ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނެކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

"ތައްޔާރު" ނަމުގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފެދިގެން އަންނަ މައިގަނޑު އެއް ބޭނުމަކީ ވެރިކަމަށް އައުންކަމަށެވެ. އަދި އެމަގުން މަސައްކަތް ކުރުމަކީ ޖުމްހޫރީ ޕާޓީގެވެސް އަސާސް ބިނާވެފައި އޮތްގޮތް ކަމަށާއި، އެހެންކަމުން، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީންވެސް ކެންޑިޑޭޓަކު ނެރޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

"އެންމެފަހުން ބާއްވާފައި އޮތް ބައްދަލުވުންތަކުގައި އަޅުގަނޑުމެން ނިންމާފައި އޮތީ، ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަމަށް، ޖުމްހޫރީ ޕާޓީން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޖޭޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީ އަކުންތޯ ނުވަތަ ކޮންގްރެސްއަކުންކަންވެސް ކަނޑައަޅާނެ ކަމަށާއި އެކަންކަން ޕާޓީގެ ކައުންސިލުން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދަވާނެކަމަށެވެ. ނަމަވެސް ޔަގީންވާ އެއްކަމަކީ، ރިޔާސީ ރޭހުން ޖުމްހޫރީ ޕާޓީ ބާކީވެގެން ނުދާނެކަން ކަމަށާއި، ކޮންމެވެސް އެއްކޮޅެއްގައި ޔަގީނުންވެސް ޖޭޕީ އޮންނާނެކަމަށް ގާސިމް މިރޭ ވިދާޅުވިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިޚާބަށް ނުކުންނާނީ ކޯލިޝަނެއްގެ ތެރެއިންކަން ނުވަތަ ނޫންކަން ވެސް ނިންމާނީ ކޮންގްރެސްއާއި ކައުންސިލުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ތަނެއް ކުރިއަރައިގެންދަނީ، އެތަނުގައި ހެދިފައި އޮންނަ މާ ހަރުދަނާ ގަވައިދުތަކަކުން އެކަނި ނޫންކަމަށާއި، އެތަނެއްގައި ހަމައާއި އިންސާފު އޮތުމަކީ ކުރިއަރާ ދިޔުމަށް މުހިންމު ކަމެއްކަމަށެވެ. އަދި ރާއްޖެއަށްވެސް ބޭނުންވަނީ ދުބާއީ ފަދަ ތަންތަން ތަރައްގީ ކުރިފަދަ ވެރިއަކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެފައި ވާއިރު މީގެކުރިން ވެސް އެމަނިކުފާނު ވަނީ މިވާހަކަފުޅު މިގޮތަށް ދައްކަވާފައެވެ. ގިނަ ޕާޓީތައް ވާދަކުރާ ރިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގައި ރިޔާސީ އިންތިޚާބުތައް ބާއްވަން ފެށީއްސުރެ މިހާތަނަށް ވެރިކަން ކުރަށްވާފައިވާ ކޮންމެ ބޭފުޅަކު ވެސް އިންތިޚާބު ކާމިޔާބުކުރަށްވައި ވެރިކަމަށް ވަޑައިގެންފައި ވަނީ ގާސިމް އިބްރާހީމްގެ ތާއީދާއި މަދަދާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން