ޞާދިރު ޢަލީދީދީ   9 މޭ 2021 - 13:41
ވޭނީކަރުނަ
ވޭނީކަރުނަ
84 ވަނަ ބައި

.................

ރަމްލާ ކޮޓަރީގެ ދޮރުހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. މުޢާޒު ބުރުވާފައި ހުރިސެންޓުގެ ވަސް ބޭރަށްވެސް އެބަހުއްޓެވެ. ރަމްލާ މަޑުމަޑުން ހިނގާފައިގޮސް މުޢާޒުގެ ކައިރިއަށް ހުއްޓިއްޖެއެވެ. މުޢާޒު އިސްއުފުލާފައި ބަލާލިއެވެ..... ދެން އަނެއްކާވެސް އޭނާގެ މަސައްކަތާއިގެން އުޅެގަތެވެ.

އެނދުގައި ނިދާފައި އޮތް މަޢޫޒަށް ރަމްލާ ބަލާލިއެވެ. ދެން ކުރިއަށް ޖެހިލާފައި ހެދުން އަލަމާރި ހުޅުވާލިއެވެ. އެއިން ރީތި ހެދުމެއްނެގިއެވެ. ދެން ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ.

ވަރަށް އަވަސްގޮތަކަށް ހެދުން ބަދަލުކޮށްގެން ނުކުތްއިރު މުޢާޒު ކޮންމެވެސް ކަރުދާސްތަކެއް ހިފައިގެން އޭނާގެ ސްޓަޑީރޫމަށް ވަންނަނީއެވެ. ހީވަނީ މިހާރު މުޅިން ތައްޔާރުވެގެން ބޭރަށް ނުކުންނަން އުޅެނީ ހެންނެވެ.

ރަމްލާ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އިސްތަށިގަނޑު ރޫޅާލިއެވެ. އަދި ވަރަށް ރީތިކޮށް ފުނާ އެޅުމަށްފަހު އިސްތަށިގަނޑު ކޮނޑުމައްޗަށް ދޫކޮށްލިއެވެ. ދެން މުޢާޒު ޖެހި ސެންޓް އޭނާވެސް ޖަހާލިއެވެ.

ވަރަށް ފުންވިސްނުމެއް އޭނާގެ އެސްފިޔަތައް ބަރުހެލި ކޮށްލިއެވެ. އެހެންނަމަވެސް އޭނާ ވަރަށް ހަރުދަނާ ގޮތަކަށް ހިނގާފައި ސްޓަޑީރޫމަށް ހިނގައްޖެއެވެ.

މުޢާޒު ލިއުންތައް ފައިލަށް ލަނީއެވެ. އޭނާ އިސް އުފުލާފައި ރަމްލާއަށް ބަލާލިއެވެ. ރަމްލާ ދޮރުކައިރީގައި ކޮޅަށް ހުއްޓެވެ. މުޢާޒުއަށް އެއްވެސްކަމެއް ނޯޓެއް ނުކުރެވުނެވެ. ރަމްލާގެ ހިތުގައި ރުޅިވެރިކަމުގެ ރާޅެއް ދުވެލިއެވެ.

ރަމްލާ ކޮޓަރީގެ އެތެރެއަށް ވަދެއްޖެއެވެ. ދެން ދޮރުލެއްޕިއެވެ. މުޢާޒު ކުރަންހުރި ކަންތައް ނިންމާލާފައި އަނެއްކާވެސް ރަމްލާއަށް ބަލާލިއެވެ. ރަމްލާހުރީ ކޮންފަދަ ޖަޒުބާތެއްގެ ތެރޭގައި ކަމެއްވެސް ނޭގެއެވެ. އެކަމަކު މުޢާޒު މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އަހެންކަމުން އޭނާ ގަމީހުގެ އަތުކުރި ރަނގަޅުކުރަން ފަށައިފިއެވެ. ރަމްލާ ހީކުރީ މުޢާޒު އޭނާއައީ ކީއްކުރަންތޯ ސުވާލުކުރާނޭ ކަމުގައެވެ. އަދި ދޮރުލެއްޕީ ކީއްވެގެންތޯ އަހާނޭ ކަމުގައެވެ. އެކަމަކު އޭނާ ކަހާތަން ހިރުވާވެސް ނުލިއެވެ.

ރަމްލާވެސް ބަލަހައްޓައިގެން ހުއްޓެވެ. އެންމެފަހުން އޭނާ ކަންބޮޑުވެފައި ރަމްލާގެ ލޮލަށް ބަލަން ފަށައިފިއެވެ. ރަމްލާ ވަރަށް ފަރުވާތެރި ކަމާއިއެކު އޭނާގެ މޫނަށް ބަލަމުން ގެންދިޔައެވެ. ދެން މަޑުމަޑުން ހިނގާފައި އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. ކައިރިއަށް އައިސް ވަރަށް އަރާމުގޮތަކަށް އޭނާގެ ދޮން އަތުން މުޢާޒުގެ ކޯޓުގެ ގޮށްފަތީގައި ހިފަހައްޓައިފިއެވެ.

ހިމޭންކަމުގެ ކުރީގައި އަތިރި މައްޗަށް ހަލަބޮލިކަން އާދެއެވެ.

ރާޅުތައް ހައްދުން ނައްޓާލައެވެ. ރުޅިއައިސްގެން ކޮޅުކޮޅަށް ދުވެއެވެ.

ރުޅިވެރިކަމާއިއެކު ކަނޑުގެ މޫނުމަތީގައި އެތިފަހަރުތައް ޖަހައެވެ. އަޑުގަދަކޮށް ހަޅޭލާ ހަދައެވެ.

ކަނޑާ ރާޅުތަކާ ދެމެދު ފިސާރިއަކަށް ހަނގުރާމަ ހިނގައެވެ.

ދެން ދެފަރާތަށްމެ ހިމޭކަން އާދެއެވެ. ރާޅުތައް ކަނޑުގެ މޭމަތީގައި ބޯއަޅާލައެވެ. ދޭތި އެކަތިގަނޑަކަށްވެއެވެ. ކަނޑު އަތް ދިއްކޮށްލުމުން އެއަތުގެ މުލައްދަނޑީގައި ރާޅުތައް ބޯއަޅާލައެވެ.

ލޯބީގެ ވައްތަރަކީ މިއެވެ.

ހަނގުރާމަ ގަނޑަކަށްފަހު ހިމޭން ކަމެކެވެ......

ހިތާމައަކަށްފަހު އުފަލެކެވެ........

ރަމްލާ ލޯހުޅުވާލާފައި ލަދުވެތި ކަމާއިއެކު އިސްއުފުލާ ބަލާލިއެވެ. މުޢާޒުހުރީ އޭނާއާ ދިމާއަށް ބަލަހައްޓައި ގެންނެވެ. އޭނާގެ ލޮލުގައިވަނީ މަސްތުކަމެވެ. އެއީ ރީތި ލޮލެކެވެ. ސަމާސާ ވައްތަރުގެ ލޮލެކެވެ. ހިތް އަތުލައިގަތުމުގެ ލޮލެކެވެ.

ރަމްލާ ލަދުވެތި ކަމާއިއެކު އޭނާގެ ހޫނު ކޯތާފަތް މުޢާޒުގެ އަތުގައި ޖައްސާލިއެވެ.

މިއަދަކީ ރަމްލާއަށް މުޅިން އާދުވަހެކެވެ. ރަމްލާގެ ގެއަށް މިއަދު އައީ އައުފަތިހެކެވެ. އެ ފަތިހަށް އޭނާ ލޯހުޅުވާލީ އައު އުއްމީދުތަކަކާއި ގެންނެވެ. ޙަޔާތުގެ ހުރިހާ އަނދިރިކަމެއް އަމިއްލައަށް ފިލާ ހިނގައްޖެއެވެ.

ރަމްލާ އައު މަސްތުކަމަކާއިގެން އެނދުން ތެދުވެއްޖެއެވެ. ފަތިހުގެ މަސްތުކަމުގެ ތެރޭގައި ތިބި ކުލަކުލައިގެ ދޫނިތައް ތަފާތު އަޑުއަޑުން ގޮވަމުން ގެންދިޔައެވެ. ރަމްލާއަށް މުބާރަކުބާދު ކިޔާ ކަހަލަ ގޮތަކަށެވެ.

ރަމްލާ ކުއްލިއަކަށް ހީނލިއެވެ. އޭނާ މޯޅިއަކަށް ދެމިލުމުން އޭނާގެ އެކިގުނަވަން ވަކިވަކިން ހިނިތުންވެލިއެވެ.

ދެން ބަދިގެއަށް ހިނގައްޖެއެވެ..... މުޢާޒަށް ސައިތައްޔާރުކުރަން ހުރިއިރު އަޖައިބެއްކަހަލަ މީރުކަމެއް އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

މުޢާޒު ތައްޔާރުވެގެން އައުމުން ރަމްލާ ސިއަހަދަން އުޅެގަތެވެ. ލަދުވެތިކަމުގެ ސަބަބުން މުޢާޒުއާ ދިމާއަށް ބަލާލާހާ ހިތްވަރެއް ރަމްލާއަކަށް ނުލިބުނެވެ. މޭޒުމަތީގައި ތަށިތައް އަތުރަމުން ދިޔައިރު ބައެއް ފަހަރަށް ލޮލުގެ އެއްކޮޅުން އޭނާ މުޢާޒަށް ބަލާލައެވެ.

މިއަދު މުޢާޒު ކިހާ ރީތި ހެއްޔެވެ.

މިއަދު އޭނާ ލައިގެން އިނީ ރޮނގުދެމި ކޯޓެކެވެ. އެތެރޭން ލައިގެން އިނީ މަޑު ފިޔާތޮށި ކުލައިގެ ގަމީހެކެވެ. ޓައީއެއް ނާޅައެވެ. އެހެންކަމުން އޭނާގެ މޭމަތީގެ އިސްތަށިތައް ހިސާބަަކަށް ފެންނަން ހުއްޓެވެ.

ލަދުންކަމެއް ނޭނގެއެވެ. ނޫންނަމަ ވޭތުވެދިޔަ ރޭގެ އަލިކަން އަދިވެސް ފިލައިގެން ނުދަނީއެވެ. ކޮންމެއަކަސް އިރުއިރުކޮޅުން ރަމްލާ މުޢާޒުއަށް ބަލަމުން ދިޔައެވެ. އަދި ކޮންމެވެސް އެއްޗެއް ވިސްނާ ކަހަލައެވެ. މިއީ ހަމަ އެހުތުރު އިންސާނާއެވެ.

[ރަމޫއެވެ. މިހާރު އަހަރެން ރީތިވީ ހެއްޔެވެ.] މުޢާޒު ކުއްލިއަކަށް ސުވާލުކުރިއެވެ.

ރަމްލާ ލަދުން އިސްޖަހާލިއެވެ.

[ތިޔަގޮތަށް ބައްލަވަނީ ކީއްކުރަން ތޯއެވެ؟]

[ރޭގައި ހިނގިކަންތައްތައް އަދިވެސް އަހަންނަކަށް ޔަޤީނެއް ނުކުރެވެއެވެ.]

[ދެން ތިޔަކަހަލަ ވާހަކަ ނުދައްކަވާށެވެ.] ރަމްލާ ލަދުވެތި ގޮތަކަށް އާތްވެލާފައި ބުންޏެވެ.

[އިތުރު ވާހަކަތަކެއް ދައްކާނެތަނެއް ނެތެވެ.]

މުޢާޒު ހޭން ފަށައިފިއެވެ.

[މިއަދު އޮފީހަށް ދާހިތެއްނެތެވެ.... މިއީ މިގޮތަށް ލިބުނު ފުރަތަމަ ދަނޑިވަޅު ކަންނޭނގެއެވެ.] މުޢާޒު ކޮޅަށް ތެދުވެފައި ބުންޏެވެ.

[އެހެންވީއިރު ނުދުރުވާށެވެ.........] ރަމްލާ ކުއްލިއަކަށް ބުންޏެވެ.

[އަހަރެން އަމިއްލައަށް ބައަކަށް ދަޢުވަތު ދީފައި ނެތްނަމަ މިއަދު އޮފަހަކަށް ނުދިޔައީމުހެވެ.]

އެންމެ ރަނގަޅެވެ. އަވަހަށް ގެއަށް ދުރުވެވޭތޯ ބައްލަވާށެވެ.]

[އާނއެކެވެ. ތިޔައީ ވެދާނޭކަމެކެވެ. [މުޢާޒު ބްރީފްކޭސް އުފުއްލާލަމުން ބުންޏެވެ.] މިއަދުވެސް ޚާއްޞަކަމެއް އޮތީ ހެއްޔެވެ؟] މުޢާޒު ލާނެއްފާޑަކަށް މިހެން ބުނެލުމުން ރަމްލާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

މުޢާޒު ދިއުމަށްފަހު އިރުކޮޅެއް ވަންދެން ރޭގެ ކަންތަކާމެދު ވިސްނަން އޭނާ އިނެވެ. ދެން ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. މިއަދު ހުރިހާކަމެއް ތަންކޮޅެއް އަވަހަށް ކުރަންވާނެއެވެ. ރެއަށް ރަނގަޅު ކާއެއްޗެއް ހަދަންވާނެއެވެ. އެހެންކަމުން އޭނާ ކަންތައްތަކާ އުޅެގަތެވެ. ގޭތެރެ ސާފުކުރުވިއެވެ. ޚާއްޞަކޮށް ސްޓަޑީރޫމް ރީތިކޮށް ޒީނަތްތެރި ކުރިއެވެ. މަޢޫޒު ފެންވަރުވާފައި ރީތިކުރިއެވެ. މެންދުރު ކައްކާފައި މުޢާޒަށް އޮފީހަށް ފޮނުވިއެވެ. ދެން އޭނާ ފެންވަރަން ވަނެވެ. މިއަދަށް އޭނާ ހޮވާފައި އޮތީ ވަރަށްރީތި ރަތްކުލައިގެ ހެދުމެކެވެ. އޭގެ ދޯޕައްޓާ އޮތީ ގޮޅިފޮތިން ފަހާފައެވެ. ފެންވެރުމަށްފަހު އޭނާގެ ދިގު އިސްތަށިގަނޑު ހިއްކިއެވެ. އަދި ލޯގަނޑުކައިރީގައި ހުރެގެން ރީތި މޭކަޕެއް ކުރިއެވެ. ލޯގަނޑުން އޭނާގެ ހިޔަނި ފެނުމުން ޚުދް އޭނާ ލަދުގަތެވެ. އޭނާ މިގޮތަށް ނަލަހެދިލައިގެން ހުއްޓާ މުޢާޒަށް ފެނިއްޖެއްޔާ އުފަލުން ނަށައިގަންނާނެއެވެ.

ރަނގަޅަށް ސެންޓް ބުރުވާލައިގެން ބޭރަށް ނުކުތުމާއިއެކު ސިހިއްޖެއެވެ. ހީވީ ބިންގަނޑު އޭނާގެ ފައިގައި ހިފެހެއްޓި ހެންނެވެ. ކުރިއަކަށްވެސް ނުދެވުނެވެ. ފަހަތަކަށްވެސް ނުޖެހެވުނެވެ.

މައިދައިތަ ޓެކްސީން ފައިބަނީއެވެ.

ތެދެކެވެ. ވޭތުވެދިޔަ ހަމަސް ދުވަހުއްސުރެ އޭނާ މަންމަ އައުމަށް އެދުނެވެ. އެކަމަކު މިއަދު އެމަންމަ ފެނުމުން ކުއްލިއަކަށް އޭނާގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާގެ ހުރިހާ އުއްމީދުތަކެއް ވެއްޔާ މޮޑެވިއްޖެއެވެ. މިވަގުތު ކުއްލިއަކަށް މަންމަ އައުމުން އޭނާ ކަންބޮޑުވީ ކީއްވެގެން ކަމެއް ނޭގުނެވެ.

މަންމަ މަޑުމަޑުން ހިނގާފައި އައިސް ރަމްލާގެ ކައިރިއަށް ހުއްޓިފައި ޙައިރާން ކަމާއިއެކު ބުންޏެވެ.

[ދަރިފުޅާއެވެ. ހާލު ކިހިނެއް ހެއްޔެވެ.]

ރަމްލާއަށް ހޭވަރިކަންވީ ދެނެވެ. އޭނާ ކުރިއަށް ޖެހިލާފައި މަންމައާ އޮޅުލައިގަތެވެ. ދެން ބުނަން ފެށިއެވެ.

[މަންމާއެވެ. ތިޔަގޮތަށް ކުއްލިއަކަށް ދުރުވެފައި އަޅުގަނޑު ޙައިރާން ކުރުވައިފީމުއެވެ.

[ކުޑަމީހާ ކޮބައި ހެއްޔެވެ.] ފަރާތް ފަރާތަށް ހޯދާލާފައި މަންމަ ބުންޏެވެ.

[އެފަރާތުގައި ކުޅެން އެބައުޅެއެވެ. ގޮވަންތޯއެވެ.....]

[ނޫނެކެވެ. އަމިއްލައަށް އަތުވެދާނެއެވެ.] މަންމަގެ މޫނުމަތީގައި ހުރީ ވަރުބަލިކަމުގެ އަސަރެވެ. އޭނާ ގޮނޑިއަށް ދެފައި ނަގައިގެން އިށީނދެއްޖެއެވެ.

ރަމްލާ މަންމަގެ ހުރިހާ ސާމާނެއް ކޮޓަރިއަށް ފޮނުުވައިފިއެވެ..... އޭނާ ބުންޏެވެ.

[ހޫނު ސައިތައްޓެއް ގެންނަންތޯއެވެ.]

މަންމަ އެކައްޗެކޭވެސް ނުބުނެއެވެ.

ރަމްލާ ބަދިގެއަށް ހިނގައްޖެއެވެ. އުނދުން މައްޗަށް ސައިކުރާ އުދާފައި އޭނާ އަމިއްލަ ހެދުމަށް ބަލާލިއެވެ. މިއަދު އޭނާހުރީ ވަރަށް ޚާއްޞަގޮތަކަށް މުޢާޒާ އިސްތިޤްބާލު ކުރަންވެގެންނެވެ. ފިރިންދެކެ ލޯބިވާ އަނބިން އެމީހުންގެ ފިރިމީހާއާ ބައްދަލުކުރާ އުޞޫލުންނެވެ. މިއަދު އޭނާގެ ހިތުގައި ވަރަށްގިނަ ވާހަކަ ޖަމާވެފައި އެބަހުއްޓެވެ. މިއަދު އޭނާ ބޭނުންވަނީ ހަމައެކަނި މުޢާޒުގެ ކައިރީގައި އިނުމަށެވެ. މިއަދު މަންމަ ނައިނަމަ މިއަދު މިރޭ އޭނާ ހޭދަކުރާނީ މުޢާޒުގެ ކައިރީގައެވެ. ރަމްލާގެ ހިތުގައި މަންމައާއިމެދު ކުޑަވަރެއްގެ ޙަސަދަވެރިކަމެއް އުފެދިއްޖެއެވެ. ގިނައިރު މުޢާޒު އިންނާނީ މަންމަގެ ކައިރީގައިކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އަދި މިހާ ގިނަދުވަސް ވަންދެން ނުފެނި ހުރުމަށްފަހު ކުއްލިއަކަށް މަންމަ ފެނުމުން މުޢާޒު އެއްގޮތަކަށްވެސް ދުރަށް ނުދާނެކަން ރަމްލާއަށް އެނގެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 263 އިން 265 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން