ރައީސް މުހައްމަދު ނަޝީދަކީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރު ކަމަށް ވިދާޅުވެ އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރެއިން ސަރުކާރު ބަލިކަށިވާ ގޮތަށް ކަމެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީގެ އެންމެ މުހިއްމު މަޤުޞަދަކަށްވާންވާނީ ވެރިކަން ދެމެހެއްޓުން ކަމަށް ވިދާޅުވެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެެވެ. އެކަމަށް ރައްދުދެއްވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދަކީ ހަރުކަށި ފިކުރުގެ ވާހަކަދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރު ކަމަށެވެ. އެމަނިކުފާނަށް ހަމަލާދީ ބޮންގޮއްވައި ޒަޚަމްކޮށްލުމުން، އެ ހާލުކޮޅުގައި އޮންނަވައިގެން އެހާލަތަށް ޤައުމު ދިއަ ސަބަބާއި ހައްލުކުރަން ފަސްޖެހުމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނީ ކޮން ވާހަކައެއްތޯ ވިދާޅުވެ އިންތި ވަނީ ސުވާލު ކުރައްވާފައެެވެ.

ސަރުކާރުން ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވީ ސަރުކާރުގެ ކޯލިޝަނުގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ސަބަބުން ތާށިވެފައި ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ޞާލިހަށާއި ސަރުކާރަށް މިފަދަ ތުހުމަތު ތަކެއް ކުރެއްވި ނަމަވެސް ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ސަރުކާރުން އަންނަނީ ރާއްޖޭގައި އޮތްކަމަށް ބުނާ ހަރުކަށި ފިކުރާއި ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ސަލާމަތީ ބާރުތަކުން އެފަދަ ފަރާތްތައް ހޯދައި ހައްޔަރުކުރުމަށް މުޅި ގައުމުގައި އޮޕަރޭޝަންތައް ހިންގައި ސަލާމަތީ ގޮތުން ހަރުދަނާ ފިޔަވަޅުރަކެއް އަޅަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ހަރުކަށިފިކުރަށް ތާއީދުކޮށް އެފަދަ ފިކުރުތަކަށް ތަރުހީބުދޭ ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކުމަކީ ސަރުކާރު ބަލިކޮށްލައި ގައުމުގެ އިގުތިޞާދު ހަލާކުކޮށްލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

އަދި ރައީސް ޞާލިހާއި އަދި ސަރުކާރާއި ދެކޮޅަށް ރައީސް ނަޝީދު ތެދުވެވަޑައިގެން ވާހަކަ ދައްކަވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާނީ އެމަނިކުފާނު ކަމަށްވެސް ވަނީ އިޢުލާން ކުރަށްވާފައެވެ. މީގެއިތުރުން ނިޒާމު ބަދަލުކުރުމަށްޓަކައި އިދިކޮޅާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން