ދިވެހިންނަކީ ޒަމާނުއްސުރެ ތަޢުލީމައް ލޯބިކުރާ އަދި ދަރިންނަށް ތަޢުލީމު ޙާސިލުކޮށްދިނުމަށްޓަކައި ވަރަށް ބުރަކޮށް، އަދި އެހާމެ ގިނަ ހޭދަތަކެއް ކުރާބައެކެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ މި ކުޑަކުޑަ ވަސީލަތްތައް އެހާމެ މަދު އާބާދީގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުންނާއި އަސާސީ ތަޢުލީމު ނުލިބިފައިވާ މީހުންގެ އަދަދު ނިސްބަތުން މަދުކަމެވެ. 2006 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިވެހިރާއްޖޭގެ ސްޓެޓިސްޓިކުން ދައްކާގޮތުން ރާއްޖޭގެ އެޑަލްޓް ލިޓްރަސީގެ ރޭޓަކީ %98.7 އެވެ. މިއީ ހަމަގައިމުވެސް ހުރިހާ ދިވެހިންވެސް އުފާކުރާނެ ކަމެއްކަން ޔަޤީނެވެ.

އެހެންނަމަވެސް މިޒަމާނުގެ ތަޢުލީމަށްބަލާއިރު މިހާހިސާބުން ފަރުޖައްސާލައިގެން އަޅުގަޑުމެންނަކަށް ތިބެވޭކަށްނެތެވެ. ތަޢުލީމީ ދާއިރާ ކުރިއަރައި 21 ވަނަ ޤަރުނަށް ބޭނުންވާނެފަދަ ހުނަރާއި، މަޢުލޫމާތާއި، އަޚްލާޤުގެ ވެރިބަޔަކަށް ދަރިވަރުން ހަދަންއެބަޖެހެވެ. ވީމާ މިހާ ހިސާބަށް އަޅުގަނޑުމެންގެ ދަރިން ގެންގޮސްދިނުމަށްޓަކައި އަދުގެ ތައުލީމީ ވުޒާރާއިން ކުރަނީ ކޮންކަމެއްތޯ ބަލައިލުމަކީ ކޮންމެހެންވެސް މުހިއްމުކަމެކެވެ.



އެންމެ ފުރަތަމަވެސް ބަލާލަންބޭނުންވަނީ ތަޢުލީމީ ދާއިރާގައި މިފަދަކަންކަން ޙާސިލްކުރުމައްޓަކައި، ދިގުރާސްތާ ޕްލޭނެއް އެބައޮތްތޯއެވެ. އެހެނީ ދުނިޔޭގެ ތައުލީމީ ގޮތުން އެންމެ ކާމިޔާބު ގައުމުތަކުގައިވެސް މިފަދަ ދިގުރާސްތާ ޕްލޭންތަކާއި ތަސައްވަރުތަކެއް އޮންނަނީ ކަނޑައެޅިފައެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެބްސައިޓް ދިރާސާކޮށްލި އިރުވެސް ތަޢުލީމީ ދާއިރާގެ ތަސައްވަރެއް ނުވަތަ ވިޝަން އަދި މިޝަންއެއް ފެންނާކަށްނެތެވެ. ވެބްސައިޓުގެ ޕަބްލިކޭޝަންގެ ތެރޭގައި މިއަހަރު ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އަޕްލޯޑް ކޮށްފައިވާކަމަށް ދައްކާ އެޑިއުކޭޝަން ސެކްޓާރ ޕްލޭން، ފެންނާކަށް ނެތެވެ.



މިގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިވަނީ 2019 ން ފެށިގެން 2023 ވަނަ އަހަރަށް އެޑިއުކޭޝަން ސެކްޓަރ ޕްލޭން' މިނަމުގައި ޕްލޭނެއް ތައްޔާރުކޮށްފައެވެ. މިއީ 5 އަހަރުގެ ކުރުމުއްދަތުގެ ޕްލޭނެކެވެ. މިފަދަ ކުރުޕްލޭންތަކަށް އާއްމުކޮށް ކިޔައި އުޅެނީ ސްޓްރެޓެޖިކް ޕްލޭނެވެ. މިއީ މިސަރުކާރުގެ 5 އަހަރުގެ ތައުލީމީދާއިރާގެ ޕްލޭނެވެ. ރާއްޖޭގައި މިފަދަ ޕްލޭންތަކަކީ ކޮންމެ 5 އަހަރުން ބަދަލުވާ އެއްޗަކަށް މިވަނީ ވެފައެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ އެހެންބަޔަކު ކޮށްފައިވާ ކަންތައްތައް ކުރުމުގެ ބަދަލުގައި ކޮންމެވެސް އެހެންކަމެއް ކުރެވޭތޯއެވެ. މިއީ ތައުލީމީ ގޮތުން ކާމިޔާބު ހޯދާފައިވާ ގައުމުތަކުގައި މިކަން އޮންނަގޮތެއް ނޫނެވެ. މިފަދަ ގައުމުތަކުގައި ވަނީ ދިގުރާސްތާ ޕްލޭންތަކެއް ހެދިފައެވެ. މިސާލަކަށް 10 އަހަރާއި 15 އަހަރާއި ދެމެދުގައެވެ.



ކޮންމެއަކަސް މި ފަސްއަހަރު ދުވަހުގެ ޕްލޭން މިވަނީ ހެދިފައެވެ. ނަމަވެސް މިޕްލޭން ފެނިފައިވަނީ ކިތައް މުދައްރިސުންނަށާއި، ކިތައް ޕްރިންސިޕަލުންނަށާއި، އަދި މިނިސްޓްރީގެ ތެރޭގައި ތިއްބެވި ކިތައް ބޭފުޅުންނަށްތޯއެވެ. ހަމަގައިމުވެސް މިފަދަ ޕްލޭނެއް ޢާއްމުންނަށް ފެންނާން އޮތުމަކީ މުހިއްމު ކަމެކެވެ. އަދި މި ޕްލޭން ވަރަށް މަސައްކަތުން އިންޓަރނެޓުން ހޯދިއިރު މީގެ ދިވެހި ތަރުޖަމާއެއްވެސް ނެތެވެ. މިހެންކަމުން މީގައިވާ އެއްޗެއް އާއްމު ރައްޔިތުމީހާ އަށްވެސް ދޭހަވުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.



މި ޕްލޭން އެކުލަވާލައިފައިވަނީ މައިގަނޑު 4 ގޯލަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަމަހަމަ ފުރުސަތުގެ ތެރެއިން އުނގެނުމުގެ ކަންތައްތައް ހަރުދަނާކުރުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި ޓިވެޓް ޕްރޮގްރާމް ހަރުދަނާކުރުމާއި، އެންމެންނަށް ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމާއި، އަދި ފެންވަރު ރަނގަޅު ކާމިޔާބު ސްކޫލްތައް ހިންގުމަށްޓަކައި ތަޢުލީމީ ދާއިރާގެ ސިސްޓަމް ހަރުދަނާކުރުމެވެ. މިކަންކަމަކީ ތަފާތު އަހަރުތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތަކެކެވެ. މިގޮތުން 2019 ވަނަ އަހަރު 4 ގޯލްގެ ތެރެއިން ކުރަން ނިންމާފައިވާ ކަންތައްތަކަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 251,206,865 ދިވެހި ރުފިޔާއެވެ. މިގޮތުން ފުރަތަމަ ގޯލާއި ގުޅިގެން 2019 ވަނަ އަހަރު ވަނީ 38 ކަމެއް ކުރަން ނިންމާފައެވެ. މީގެ ތެރެއިން %40 މަސައްކަތްތައްވެސް ވަނީ ނުކުރެވިއެވެ. ވީމާ ޕްލޭނެއް ތައްޔާރުކުރިއަސް އެޕްލޭން ތަންފީޒް ނުކުރެވޭ ކަމަށްވާނަމަ އޭގެ ބޭނުމެއް ނެތެވެ. އަދި މީގެ ސަބަބަކީ ކޮބައިކަންވެސް ބަލާލުން ރަގަޅެވެ.



މިގޮތުން މިކަންކަން ކުރަން ތިބީ މިކަމަށް ކިހާވަރަކަށް ކުފޫހަމަވާ ބައެއްތޯ ބަލާލުން މުހިއްމެވެ. މިނިސްޓްރީގެ މަތީ ފަޑީގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ކަމުގެ ތަޖްރިބާ ނެތް އަދި ތަޖްރިބާހުރި ބޭފުޅުންނަކީވެސް މިފަދަ ކަމެއް މީގެ ކުރިން ކުރަށްވާފައި ނުވާ ބޭފުޅުންކަމަށް ވުމުން ޕްލޭންތައްވެސް ފެއިލްވަނީ ކަމަށް ވެދާނެއެވެ. ކަމުގެ ޢަމަލީ މައިދާނުގައި އުޅުއްވާ ބޭފުޅުންގެ ޚިޔާލެއް ނުހޯއްދަވައި މުޅިންވެސް ފެންނަނީ ސިޔާސީ މަންފާއަށްޓަކައި ކަންކަން ނިމިގެންދާ ތަނެވެ. މިގޮތުން ސެކްޓަރ ޕްލޭން ތައްޔާރުކުރުމުގައި ހެއްދެވި އެނަލިސިސްއަށް ވެސް މައުލޫމާތު ހޯދީ ކޮން ސްކޫލަކުންކަމާއި، ކިތައް މުދައްރިސުންނާއި، ކިތައް ޕްރިންސިޕަލުންނާއި، ކިތައް ދަރިވަރުންނާއި، ކިތައް ބެލެނިވެރިން ބައިވެރިކޮށްގެންކަން އެނގޭނެ ބަޔަކު ނެތްކަމެވެ. އަދި މިފަދަ ޕްލޭނެއް އޮންނަ ކަމެއްވެސް ގިނަ ބޭފުޅުންނަށް ނޭނގެއެވެ. ހަމަ މިފަދައިން މަޝްވަރާ ކުރާ ނަމުގައި ބޮޑެތި ހޭދަތައްކޮށްގެން ކަންކަން ކުރާ މަންޒަރުވެސް ފެނިގެންދިޔައެވެ.



މިގޮތުން ކަރިކިއުލަމް ރިވައިސް ކުރުމަށް ކަރިކިއުލަމް ސިމްޕޯސިއަމެއް ބޭއްވުނެވެ. މީގައިވެސް ބައިވެރިންނަށް އެބޭފުޅުންގެ ޚިޔާލުތައް ފާޅުކުރުމުގެ ފުރުސަތެއް ނުދެއްވައެވެ. ބައްދަލުވުންތަކަށް އަންނައިރުވެސް އޮންނަނީ އެބޭފުޅުން ބޭނުންވާ ގޮތްނިމިފައެވެ. އެހެންކަމުން އެއާ ދެކޮޅަށް އެއްޗެއް ބުނާނެ ފުރުސަތު ދިނުން އެބޭފުޅުންނަކަށް އެހާ ފަސޭހައެއް ނުވެއެވެ.

ކޮންމެއަކަސް މި ބައްދަލުވުމުންވެސް ވީ ކޮންފައިދާއެއްތޯއެވެ. އަދި ޢަމަލީ ގޮތުން ކުރެވުނީ ކޮންކަމެއްތޯއެވެ. ހަމަ މިއުސޫލުން ޕްރިންސިޕަލުންގެ މަހާސިންތާއެއްވެސް ބޭއްވުނެވެ. ކުރީ ކޮންފައިދާ އެއްތޯއެވެ. ސްކޫލްތަކުގެ ކަންކަން ބަލަހައްޓަވަން މިނިސްޓްރީގެ ތެރޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ގިނަފަހަރު ވާނުވާ ނޭނގެއެވެ. ބައެއްފަހަރު އެއީ ބާކީ ކޮށްފައިތިބޭ ބައެކޭވެސް ހީވެއެވެ. އަދި ޚުދު މިނިސްޓަރަށްވެސް ކަންކަން ނޭނގިދާކަން ފާހަގަ ކުރެވެއެވެ. މިފަދަ އުސޫލުން ކަންކަން ދާކަމަށް ވާނަމަ ސިސްޓަމް ހަރުދަނާވުމުގެ ބަދަލުގައި ވާނީ ވީރާނާއެވެ. ވީމާ ތަޢުލީމީ ދާއިރާގެ ކަންކަންވެސް މިދަނީ ދާންވާ ހަލުވިކަމާ އެކުގައެއް ނޫނެވެ. އަދި އެއްވެސް ރޭވުންތެރިކަމެއް ނެތިއެވެ. ކުރެވެނީ ނާއުއްމީދާއި މާޔޫސްކަމެވެ. މުސްތަގުބަލް ފެންނަނީ ބަނަކޮށެވެ.



ދެން ކުރަންފެށި ކަމަކީ ސްކޫލްތައް ސިންގަލް ސެޝަނަށް ބަދަލުކުރުމެވެ. މިގޮތުން 2019 ވަނަ އަހަރު މިކަން ތަޖްރިބާ ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި މިކަން ޕައިލެޓް ކުރެވުނެއވެ. އަދި 2020 ވަނަ އަހަރު އިތުރު ސްކޫލްތައް މިމޮޑެލްއަށް ކިޔަވައިދޭން ފެށުނެވެ. މިޕައިލެޓް ކުރެވުނު ސްކޫލްތަކުން ހޯދުނު ހޯދުންތަކަކީ ކޮބައިކަމެއް ނޭންގެއެވެ. އަދި ފެންނާކަށްވެސް ނެތެވެ. އަދި އެންމެ މުހިއްމު ކަމަކީ ހުރިހާ ތަނެއްގައިވެސް ޕައިލެޓް ކުރެވުނީ އެއް މޮޑަލް އެއްކަމެވެ. ނަމަވެސް ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާ، އެކި ރައްރަށުގެ ފޯރުންތެރިކަން ހުންނަ މިންވަރަށް ނުބަލާ ކުރުމަކީ މިކަން ތަންފީޒުކުރުމުގައި އަނެއްކާވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ. އަދި ސްކޫލްތަކަށް ލިބެންޖެހޭ ވަސީލަތްތައް ފުރިހަމަ ނުކޮށް މިކަން ކުރުމުން މީގެ ތަކްލީފު ނަގަންޖެހޭ ބަޔަކީ ދަރިވަރުންނާއި، މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިންނާއި، ބެލެނިވެރިންނެވެ. ދުވާލެއްގެ މައްޗަށް ބެލެނިވެރިން 6 ފަހަރު ސްކޫލަށް ދާންޖެހޭކަމެވެ. މިގޮތުން ހެނދުނު 6:00 ކަސްރަތު ގަޑިއަށް ގެންގޮސް، 7:00 ޖަހާއިރު ދަރިވަރުން ބަލައި ދިއުމާއި، އަދި 8:00 ޖަހާއިރު އަނެއްކާ ސްކޫލަށްލާން ޖެހެއެވެ. ހެނދުނުގެ ނާސްތާ ދޭން ދިއުމަށްފަހު، ސެޝަންނިމޭ ގަޑީގައި ބަލައިދާން ޖެހެއެވެ. މީގެ އިތުރަށްވެސް ބައްދަލުވުމެއް އޮތިއްޔާ އެއަށްވެސް ދާންޖެހެނީ ރަސްމީގަޑީގެ ތެރޭގައެވެ.

މިއީ އެހެނިހެން ޤައުމުތަކުގައި ސިންގަލް ސެޝަން ހިންގާ ގޮތެއް ނޫނެވެ. އެފަދަ ޤައުމުތަކުގައި ދަރިވަރު ސްކޫލަށްގޮސް ދެން އެނބުރި ގެއަށް އަންނަނީ އެކީ އެކައްޗަކަށް އެދުވަހުގެ ހުރިހާކަމެއްކޮށް ނިންމާލާފައެވެ. މިކަމުގެ އެންމެ ބޮޑު ޚަރަދެއްކުރަން ޖެހެނީ ދުރުހިސާބުތަކުން އަންނަ ދަރިވަރުންގެ ބެލެނިވެރިންނެވެ. އަދި ހަމަމިއާއެކު ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު (8 ގަޑިއިރު) ގިނަވުމުގެ ސަބަބުން ކުދިންނަށް އަރާމްކޮށްލާނެ ވަގުތު ނުލިބި މިހާ ގިނަވަގުތު ހޭދަކުރުމަކީ ކުދިންގެ ސިކުނޑިއަށާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި، ސިއްހަތަށް، އަދި ރާއްޖެ ފަދަ ހޫނު ޤައުމެއްގައި، ކިހާބޮޑު އަސަރެއްކުރާނެ ކަމެއްތޯ ދިރާސާނުކުރެވި މިކަން ތަންފީޒްކުރުމަކީ ކަމުގެ މާހިރުން ކަންބޮޑުވި ކަމެކެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ކުލާސްތަކަކީ އެއާރކޮންޑިޝަން ކުރެވިފައިވާ ކުލާސްތަކެއް ނޫނެވެ. ކުލާސްތަކުގެ ދޮރުތައް ބަހައްޓަން ޖެހެނީ މަދިރިން ސަލާމަތްކުރުމަށްޓަކައި ބަންދުކުރެވިފައެވެ. މީގެ އިތުރަށްވެސް މުދައްރިސުންނަށްވެސް ހަމަ މިކަންތައްތައް ތަޖްރިބާކުރަން ޖެހުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރަށްވެސް އަސަރުކުރެއެވެ. ހަމަމިއާއެކު ފާހަގަވެގެން ދިޔައީ ކަރިކިއުލަމް ތައްޔާރުކުރި ބޭފުޅުން އިރުޝާދު ދެއްވާފައިވާ ވަރަށްވުރެ މާއްދާތަކުގެ ކޮންޓެކްޓް ވަގުތު މަދުވެގެން ދިޔަކަމެވެ. މިސާލަކަށް ޤްރުއާން ހަފްތާއަކު 3 ޕީރިއަޑް އޮތްނަމަ ސިންގަލް ސެޝަންގައި ނަގަނީ 2 ގަޑިއެވެ.

މިއީ މުޤައްރަރު ނިންމުމުގައި މުދައްރިސުންނަށް ދިމާވާ ގޮންޖެހުމެކެވެ. އަދި ދަރިވަރުންނަށްވެސް އުނދަގޫވާނެ ކަމެކެވެ. ވީމާ މިގޮތަށް ދާންޖެހުމުން ކަރިކިއުލަމްގައިވާ ވަރަށް ގަޑިތައް ނުނެގެއެވެ. މިކަމުގައި މިކަރިކިއުލަމް ތައްޔާރުކުރި ބޭފުޅުންނާއި އަދި އެން.އައި.އީ އާ މަޝްވަރާކުރެވުނީ ކިހާވަރަކަށްބާއެވެ؟ ކުރިނަމަ މިގޮތަށް ކުރަން އެބޭފުޅުން ލަފާދިނުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ.

މި ހުރިހާ ކަމެއްގައިވެސް ފާހަގަ ކޮށްލަން ބޭނުންވަނީ ކަންތައްތައް ކުރުމުގައި މިނިސްޓްރީގެ ރިސާރޗް އެންޑް ޕޮލިސީ ސެކްޝަނުގެ ދައުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭ ކަމެވެ. ހާއްސަކޮށް ޕޮލިސީތައް ހެދުމުގައި ރިސާރޗް ނުކޮށް މިފަދަ ޕްލޭންތަކާއި ޕޮލިސީ ހައްދަވާކަމީ ޕޮލިސީތައް ފެއިލްވުމުގެ ސަބަބެވެ. އެންމެ ހައިރާންވާ ކަމަކީ އަދުގެ ތަޢުލީމީ ވަޒީރަކީ އެޑިއުކޭޝަނަލް ޕޮލިސީ ޕްލޭނިންގގެ ދާއިރާއިން ޕީ.އެޗް.ޑީ ހައްދަވާފައިވާ ބޭފުޅަކަށްވެފައި މިގޮތަށް ކަންތައްތައް ކުރުމަކީ އެކަމަނާގެވެސް މިކަންތައްތައް ކުރުމުގެ ޤާބިލްކަން ނެތްކަމެވެ.



ނާސްތާ ޕްރޮގްރާމްގެ ކަންތައްތަކަށް ބަލާލާއިރު، ނާސްތާ ޕްރޮގްރާމަކީ ސްކޫލްތަކުގައި ތިއްބަވާ ގިނަބޭފުޅުންގެ ނަޒަރުގައި އެންމެ ފުރިހަމަގޮތުގައި ހެދިފައިވާ ޕްރޮގްރާމެއް ނޫނެވެ. ގިނަ ބޭފުޅުން ދެކޭ ގޮތުގައި ނާސްތާ ދޭންވީ އެކަންކުރެވޭނެ ތަނަވަސްކަންނެތް ދަރިވަރުންނަށެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ މިނިސްޓްރީގެ ބަޖެޓް ވަރަށް ބޮޑުތަނުން ސަލާމަތްކުރެވި، އެހެން ކަންކަން ކުރަން އެފައިސާ ހުންނާނެއެވެ. ނާސްތާ ޕްރޮގްރާމަށް މަހެއްގެ މައްޗަށް ސްކޫލުގެ މުޅިއަހަރުގެ ބަޖެޓަށްވުރެ ބޮޑުއެއްޗެއް ޚަރަދުވެއެވެ. މި ޕްރޮގްރާމުން ދަރިވަރުންނަށް ފައިދާކުރުމުގެ ބަދަލުގައި ފައިދާކުރާނީ މި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ. އަދި ގިނަފަހަރު މި ފަރާތްތަކަކީ ސިޔާސީ ނުފޫޒުގެ ތެރެއިން މިކަންކަން ކުރަން ހަވާލުކޮށްފައި ތިބޭ މީހުންނެވެ. އެހެނީ މިކަންކުރި އިރުވެސް ޕްލޭނެއްނެތި ކަންތައްތައް ކުރެވިގެން ދިޔަ ވާހަކަތައް އިވުނެވެ.

އަދުގެ ތައުލީމީ ވުޒާރާއިން ކުރާކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭ މަންޒަރެއް ނުފެނެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ރާވާ ހިންގަން ތިއްބެވި ބޭފުޅުންގެ ލީޑަރޝިޕް ނެތުމެވެ. ސިސްޓަމް ތެރެއިން ފެއިލްވެފައި ތިބި ބަޔަކަށް އަނެއްކާވެސް ބޮޑެތި ޒިންމާތައް ޙަވާލުކުރީމާ ދެން ވާނެގޮތް ފެނިގެން މި ދަނީއެވެ. މި ދިވެހި ފަސްގަނޑުގައި މިކަންކުރާނެ ޤާބިލް ބޭފުޅުން ހަމަ ނެތީތޯއެވެ؟ މި ސަރުކާރު އައުމާއެކު ވަރަށްވެސް ފޮނި އުއްމީދުތައް ކުރެވުނެވެ. އެކަމަކު މިހާރު ނާއުއްމީދުވެ، ވަކިން ހާއްސަކޮށް ޤައުމުގެ އެންމެ މުހިއްމު ތަނބު ކައްޗަށް އެޅިގެންދާ ކަމާމެދު ހިތާމަކުރަމެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


5

އައިޝަތު

12-Jun-2020

200% ގެ ވާހަކައެއް



ޓްރެންޑިން