މާތްކަލާކޯއެވެ. މިސަރަހައްދު ކީއްކުރަން, މިދުނިޔޭގެ ގައުމުތަކާ އަޅާކިޔަސް އިންޓަރނެޓް އެންމެ އަގުހެވީ ދިވެހިރާއްޖޭގައެވެ. ޚާއްޞަކޮށް މިގައުމުގެ ސަރުކާރުގެ މުވާސަލާތީ ކުންފުނި، ދިރާގުންނެވެ. އިންޓަރނެޓް އަގުހެޔޮކަމުން އެހެރެ ދޭ ޚިދުމަތުގެ ސްޕީޑް ފާސްޓް ކަމުން އެހެން ގައުމުތަކާއި އަޅާ ނުކިޔެނީއެވެ. މުވާސަލާތީ ވާދަވެރިކަން އުފައްދަން ބޭރު ކުންފުންޏެއް ގެނައުމުން ރައްޔިތުންނަށް ލިބޭ ޚިދުމަތް އަގުހެޔޮވެގެން ގޮސްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާ ދައްކަމުންނެވެ.

ދެން ކޯވިޑްގެ ރޯގާބަލިމަޑުކަމާއެކު އަދި އިގްތިޞާދީ ދަތިކަމުގައި ރައްޔިތުންގެ އަތްމަތި ދަތިވެ ވަޒީފާތައް ގެއްލި މުސާރަތައް ކުޑަވުމުން މިދެންނެވި ސަރުކާރު ހިއްސާވާ މުވާސަލާތީ ކުންފުނީގެ ދީލަތިކަން ވަކިން ބޮޑުވެއްޖެއެވެ. އެހާވެސް ރައްޔިތުންނާމެދު ވިސްނައިގެން އެކުންފުނީން އިންޓަރނެޓް ބްރޯޑްބޭންޑްގެ އަގުތައް ޚާއްޞަކޮށް އެތިރިކޮށްލީ މީހަކަށް އަނގަވެސް ހުޅުވައި ނުލެވޭހާ ވަރަށެވެ. އެކަމަކު އެވަރުން ވެސް ރައްޔިތުން ހިތް ނުފުރިގެން މުވާސަލާތީ ޚިދުމަތްތަކުގެ ބެލެނިވެރި ވަޒީރާ ދީމާއަށް އެތިވަރުތައް ގޮވައި އަދިވެސް އަގުހެޔޮ ކުރާން އެދުމުން އޭނާ އެކަން ނުކޮށްދިނީމާ، އަޅާނުލީމާ އޭނާއަށް ވަޒީރުކަމުގެ ޒިންމާ މަތިކުރި ރައްޔިތުންގެ މަންދޫބުންވެސް އެކަމާ ރުޅިގަދަވެ ރައްޔިތުން އެދުނު ގޮތަށް އޭނާ މަގާމުން ދުރުކޮށް އިންޓަރނެޓްގެ އަގާއި ސްޕީޑް ކުރިއަށް ވުރެ ވެސް ހެޔޮކޮށް ބާރުކޮށްފިއެވެ.

މިހާރުދެން ސައްވީސް ގަޑިއިރު މަންމައާއި ބައްޕައާއި ތިން ދަރިންނާއި މާމާއާއި ކާފަވެސް ދިރާގު އިންޓަރނެޓް ބްރޯޑްބޭންޑްގައެވެ. ހަލުއިކަމުން ޖައްސާލީމާ އެހެރެ ވަދެގެން ދަނީއެވެ. ކާފައާއި މާމަ މިހާރު އަބަދު އެތިބެނީ ޔޫޓިއުބުން ރީތި ރާގުތަކަށް ކިޔަވާ ގާރީންގެ ކިޔެވުމަށް ގޮސް ގެއްލިފައެވެ. ތިން ދަރިން ގޭމްކުޅުމާއި މައުލޫމާތު ހޯދަން ގޫގުލް މުދައްރިސް ކައިރީގައާއި ނެޓްފްލިކްސްއަށް ވަދެ އެންމެ ފަހުގެ ސީރީޒްތައް ބަލަނީ އެވެ. މަންމައާއި ބައްޕަ ގިނަ ވަގުތު ގޭގައި ތިބެގެން ވިޑިއޯ ކޮންފަރެންސްގައި އޮފީސް ހިންގަނީއެވެ. މާމައާއި ކާފައަށް ގެއިން ނުނުކުމެވޭތީ ހުރިހާ ދަރިންނާއި ގާތް އެކުވެރިންނާއެކު ވިޑިއޯކޯލްގައެވެ. ހަތަރުދަމު ގޭގައި ތިބެން ޖެހުނަސް އެއްވެސް ފޫހިކަމެއް ނެތެވެ. ދަރިއަކު "މިސް" އެއް ނުވެއެވެ.

ކުރީގައި ކާފައާއި މާމައަށް އިވެނީ އިންޓަރނެޓް ހަމައެކަނި ކިޔާ އަޑެވެ. ވައިބަރުން ބޭރުގައި ތިބޭ މީހުންނަށް ގުޅާ ހަދާ ކަމަށް ބުނާ އަޑެވެ. ފޯނެއް އޮތަކަސް އިންޓަރނެޓަކީ ކީއްކުރާ ކިހާވަރެއްްގެ އެއްޗެއް ކަމެއްވެސް ކާފައާއި މާމައަކަށް ނޭނގެއެވެ. އަބަދު އެކިޔާ ޑޭޓާއެއް ހުސްވާ ވާހަކަ ދައްކާތީ އެކަހަލަ ވާހަކައެއް އަހާލާންވެސް ނުކެރެއެވެ. އަބަދުވެސް ގޭތެރެއިން އިވޭ އަޑަކީ އިންޓަނެޓް ޕެކޭޖް ހުސްވާތީ ދަރިފުޅާއި ދަނބިދަރި އަޑުލަވާ އަޑެވެ. އަބަދު ބޭނުން ނުކުރާށޭ ގޮވާނަގާއަޑެވެ.

ނަމަވެސް މިއަދު މާމައާއި ކާފަވެސް އުފަލުން ހެވިފައެވެ. އިންޓަރނެޓްގެ ބޭނުންތެރިކަން ޖެހުނުއިރު ހިތަކަށް އިންޓަރނެޓް ބޭނުން ކުރާން ލިބުނީމައެވެ. މިހާރު އިންޓަނެޓް ސްލޯ ވެގެން އަގުބޮޑުވެގެން އެވާހަކަ ދަރިން ދައްކާތީ ކާފައާއި މާމައަށް އަޑެއް ނީވެއެވެ. އެހެންވީމާ މާމައާއި ކާފައަށް ވެސް މިހާރު ގަބޫލުކުރެވެނީ މިގައުމުގައި އިންޓަނެޓް ހިތަކަށް ލިބުނީ ކަމަށެވެ. އިންޓަނެޓްގެ އަގަށް އަތްފޯރީ ކަމަށެވެ. ޚިދުމަތުގައި އޮތް ސްލޯކަން ފިލީ ކަމަށެވެ.

ހަގީގަތަކީ އެއީއެއް ނޫނެވެ. މާމައާއި ކާފައަށް ހީވީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މިގައުމުގައި އިންޓަނެޓެއް އަގެއް ހެވެއް ނުވެއެވެ. އިންޓަނެޓުގެ ޚިދުމަތެެއްވެސް ރަނގަޅެއް ނުވެއެވެ. މިހާރު އެހެރެވިއްކާ ޕެކޭޖުތައް ވަރަށް ވެސް ސަޅިއެވެ. ރީތިނަންތަކެއް ކިޔާތީ ވަރަށް އަޅައިގަނެއެވެ. ދޮގު މައުލޫމާތާއެކު އިސްތިހާރު ކުރާތީ ރަނގަޅު ކަމަށް މީހުންނަށް ހީވަނީއެވެ. ދިރާގުން އެބުނާ އާންމުން ބޭނުންކުރަން ވިއްކާ ތިން ޕެކޭޖުގެ ތެރެއިން ފުރަތަމަ ޕެކޭޖަކީ ފައިބަރ 15 އެމް ކިޔާފައި ހަދާފައިވާ ޕެކޭޖެކެވެ. ދެ ޑިވައިސްއާއި ފަސް ޑިވައިސްއާ ދެމެދު ބޭނުން ކުރަން އެންމެ ރަނގަޅު ކަމަށް ބުނާ މި ޕެކޭޖުގައިގައި ވެސް އަގު ނަގަނީ ޑައުންލޯޑް އަދި އަޕްލޯޑް ޑެޓާއަށެވެ.

އެހެންވީމާ ޕެކޭޖުން ދޭ 100 ޖީބީން އެވްރެޖްކޮށް ބޭނުންކުރާ ފަސް މީހުންނަށް 10 ދުވަހަށްވެސް މި ޕެކޭޖް ނުފުދެނީއެވެ. ދެން ގަންނަން ޖެހެނީ އެބުނާ ބޫސްޓަރ ޕެކޭޖްތަކެވެ. 20 ޖީބީގެ ބޫސްޓަރެއް 100 ރުފިޔާއަށެވެ. ދެތިން މީހުން އެއްފަހަރާ ޖައްސާލާއިރަށް ޑޭޓާކޮޅު ކާލަން ދެތިން ދުވަސް ވެސް ނުނަގާނެއެވެ. އެންމެ ބޮޑު ޕެކޭޖަކީ ފައިބަރ 50 އެމް އެވެ. މިޕެކޭޖުގެ ތަޖުރިބާއަކީ ތިން މީހުން އެވްރެޖްކޮށް ބޭނުން ކުރީމާ 15 ވަރަކަށް ދުވަހެވެ. އަޅުގަނޑަށް ނޭގެނީ ދިރާގުން އެބުނާ އެވްރެޖާއި އަޅުގަނޑުމެން ދަންނަ އެވްރެޖް ހަދާ ގޮތެކެވެ. ދެން މަސް ނިމޭއިރު އިތުރަށް 90 ޖީބީ ބޫސްޓް ކުރިއަސް އަޅުގަނޑުމެން މިދެކޭ، މިގުނާ އެވްރެޖަކަށް ނުވެއެވެ.

މިހާރު ޖީބީކޮޅު ހުސްވެ އެބުނާ ފެއާ ޔޫސޭޖް ހުސްވެގެން އިންޓަނެޓް ފިނިހަކަ ސްޕީޑަށް ވެއްޓުނަސް ދަރިފުޅުމެން ބައްޕައާއި މަންމައަށް ނޫނީ ކާފައާއި މާމައަށް އަޑުނުލަވަނީ އެނޫން ގޮތެއް ނެތީމައެވެ. އެމީހުންނަށް ބޭނުން ގޮތަކަށް ބޭރަށް ނުކުމެ ނޫޅެވޭތީއެވެ. ގޭގައި ބަންދުވެ ތިބެން ޖެހުމުން ބޯހާސްވެ މުސްކުޅި ބަލި ބޮޑުވާނެތީއެވެ. ދަރިންގެ ޝަކުވާ އިތުރުވާނެތީއެވެ. އާއިލާއާއި ބައްދަލުވާނެ އެހެން ގޮތެއް ނެތީމައެވެ. އެބުނާ ފެއާ އެލަވަންސް ހުސްވީމާ މާމައާއި ކާފަ ވައިބަރުން ގުޅައިގެން ކިޔާ ނުކިޔާ ނޭނގިގެން، ވިޑިއޯ ނުފެނިގެން ދަރިން ގާތަށް ދުވެ ޝަކުވާ ކުރަން އައުމުން ދެން ޖެހެނީ އެބުނާ ބޫސްޓަރެއް ގަންނާށެވެ. ދެން އެބުނާ 1490 ރުފިޔާގެ ފައިބަރ 50 އެމް ޕެކޭޖްގެ އަގު މަސް ނިމޭއިރު ދެހާހުން މައްޗަށް އަރަނީއެވެ.ޑޭޓާ ވިއްކުމަކީ ހަމަ ބްލެކް މެޖިކް ހަދައިގެން މީހުންގެ ޖީބުތަކުން ވައްކަން ކުރުން ކަހަލަ ކަމެކެވެ. ޖީބު ކެނޑުން ކަހަލަ ކަމެކެވެ. ދިރާގުން އާންމުންނަށް އެވިއްކާ އެންމެ ބޮޑު ޕެކޭޖުން ދޭ 420 ޖީބީ ހުސްވީމާ އިންޓަރެނެޓް ބޭނުން ކުރަނީ ހާދަވަރެކަށޭ މީހުންނަށް ހީވާނެއެވެ. އެކަމަކު މި ޒަމާނުގައި އެއީ ހަމަ ވަރަށް އާދައިގެ މިންވަރެކެވެ. ހެވީ ބްރައުސިންގ ނުކޮށް ނޫނީ އެޗްޑީއާއި އެއަށްވުރެ ވެސް ކޮލިޓީކޮށް މަންޒަރު ފެންނަ ގޮތަށް ބޮޑެތި ޑޭޓާއާއެކު އަޕްލޯޑްކޮށްފައި ހުންނަ ވިޑިއޯ ބެލުމަށް ޑޭޓާ ޕެކޭޖް ވިއްކުމަކީ ހަމަ އޮޅުވާލައިގެން ރައްޔިތުންގެ އަތުން ވައްކަން ކުރުމެވެ. އެވްރެޖް މިންވަރަކަށް ޔޫޓިއުބާއި ނެޓްފްލިކްސް ބޭނުންކުރާ ނޫނީ އެވްރެޖްކޮށް އިންޓަރނެޓަށް ވަދެ ހާވާ މީހަކަށް އެއީ މާބޮޑު އެއްޗެއް ނޫނެވެ.

އިންޓަރެނެޓަށް މުޅި ދިރިއުޅުން ބިނާވެފައިވާ ޒަމާނެއްގައި އޭގެ ތިން ހަތަރު މީހުން ބޭނުންކޮށްލުމަށް އެއީ ސުމެކެވެ. ދިރާގާއި އުރީދޫން ވެސް މި ރާއްޖޭގައި ވިއްކަނީ ޑޭޓާއެވެ. ޑޭޓާއަކީ އިންޓަނެޓަށް އެކްސެސް ވާއިރަށް ނޫނީ ހަމަ ވަންނައިރަށް ކެނޑެންފަށާ އެއްޗެކެވެ. ދެން ޑައުންލޯޑަކުރާ ނޫނީ އަޕްލޯޑްކުރާ ކޮންމެ ބައިޓަކަށް ޑޭޓާދާނީ ކެނޑެމުންނެވެ. ދެން ނެޓްފްލިކްސްއަށް ވަދެ އިންނައިރު އަބަދުވެސް އިންނަންޖެހޭނީ ޑޭޓާ ކަމުންދާ މިންވަރު ބަލާށެވެ. ޑޭޓާ ހުސްވާވަރު ބަލަމުން ކުރާކަމެއް ކުރާށެވެ. މިއީ މިޒަމާނުގައި ޕްރޮފެޝަނަލް ބަޔަކު ކުރާކަހަލަ ވެސް ކަމެއް ނޫނެވެ. މިއަށް ކިޔާނީ ހަމަ ވައްކަން ކުރުމެވެ. ފޭރުމެވެ. ނޫނީ އޮޅުވާލައިގެން ލިބެން އޮތަ ގޮތަކަށް ދަމައިގަތުމެވެ.

މިކަން ރަނގަޅަށް ކޮށްގެން ރައްޔިތުންނަށް އޮޅުވާނުލާ ވެސް ހަމަ ރަނގަޅަށް އާމްދަނީ ހޯދޭނެއެވެ. ސްޕީޑަށް އަގުނަގާގޮތަށް ނޫނީ ސްޕީޑް ވިއްކާ ޕެކޭޖް ހަދާށެވެ. އޭރުން ތިމަންނާއަށް ސްޕީޑް ލިބޭނީ ތިމަންނާ ގަތް ޕެކޭޖުގައި ބުނާ ވަރަށް ކަމަށާއި ތިމަންނާއަށް ޚިދުމަތްތައް ލިބޭނީ އެޕެކޭޖުގައި ކަނޑައެޅިފައިވާ މިންވަރަކަށް ކަން އެނގޭނެއެވެ. މިހާރު މިވާގޮތަކީ ޕެކޭޖުގައި އެބުނާ ސްޕީޑެއްވެސް ނުހުރެއެވެ. ރަނގަޅަށް ސްޕީޑް ލިބެންޏާ ކޮލިޓީ ވިޑިއޯއާއި ގިނަ ވިޑިއޯ ޑައުންލޯޑް ކުރެވެނީއެވެ. ގިނައިރު ވަދެ އުޅެވެނީއެވެ. ދެން އިސާހިތަކު ޕެކޭޖުން ލިބޭ ފެއާ ޔޫސޭޖް ޑޭޓާކޮޅު ހުސްވަނީއެވެ. އެހެންވީމާ ދެން މިކަން ވަނީ ހަމަ ޖުވާކުޅުން ޒާތުގެ ކަމަކަށެވެ. ބަލަން އިންނަ ފިލްމްގެ އެންމެ ފޯރިގަދަ ހިސާބަށް ދާއިރަށް ފެއާ ޔޫސޭޖް ޑޭޓާ ހުސްވަނީއެވެ. ދެން "އޯ ޝިޓް،" އޭ ކިޔާފައި އަވަހަށް ބޫސްޓްކޮށްލަނީއެވެ. މިހެންގޮސް ފިލްމް ބަލާން އިށީންނަ ކޮންމެ ފަހަރަކު ވަނީ މިކަހަލަ ގޮތެކެވެ.

ދެން ދިރާގާއި އުރީދޫން ކިތަންމެ ވަރަކަށް ފޮނިކެނޑިއަސް ރައްޔިތުން އެކުންފުނިތަކުގެ ޚިދުމަތް ބޭނުން ކުރަނީ އެހެން ގޮތެއް ނެތީމައެވެ. ކުރިން މުވާސަލާތީ ޚިދުމަތް މޮނަޕަލައިޒް ކުރީ ދިރާގުން އެކަންޏެވެ. މިހާރު ދިރާގާއި އުރީދޫ ގުޅިގެންނެވެ. ދެކުންފުނިން ދޭ ޚިދުމަތްތަކަށް ތަފާތު ނަންތަކެއް ކިޔަނީއެވެ. ރައްޔިތުން ފެލަނީ ހަމަ ދާދި އެއްގޮތަކަށެވެ. މަކަރު ހަދަނީ ވަކި ބްރޯޑްބޭންޑް ޚިދުމަތަކުން އެކަންޏެއް ނޫނެވެ. މޮބައިލް ޑޭޓާއަށް ވެސް ވަނީ ހަމަ މިގޮތެވެ. ޕެކޭޖް ވަރަށް އަގުހެވެވެ. އެކަމަކު އިންޓަރެނެޓަށް ވަންނައިރަށް ހުސްވަނީ ޑޭޓާކޮޅެވެ. ދެން ސްޕީޑް ސްލޯ ކަމުން، ލޯޑް ނުވާތީ ބޫސްޓް ކޮށްލަނީއެވެ. އެހެންގޮަސް މަހު ބިލު ދެހާހުން މައްޗަށް އަރަނީ މީހާއަށް ވާނުވާ ނޭނގި ހުއްޓައެވެ. ތިން ޖީބީ ގަނެގެން ސައްވީސް ގަޑިއިރު ނުވެއެވެ. ހުސްވީއެވެ. އަނެއްކާވެސް ޑޭޓާ އަޅަންވީއެވެ.

މިގޮތަށް "ރައްޔިތުން ފެލައިގެން" ވެސް މަގާމު ދިފާޢުކުރަން ކުންފުނީގެ ބޯޑު މެންބަރުންނާއި ކުންފުނީގެ ބޮޑުންނަށް އޯކޭ، ވަނީއެވެ. ފައިނޭންޝަލް އަހަރު ނިމޭއިރު ނޫނީ ފައިނޭންޝަލް ކްއާޓާ ނިމޭއިރު ސަރުކާރަށް މިލިއަނުން ފައިސާ ދެއްކުނީމާ އެމީހުންގެ ގިރުވާން ކޮޅަށް ޖެހުނީއެވެ. ދެން ވެންމަސް ވެނަށް ކާންދޭ ބީދައިން ހިއްސާއަކަށް ދެރުފިޔާ ބައި ދިނީމާ ކުންފުނީގެ ހިއްސާދާރުން އެތިބެނީ ހިއްސާއަށް ލާރި ލިބޭތީ އުފަލުންނެވެ. އެފައިދާ މިދެނީ ތިމާއާއި ރައްޔިތުންގެ ޖީބުން ނަގާފައި ކަމެއް ނުދެނެހުރެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން