"މަނިކުފާނު"، މި ނަން ކިޔާއިރު، މީގައި ހިމެނޭ ފުރަތަމަ ނޫނުގެ އަޑު ފާޅުކުރާނީ ބަރުކޮށް ޱަވިޔަނީގެ އަޑުންނެވެ. އަޑު ނިކުންނަ ހަމައިން ލިޔާނަމަ އޮންނާނީ މަޱިކުފާނެވެ. އިހުގެ މުސްކުޅި ލިޔުންތަކުގައިވެސް ލިޔެވިފައި ހުރީ އެގޮތަށެވެ. މިއީ ދިވެހީން ދަރަޖަތަކަށް ބެހިފައި އޮތް ޒަމާނުގައި ރަސްކަމުގެ ޚާންދާނުތަކުން އައިސްފައިވާ މީހުންގެ ނަމުގެ ފަހަތަށް ބޭނުންކޮށް އުޅުނު ދަރަޖަ ނަމެކެވެ.
މިގޮތުން ދިވެހި ތާރީޚުން އެންމެ ދުރުން ފެންނާން އޮތް އެއް މަނިކުފާނަކީ ހިލާލީ ދަރިކޮޅުން ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި، އައްސުލްޠާން ޢުމަރު ސިރީ ލޯކަ ސުންދުރަ މަހާރަދުންގެ ދަރިކަލުން މާލޭ ރަށްދެބައިގޭ މުޙައްމަދު މަނިކުފާނެވެ. މިއީ މީލާދީން 15 ވަނަ ގަރުނުގެ ފަހުކޮޅު އަދި 16 ވަނަ ގަރުނުގެ ކުރީކޮޅު، ތިން ފަހަރެއްގެ މަތީން ރަސްކަންކުރެއްވި ކަޅު މުޙައްމަދު ރަސްގެފާނެވެ.
ހިލާލީންގެ ދުވަސްވަރަށް ފަހު، ނަމުގެ ފަހަތަށް މަނިކުފާނު ބޭނުންކޮށް އުޅުނީ އިސްދޫ ރަސްދަރިކޮޅުގެ ބޭބޭފުޅުންނާއި އަދި އެއަށްފަހު ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންނާއި ހުރާ ދަރިކޮޅުގެ ކުރީކޮޅުގައި އެ ދަރިކޮޅުގެ ބޭބޭފުޅުންނެވެ. ފަހުން ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ދަރިކޮޅުގެ ބޭފުޅުންނަށާއި (މީގެ ތެރެއިން ޚާއްޞަކޮށް ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުންގެ ބޭބޭފުޅުން ފާހަގަކުރެވޭ) ހުރާ ދަރިކޮޅުގެ ބޭބޭފުޅުން ނަމުގެ ފަހަތަށް މަނިކުފާނުގެ ބަދަލުގައި "ދީދީ" ބޭނުންކުރައްވަން ފެއްޓެވީއެވެ.
ދިޔަމިގިއްޔާއި ހުރާ ދަރިކޮޅުގެ ރަސްދަރިކޮޅުން ވަޑައިގެންނެވި ބޭބޭފުޅުން ދީދީންނަށް ވުމަށްފަހު ނަމުގެ ފަހަތަށް ދަރަޖަ ނަމެއްގެ ގޮތުގައި މަނިކުފާނޭ ކިޔައި އުޅޭ ހަމައެކަނި ބަޔަކީ އިސްދޫ ރަސްދަރިކޮޅުން ވަޑައިގެން ތިއްބެވި ބޭބޭފުޅުން ކަމުގައިވެއްޖެއެވެ. މިގޮތުން މިދަރިކޮޅުގެ މަނިކުފާނުން އެންމެ ގިނައީ އިސްދޫ އަލިރަސްގެފާނުގެ ހަސަން މަނިކުފާނު، އާދެ ދިހަވަނަ ހަސަން ރަސްގެފާނުގެ ފުށުން ދަރިކޮޅު ފެތުރިފައި އޮތް އައްޑުއަތޮޅުގައެވެ.
އައްޑުއަތޮޅުގައި އިސްދޫ ދަރިކޮޅުގެ ބައެއް މަނިކުފާނުންގެ ފިރިހެން ބޭބޭފުޅުންގެ ނަމުގެ ފަހަތަށް "ރަހާ" އަދި އަންހެން ބޭބޭފުޅުންގެ ނަމުގެ ފަހަތަށް "ރަނާ" ވެސް ކިޔައިއުޅުނެވެ. އައްޑޫގައި މަނިކުފާނު، މި ނަން ދެ ގޮތަކަށް ކިޔައި އުޅެއެވެ. އެއީ މަޱުކާނު އަދި މަޱިކުހާނެއެވެ.
އިހު ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް އިންޑިޔާގެ މަލިކުގައިވެސް އެރަށުގެ ބޮޑުންގެ ނަމުގެ ފަހަތަށް މަނިކުފާނު ބޭނުން ކުރެވެއެވެ. ބުނެވޭ ގޮތުގައި މަލިކުގެ ބޮޑުންގެ ދަރިކޮޅުތަކަކީ ދިވެހި ރަސްދަރިކޮޅަކުން އުފެދުނު ދަރިކޮޅުތަކެކެވެ.
ދިވެހިރާއްޖޭގައި މަނިކުފާނު ދަރަޖައިގެ އަންހެނުންނަށް އިހުގައި ކިޔާފައި ހުރީ މަނިކަފާނު ނުވަތަ މަނިކެފާނެވެ. އެހެންނަމަވެސް ފަހުން އަންހެނުންނަށްވެސް ކިޔައި އުޅުނީ "މަނިކުފާނު" އެވެ. މިއާ ޚިލާފަށް މަލިކުގައި މަނިކުފާނު ދަރަޖައިގެ އަންހެނުންނަށް ކިޔައި އުޅެނީ "މަނިކަ" އެވެ. ދިވެހިރާއްޖޭގައި އަންހެނުންނަށް "މަނިކެ" ނުވަތަ "މަނިކަ" (ފަހުން ހަމަ އެކަނި މަނިކެއަށް ބަދަލުވެފައި) ބޭނުންކުރީ ތަކުރުފާނު ދަރަޖައިގެ މީހުންގެ އަންހެން ދަރީންނަށެވެ. އަދި ފަހުންފަހުން އައިސް ކަލޭގެފާނުންގެ އަންހެން ދަރީންނަށްވެސް މަނިކެ ކިޔައި އުޅުނެވެ. މަނިކެގެ ފިރިހެން ނަމަކީ "މަނިކު" އެވެ.
އިހުގައި ނަމުގެ ފަހަތަށް ދީދީއޭ ކިޔައި ފިރިހެން ބޭބޭފުޅުންނާއި މުޚާޠަބުކުރެވޭ އިރު މަނިކުފާނު ބޭނުންކުރެވެއެވެ. މިގޮތުން އަންހެން ބޭފުޅެއް ނަމަ ބޭނުންކުރަނީ "ކަމަނާ" ނުވަތަ "ކަމަނާފާނު" އެވެ. އަދި ފަނޑިޔާރުކަން ނުވަތަ ކޮލިލައިގެން ދެވޭ ދަރަޖައަކާއި ގުޅިގެން ދީދީންނަށް މަނިކުފާނުގެ ނަން ބޭނުންކޮށް އުޅުނެވެ. މީގެ މިސާލަކީ ދަރަވަންދޫގޭ ޙުސައިން ދީދީއަށް ފަނޑިޔާރު މަނިކުފާނޭ ކިޔުމާއި އައްޑޫ މީދޫ ދެށެނާގެ މުޙައްމަދު ދީދިއަށް ފެންނާ މަނިކުފާނޭ ކިޔުމެވެ.
އިސްވެ ބަޔާންކުރެވުނު ފަދައިން ދިޔަމިގިއްޔާއި ހުރާ ރަސްދަރިކޮޅުގެ ބޭބޭފުޅުން މަނިކުފާނު ކެނޑި ދީދިވުމަށްފަހު މަނިކުފާނުންނަކީ ތަކުރުފާނުންނާ އެއް ދަރަޖައެއް ކަމުގައިވިއެވެ. އަދި މަނިކުފާނުންނާ ވާހަކަދެއްކުމުގައި މުޚާޠަބުކުރެވޭ ދަރަޖަ ލައްބަދުރުވުމުގެ ދަރަޖައަށް ބަދަލުވިއެވެ. އެޔާއެކު ކޮލިލެވިގެން ދަރަޖަދެވޭ ނުވަތަ ކަތީބު/މުދިން ފަދަ މަގާމުތަކަށް އަންނަ މަނިކުފާނުން ކަލޭގެފާނުންނަށް ވިޔެއެވެ. މިސާލަކަށް މޫސާ މަނިކުފާނަށް ހިރިހަމާންތިކަމަށް ކޮލިލެވުނީމާ ހިރިހަމާންތި ކަލޭގެފާނަކަށް ވިއެވެ.
މާ ދުރު ނޫން މާޒީއެއްގައި، މީގެ އަހަރުތަކެއް ކުރިން ދީދީންގެ ނަމުގެ ކުރިޔަށް އަލްފާޟިލް/އަލްފާޟިލާ ބޭނުންކުރި އިރު މަނިކުފާނުންނަށާއި ތަކުރުފާނުންނަށާއި ދެން ތިބި މީހުންނަށް ބޭނުންކުރީ އަލްމުޙްތަރަމް/އަލްމުޙްތަރުމާ އެވެ.
މިހާރު ދިވެހިރާއްޖޭގައި ނަމުގެ ފަހަތަށް މަނިކުފާނު ބޭނުންކޮށް އުޅެނީ ވަރަށްވެސް މަދުންނެވެ. އެންމެ ގިނައިން ފެންނަން ހުރީ އައްޑުއަތޮޅުންނެވެ. އެއީ މުޅީންހެން އިސްދޫ ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭބޭފުޅުންނެވެ. އަދި މީގެ އިތުރުން އައްޑުއަތޮޅު ގަމުގައި އުޅުއްވި (ފަހުން ފޭދޫގައި އުޅުއްވާ) އިސްދޫ ދަރިކޮޅާއި ގުޅިފައިވާ ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންނަށެވެ. އިންޑިޔާގެ މަލިކުގައިވެސް މިޒަމާނުގައިވެސް ކޮންމެވެސް ވަރަކަށް މަނިކުފާނު ކިޔައިއުޅެއެވެ. އަދި ދިވެހިރާއްޖެއާ ޚިލާފަށް ޒުވާން ކުދިންނަށްވެސް މަލިކުގައި މަނިކުފާނޭ ކިޔައި އުޅެއެވެ.
ލިޔުނީ: މުޙައްމަދު ނާޖިޙު
މިއީ އެކި ގޮތްގޮތުން ތަފާތު އެކިއެކި ލިޔުން ކިޔައިގެންނާއި އެކި މީސްމީހު ގާތުން ފިލާފައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު