރައްޔިތުން ބާކީ ނުކުރާނެ ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވެސް އައްޑޫ ރައްޔިތުންނަށް ފޮނި އުއްމީދީ ހުވަފެން ތަކެއް އާކޮށްދެއްވައިފިއެވެ.

ނިޒާރު މިހެން ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައިވަނީ ބިންބޭނުން ކުރުމުގައި ވިސްނާން ވާ ވަރަށް ނުވިސްނާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވިޓަކާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫސިޓީގެ މޭޔަރު ކަމަށްވެސް ވާދަކުރަށްވާ ނިޒާރު ވިދާޅުވީ، "މިއަށްވުރެ ވަކި ބޮޑު އުފަލެއް އައްޑޫ ރައްޔިތުންނަށް ލިބި ނުދާނެ. އިބޫސޯލިހު އަދި މުހައްމަދު ނަޝީދު އައްޑޫ ރައްޔިތުން ބާކީކޮށެއް ނުލާނެ."

ރައީސް ވަހީދުގެ ސަރުކާރުން ފެށިގެން އިންޑިޔާ ސަރުކާރުގެ އެހީގައި އިމާރާތްކޮށް ބޮޑުބައި ނިމިފައިވާ އައްޑޫ ޕޮލިސް އެކަޑަމީއާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސްކަންވެސް ކުރަށްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މޭޔަރ ކެންޑިޑޭޓާއި ކައުންސިލް ކެންޑިޑޭޓުންނާއި އެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެކަމަށެވެ. އަދި އެތަނަކީ މަތީ ތައުލީމުދޭ އިންސްޓިއުޓެއް ކަމަށާއި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫ ސިޓީގައި މަތީ ތައުލީމަށް ފުރުސަތު ނެތީބާއޭ ވިދާޅުވެ ރައީސް ނަޝީދު ވަނީ ސުވާލު އުފަށްދަވާފައެވެ.

ރައީސް ނަޝީދުގެ ޓްވީޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަނީ އައްޑޫގައި މިހާރު އިމާރާތް ކުރަމުންދަނީ އެކަޑަމީއެއް ނޫން ކަމަށާއި އެއީ އިންޑިޔާގެ ސިފައިން އައްޑޫ ސިޓީގައި ބޭތިއްބުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީ ރައްޔިތުން ވަރަށް ރަގަޅަށް ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް އިދިކޮޅުން ބުނެފައިވެއެވެ.



މިސަރުކާރަށް 2 އަހަރު ވެގެން ދިޔަ އިރު އައްޑޫ ސިޓީގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކޮށްނުދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅި ގޮވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން