ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
އިންޓަރނެޓް ބޭންކިންގެ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ކިބައިން އެބޭންކުން އެދިއްޖެއެވެ.

ބޭންކުން މިއަދު ބުނީ އެ ބޭންކުގެ ކަސްޓަމަރުން ޕޭމަންޓް ކޮންފަރމް ކުރުމަށް އިތުރު ވެބްސައިޓްތައް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި ބޭންކުގެ ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އާއި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ބޭންކުން ބުނީ ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން ބޭންކަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އަދި ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަރ ކޮންފަރމް ކުރާކަމަށެވެ. މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދޭކަމަށާއި، އެއަށްފަހު ކަސްޓަމަރަށް ކޮންފަރމޭޝަން ކޯޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދޭ ކަަމަށް ބޭންކުން ވަނީ ބުނެފައެވެ.

ބޭންކުން ބުނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަންދޭ އެއްކަން ކަމަށެވެ. އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރު ކުރާކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.

ބޭންކުން ބުނީ ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުން ކަމަށާއި، ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން