އަނުޝްކާ އަދި ވިރާތުގެ ކައިވެނީގެ ތެރެއިން.
އަނުޝްކާ އަދި ވިރާތުގެ ކައިވެނީގެ ތެރެއިން.
އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރްމާ އަދި އިންޑިޔާގެ މަޝްހޫރު ކްރިކެޓާ، ވިރާތު ކޮހްލީ އަށް އަންހެން ދަރިޔަކު ލިބިއްޖެއެވެ.

އަނުޝްކާ ވިހެއުމާއެކު މިދެމަފިރިންނަށް އަންހެން ކުއްޖަކު ލިބުނުކަން އަންގައިދިނީ ވިރާތުގެ ޓްވިޓަރއިންނެވެ. ވިރާތުގެ ޓްވީޓުގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެދެމަފިރިންނަށް އަންހެންކުއްޖަކު ލިބިފައިވާކަމަށާއި، އަނުޝްކާގެ ދެމައިންގެ ހާލު ރަނގަޅުކަމަށެވެ.

"މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި އަހަރުމެންނަށް އަންހެން ދަރިޔަކު ލިބުނުކަން ހާމަކޮށް މިދެނީ ވަރަށްވެސް އުފަލާއެކު. އަހަރުމެންނަށް ލިބެމުންދާ ލޯތްބަށް ވަރަށް ޝުކުރުވެރިވަން. އަނުޝްކާގެ ދެމައިންގެ ހާލު ރަނގަޅު. އުންމީދަކީ އަހަރުމެންނަށް މިވަގުތު ބޭނުންވާނޭ ޕްރައިވެސީއަށް ހުރިހާއެންމެވެސް ހުރުމަތްތެރިކޮށް ހިތުން." ވިރާތުގެ އާންމުކޮށްފައިވާ މެސެޖުގައިވެއެވެ.

މިއާއެކު ވިރާތު އަދި އަނުޝްކާގެ ގިނަ ފޭނުންތަކެއް ވަނީ މީސްމީޑިޔާ މެދުވެރިކޮށް އެދެމަފިރިންނަށް މަރުހަބާ ކިޔާ އުފާފާޅުކޮށްފައެވެ.

އަނުޝްކާ އަދި ވިރާތު އަށް ދަރިޔަކު ލިބުންކަމާއި ލިބުނީ ކޮންކަހަލަ ކުއްޖެއްކަން އާންމުކޮށްފައި ވާއިރު، މިދެމަފިރިންނަށަ ލިބުނު ދަރިފުޅަށް ކިޔާނޭ ނަމެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ގިނަބައެއްގެ ލޯތްބާއި ތަރުހީބު ލިބެމުންދާ، އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރްމާ އަދި އިންޑިޔާގެ މަޝްހޫރު ކްރިކެޓާ، ވިރާތު ކޮހްލީ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އިޓަލީގައެވެ.

2008 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު ރަބްނޭ ބަނާދީ ޖޯޅީ އިން ފިލްމީ ދާއިރާއަށް ނުކުތް އަނުޝްކާ ޝަރްމާ ވަނީ މަޝްހޫރު އެތައް ފިލްމެއް ކުޅެފައެވެ. މީގެ ތެރޭގައި ޕީކޭ، ސުލްތާން، އެއި ދިލް ހެއި މުޝްކިލް، ޒީރޯ، އަދި ސުއީ ދާގާ ފާހަގަކޮށްލެވެއެވެ.

އިންޑިޔާގެ އިތުރުން މުޅި ދުނިޔެއަށްވެސް މަޝްހޫރުވެފައިވާ ކްރިކެޓާ، ވިރާތު ކޮހްލީ، އެންމެ ފަހުން ފެނިގެންދިޔައީ އޮސްޓްރޭލިޔާގައި މިހާރު ކުޅެމުންދާ ކްރިކެޓް މެޗްތަކުގެ ތެރެއިންނެވެ. ނަމަވެސް މި މެޗްތައް ނުނިމެނީސް ވިރާތު ވަނީ ޕެޓަރނިޓީ ޗުއްޓީއެއްނަގައި އިންޑިޔާއަށް އަނބުރާ އައިސްފައެވެ. ވިރާތު އަކީ 2013 ވަނަ އަހަރުން ފެށިގެން އިންޑިޔާގެ ކްރިކެޓް ޓީމުގެ ކެޕްޓަންވެސްމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން