ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް (ވ) އާއި، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ކ)
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް (ވ) އާއި، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ކ)
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ރާއްޖެއިން ފުރާފައިވަނީ އޭނާގެ ޕާސްޕޯރޓް ދޫކޮށްލުމަށް ކޯޓުން އަމުރުނެރުމުގެ ކުރިން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި މިމަސައްލައިގެ އެންމެ ފަހުގެ އަަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން މިއަދު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެހެން ނަމަވެސް ޕީޖީ ޝަމީމް ވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކޯޓުން އަމުރުނެރުމާއި، ޖާމިންވީ ލިޔުމުގައި އޮތް ތާރީޚް ދިމާނުވާކަމަށް ވިދާޅުވެފައެވެ.

"އަޑުއެހުން ބާއްވާ، އަމުރު އިޢުލާނުކުރީ 9 ފެބް 2021 ގައި. އަމުރު ލިބުނީ 11 ފެބް 2021 ގައި. އަމުރުގައި ތާރީޚެއް ކަމަށް އޮތީ 10 ފެބް 2021. ފުރައިގެން ދިޔަ ކަމަށްވަނީ (އަމުރުގައި އޮތް ތާރީޚުގެ ކުރިން) 9 ފެބް 2021 ގައި. ޖާމިނު ލިޔުމުގައި އޮތީ 9 ފެބްރުއަރީ 2021 ގައި އަމުރު ނެރުނު ކަމަށް." ޝަމީމް ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ)އެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން