އޭއެފްސީ ކަޕް ޕްރިމިލިނަރީ ސްޓޭޖްގެ 2 ވަނަ ބުރުގައި ކްލަބް ވެލެންސިޔާ ކުޅެން ހަމަޖެހިފައިވާ މެޗަށް ނުދިއުމުން ކުޅިވަރާބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ވަނީ ބަންގްލަދޭޝަށް ދާން ހަމަޖެހިފައި އޮތް ދަތުރު ކްލަބް ވެލެންސިއާއިން ކެންސަލް ކުރުމާ ގުޅިގެން، ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މީޑީއާތަކަށް މައުލޫމާތުދީފައިވާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފައެވެ.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ދަތުރުކުރުމަށްޓަކައި، ޓީމުގެ ޓިކެޓާއި އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައިދިނުމަށް އެދި މިނިސްޓްރީއަށް ކްލަބް ވެލެންސިއާއިން ހުށަހަޅާފައިވަނީ މިހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހުކަމަށެވެ.

އެ ފުރުސަތަކީ އޭ.އެފް.ސީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ލިބިފައިވާ ފުރުސަތެއްކަމުން، އެ ކުލަބުން އެދިފައިވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައިކަމަށްވެސް ބަޔާނުގައިވެއެވެ. އެގޮތުން، ޖުމްލަ 27 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓަށްވާ 28,809 އެމެރިކާ ޑޮލަރު، އަދި އެކޮމޮޑޭޝަނަށްވާ 4731 އެމެރިކާ ޑޮލަރު، (ޖުމްލަ 33,540 އެމެރިކާ ޑޮލަރު) ޚަރަދުވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

"މިފައިސާ 7 އެޕްރީލް 2022 ގައި ކްލަބް ވެލެންސިޔާއަށް ޖަމާކޮށްދިނުމަށް ބެލިއިރު ކުލަބުގެ އެކައުންޓެއް ނެތްކަމަށް މިނިސްޓްރީއަށް ކްލަބުން މައުލޫމާތު ދިނެވެ. އެހެންކަމުން ދެން ބެލީ އެ ފައިސާ އެފް.އޭ.އެމްގެ އެކައުންޓަށް ޖަމާކުރުމަށެވެ. ނަމަވެސް 8 އަދި 9 ވަނަ ދުވަހަކީ ހަފްތާ ބަންދަށް ވުމާއެކު، ކުލަބު ވެލެންސިއާއިން 9 އެޕްރީލް 2022 ވަނަ ދުވަހުގެ ރޭ އަލުން އެ ޓިކެޓް މިނިސްޓްރީން ނަގައިދިނުމަށް ސިޓީ ފޮނުވުމާ ގުޅިގެން، ހަމަ އެރޭ ވަގުތުން ޓިކެޓް ނަގައިދެވިފައިވެއެވެ." ބަޔާނުގައިވެއެވެ.

ޔޫތު މިނިސްޓްރީގެ ބަޔާނުގައި، ވެލެންސިޔާއިން ދަތުރުކޮށްފައި ނުވަނީ ހުރުމާއި ކެއުމަށް ބޭނުންވާ ފައިސާ ނެތުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އެފައިސާވެސް ހަމަޖައްސައިދޭން މިނިސްޓްރީން ނިންމާފައިވާކަމަށް ބުނެފައި ވެއެވެ.

"ނަމަވެސް، ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ވަގުތުން ވަގުތަށް ފައިސާ ނަގައި ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އާންމު އުސޫލެއްގެ ގޮތުން ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ފައިސާ ޖަމާވަމުންދަނީ ޕޯސްޓް ކުރާތާ 14 ދުވަސް ފަހުން ކަމަށް ވުމާއިއެކު، މިގޮތަށް މުބާރާތްތަކަށް ހިނގާ ޚަރަދުތަކަށް ރީއެމްބާސް ކުރާގޮތަށް ޒިންމާވަމުންދަނީ ކުލަބުތަކުންނެވެ. އެތައް މަހެއްގެ ކުރިން މެޗް ޝެޑިއުލް ލިބިފައިވާއިރު، ފުރަން 24 ގަޑިއިރަށްވާއިރުވެސް ބިދޭސީ ކުޅުންތެރިންގެ ވިސާގެ ކަންކަން ހަމަޖައްސާފައި ނުވާ ކަމީ ނުހަނު ހިތާމަކުރާ ކަމެކެވެ." މިނިސްްޓްރީގެ ބަޔާނުގައިވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ ކުލަބުތަކަކީ ޤާނޫނުން ބާރުލިބިދޭ އަމިއްލަ މިނިވަން ޝަޚްސުތަކެއް ކަމުން، އެ ކުލަބަކުން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖެއްސުމަކީ، އެ ކުލަބެއްގެ ޒިންމާއެއްކަމަށެވެ. އަދި ކްލަބްތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަކީ މި މިނިސްޓްރީގެ މޭންޑޭޓެއް އަދި މަސައްކަތެއްވެސް ނޫންކަމަށެވެ.

ކްލަބް ވެލެންސިޔާއިން އެދުނު ގޮތުގެ މަތިން 10 އެޕްރީލް 2022 ވަނަ ދުވަހު ޓީމު ފުރާގޮތަށް، މިނިސްޓްރީން ޓިކެޓް ނަގައިދިން ކަމުގައިވިޔަސް، އެ ކުލަބުން ދަތުރުކޮށްފައި ނުވާތީ އެކަމާ މިނިސްޓްރީން ނުހަނު ކަންބޮޑުވާކަމަށް ބަޔާނުގައިވެއެވެ. އަދި، މިއީ ނޮން ރިފަންޑަބަލް ޓިކެޓެއްކަމުން، ފަސްޓް ޑިވިޝަން ކުލަބްތަކަށް ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން ކުލަބް ވެލެންސިއާއަށް ދޫކުރާ ފައިސާ، ކުރިއަށް އޮތް ތަނުގައި ދޫކުރާނީ، ޓިކެޓަށް ޚަރަދު ކުރެވިފައިވާ އަދަދު އުނިކުރުމަށްފަހު ކަމުގައިވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްްޓްރީގެ ބަޔާނުގައި ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ ތަމްސީލުކުރަން ލިބޭ މިފަދަ ފުރުސަތުތައް ގެއްލުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމުގައިވާތީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ލޮލް

15-Apr-2022

އަހަރެމެން މާހިތާމަކުރަން ކަލެއާ ބަސްސާމާ 2 މީހުން ތިމަގާމުގާ ރާރި ކާއިގެންތިބެ މިގައުމު ފުޓުބޯޅަދުވަސްދުވައްވާލާތީ


-4

ލޮލް

15-Apr-2022

އަހަރެމެން މާހިތާމަކުރަން ކަލެއާ ބަސްސާމާ 2 މީހުން ތިމަގާމުގާ ރާރި ކާއިގެންތިބެ މިގައުމު ފުޓުބޯޅަދުވަސްދުވައްވާލާތީ



ޓްރެންޑިން