މީގެ ސާދަ ސަތޭކަ އެތަކެއް އަހަރު ކުރިން އިންސާނުންގެ ތެރޭ އަނިޔާވެރިކަން އޮތީ ހައްދު ފަހަނަޅާ ފައެވެ. ގަބީލާ ތަކުގެ މެދުގައާއި އަދި ދޭދޭ މީހުންގެ މެދުގައި އޮތް ރުޅިވެރިކަމާއި ހަސަދައާއި ދުޝްމިން ކަމަކީ މިހާރު ދުނިޔަ މިދެކޭ ހާލަތާއި ނުބައްދަލު ހާލަތަކެވެ.

އިންސާނުންގެ ތަބީއަތުގައި ރުޅިވެރިކަމާއި ހަސަދައާއި ބަދަލު ހިފުމުގެ ރޫހަކީ ހުންނަ ނޭއްގާނީ ސިފަ ތަކެކެވެ. މިޔާ މުޅިން އިދިކޮޅު ސިފަތައްވެސް އިންސާނުންގައި މާތް ﷲ ވަނީ ލައްވާފަ އެވެ. އޯގާތެރި ކަމާއި އަޅާލުމާއި އެހީތެރި ވުމުގެ އިތުރުން މަޢާފު ކުރުމަކީވެސް އިންސާނުންގެ ތަބީއަތުގައި ލައްވާފައިވާ ސިފަތަކެވެ.

މިހުރިހާ ސިފަތަކެއް ވަކި ހުދޫދެއްގެ ތެރޭގައި ހިފަހެއްޓުމަށް އެންމެ ފުރިހަމަ ސިކުނޑިއެއް މާތް ﷲ ދެއްވީވެސް އިންސާނުން ނަށެވެ. އެކަލާނގެ އަންގަވާފައިވާ ސީދާ ސާދާ ގޮތުގައި މިދުނިޔޭގައި އުޅެވޭނަމަ ދެދުނީގެ ބާއްޖަވެރިކަން ލިބޭނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމަކެވެ. މިކަމާ އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.

އިސްލާމް ދީނުގެ ނޫރު މިބިއްމަތީގައި އެންމެ ފުރިހަމަ ގޮތުގައި ފެތުރެއްވެވީ ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ސަހާބީންނެވެ. މާތް ﷲ އިންސާނުން ދުނިޔޭގައި ލައްވާފައިވާ ބޭނުމާއި އަދި އިންސާނުން އުޅެންވާގޮތް ކީރިތި ނަބިއްޔާ މެދުވެރިކޮށް އަޅުތަކުންނަށްވަނީ ވަރަށް ފުރިހަމައަށް އެކަލާނގެ ވަޙީގެ ބަސްފުޅުން އަންގާވާ ދެއްވާފައެވެ. މިބިންމަތީގައި އިސްލާމްދީން ފުރިހަމަ ވުމާއެކު މީގެ ސާދަސަތޭކެ އެތަކެއް އަހަރު ކުރިން ދުނިޔޭގައި އޮތް ނޭއްގާނީ އަނިޔާވެރިކަން ނިމުމަކަށް އައެވެ.

ދިވެހިންނަކީ ވަރަށް އޯގާތެރި ބައެއްކަމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މީގެ ކުރިން ބުނަމުން ދިޔައެވެ. ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު އެފަދަ މާހައުލެއް ދިވެހިންގެ ތެރޭގައި އެބައޮތްތޯ ކޮންމެ މީހަކަށްވެސް ހިތާހިތާ ސުވާލު ކޮށްލެވޭނެއެވެ. ރަހުމް ކުޑަގޮތެއްގައި މިމުޖުތަމައުގައި މީހުން މަރާލާފައިވާ ކަމީ ފެންނަންއޮތް ހަގީގަތަކެވެ.

ސިޔާސީ ފަރާތްތަކުން މިކަމުގެ ޒިއްމާއަޅުވަނީ ވާދަވެރި އަނެއް ސިޔާސީ އިސްފަރާތްތަކުގެ ބޮލުގައެވެ. ނުވަތަ ދީނީ ހައްދު ފަހަނަޅާ ފައިވާ ބައެއްގެ ބޮލުގައެވެ. އަނެއްބަޔަކު ގަބޫލު ކުރާ ގޮތުގައި މިކަމުގެ ހަގީގީ މައްސަލައަކީ ރާއްޖޭގައި ގާއިމުވެފައިވާ ސިސްޓަމެވެ. ނަމަވެސް ފެންނާންއޮތް ހަގީގަތަކީ އެއްދުވަހުން އަނެއްދުވަހަށް 'ވަޔޮލަންޓް' ޒުވާނުން މިމުޖުތަމައުގައި ގިނަވަމުން އަންނަކަމެވެ.

ކޮންމެ ޒުވާނެއްގެވެސް މަންމަ އަކާއި ބައްޕައަކު ހުންނާނެއެވެ. ލޯބިވާ ތުއްތު ދަރިފުޅު 'ޕްރަޑަކްޓިވް' ޒުވާނަކަށް ނުވަތަ 'ޑިސްޓްރަކްޓިވް' ޒުވާނަކަށް ބަދަލުވެގެންދަނީ މައިންބަފައިންގެ ކުރިމަތީގަ އެވެ. ބޭނުންވާ ހުރިހާ އަސާސީ ކަންތައްތައް މައިންބަފައިން ބަރާބަރަށް ކޮށްދެއްވަ އެވެ. އެހެން ކަމަށްވާނަމަ އެލޯބި ތުއްތު ތުއްތު ދަރިފުޅު "ވަޔޮލަންޓް" ޒުވާނަކަށް ބަދަލުވެގެންދަނީ ކީއްވެތޯއެވެ؟ އެއީ ކާކުގެ ޒިއްމާއެއް ތޯއެވެ؟ ހަމަޔަގީނުންވެސް އާޚިރަތް ދުވަހުގައި މިކަމަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކީ މައިން ބަފައިން ނެވެ. ގައުމުގެ ވެރިޔާއެއް ނޫނެވެ.

މިހާރުގެ ޒުވާނުން މަގު އޮޅިގެންދަނީ އެއްވެސް ހާލެއްގައި ސިސްޓަމުގެ މައްސަލައަކުން ނޫނެވެ. އަހަރުމެން މުސްލިމުންނަށް ވީތީ އަހަރުމެންގެ ސިސްޓަމު އޮންނަންޖެހޭ މިންގަނޑާއި ހުދޫދު އެއޮތީ ވަރަށް ފުރިހަމައަށް އަހަރުމެންގެ އަންމަތީ ފޮތުގައި ސަރީހަ ބަހުން ބަޔާން ކޮށްދެއްވާފަ އެވެ. އެއީ މާތް ﷲ ގެ ކަލާންފުޅެވެ. ކީރިތި ޤުރުއާނެވެ.

އެފޮތުގައި އިންސާނުން އުޅެންވާ ގޮތް ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވާ ދަރިން ބޮޑުކުރުމުގައި މައިން ބަފައިންގެ ޒިއްމާ އާއި އަދި ދަރިން ބޮޑުވުމަށްފަހު ދަރިންގެ މައްޗަށް މައިން ބަފައިންނަށް އޮތް ޒިއްމާވެސް އެއޮތީ ލިޔެވިފަ އެވެ.

ހުޅަނގުގެ ޑިމޮކްރަސީ އުފަންވެގެން ދިޔައީ އިސްލާމީ ގައުމުތަކުގެ އެއްބައި ވަންތަކަން ފެނި އެއެއްބައި ވަންތަކަން ނެތި ކޮށްލުމަށެވެ. އެމީހުން އެފަރުމާ ކޮށްފައިވަނީ ވަރަށް ފުރިހަމަ އަށެވެ. އެމީހުންގެ އަސާސަކީ ވަރަށް ހަމަހަމަ އުސޫލު ތަކެކެވެ. ބަލާލާ ކޮންމެ މީހަކަށް އެއީ ހަމަ ދެވަނައެއް ނެތް ސިޔާސަތެއް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް އެއުސޫލުތައް ބަޔާންކޮށްފައި ވެއެވެ. އޭގައި ގިނައިން ލިޔެވިފައި އޮތީ މިނިވަން ކަމާއި ހަމަހަމަ ކަމެވެ. ނަމަވެސް ފަރުދީ ޒިއްމާއޮތީ ހަނދާންނެތި ކޮށްލާފަ އެވެ.

މިޑިމޮކްރަސީގެ ތެރެއިން ކަށަވަރު ކުރެވިފައިވާ ހައްގުތަކުގެ ސަބަބުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މައިން ބަފައިންނަށް ވެސް މިހާރު ގޮންޖެހުންތައް އެބަހުއްޓެވެ. ދަރިން މަގު އޮޅިގެންދާއިރު އިސްލާމީ އުސޫލުގެ ތެރެއިން ދެވެންޖެހޭ އަދަބުވެސް މިހާރު މިއޮތީ އަނިޔާއަކަށް ބަދަލު ވެފައެވެ.

ދަރިންގެ ހައްގުތައްވެސް ލިއްބާދޭން ޖެހެއެވެ. ނަމަވެސް އިސްލާމީ ރިވެތި އުސޫލުގެ ތެރެއިންނެވެ. މިނިވަން ކަމޭ، އިންސާނީ ހައްގޭ ކިޔާފަ ދަރިން ބޭނުންހާ ގޮތަކަށް އުޅެން ދޫކުރެވިގެން ނުވާނެ އެވެ. އެގޮތަށް ދޫކުރެވުމުގެ ނަތީޖާ މިހާރު ދިވެހި މުޖުތަމައުއިން މިދަނީ ފެންނަމުން ނެވެ. މައިންބަފައިންގެ ބަސްއަހާ އޯގާތެރި ކުދިން މިހާރަކަށް އައިސް ފެންނަނީ ވަރަށް މަދުންނޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ.

ގައުމުގެ ކަންކަން ބައްޓަން ކުރަން މިހާރު ތިބެނީ ސިޔާސީ މީހުންނެވެ. މުޖުތަމައުގެ އިޖްތިމާއީ ފޭރާން ހަލާކުވެ ނެތިގެން ދާއިރުވެސް ސިޔާސީ މީހުން ބަލަނީ އެމީހުންގެ ބާރު ކަންކަމުގެ މައްޗަށް ފޯރުވޭތޯ އެވެ. މީޑިއާތަކުގެ މިނިވަންކަން އޮތަތީވެ ފިތުނަ ފަސާދަ އުފެދޭގޮތަށް ޚަބަރުތައް ފަތުރަނީ ކަމުގެ ދެކޮޅު ނުބެލި އެވެ. ވާހަކައެއް ބުނެލާއިރު އެވާހަކައިން މުޖުތަމަޢުއަށް އޭގެ އަސަރު ކުރަނީ ކޮންގޮތަކަށްތޯ ބެލުމެއް ނެތެވެ. މުޅި މުޖުތަމައު މިދަނީ ޚަރާބުވެ ނިކަމެތި ވަމުންނެވެ. އެކަމާއި ދެކޮޅަށް ބަޔަކު އެއްޗެކޭ ބުނާއިރަށް މިއީ ޑިމޮކްރަސީއޭ، ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތަށް އުޅުމުގެ މިނިވަންކަން އެބައޮތޭ ކިޔަމުން ހަމަ ދެކޮޅަށް ދުވަނީ އެވެ.

އިސްލާމީ ރިވެތި އުސޫލު އަހަރުމެންގެ ތެރެއިން ނެތި ދަނީއެވެ. މިކަމުގެ ހަގީގީ ޒިއްމާ ނަގަންޖެހޭނީ އާޚިރުގައި މައިންބަފައިން ކަމާމެދު ދެބަސްވެވޭކަމަށް ނެތެވެ. ޒުވާނުން މަގު އޮޅެނީ ސިސްޓަމުގެ މައްސަލައަކުން އެކަންޏެއް ނޫނެވެ. އެއީ އީމާންތެރިކަން ނެތި އިސްލާމީ އުސޫލުން އެއްކިބާ ވުމުގެ ނަތީޖާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން