ހުޅުމާލޭގައި ހިންގާ ޚާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލްދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލާގައި އޭނާގެ ހަށިގަނޑު ތަހުލީލުކޮށް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު އުމަރުގެ ހެކިބަސް ނަގައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށް ދަޢުވާ އުފުލާފައިވަނީ ޕާކިސްތާނުގެ މުޙައްމަދު އާބިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ދަޢުވާ ދަޢުލަތުން ވަނީ އުފުލާފައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 26 ޖޫން 2022 ގައެވެ. އެ އަޑުއެހުމުގައި އާބިދު ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި އެޙާދިސާ ހިނގާފައިވަނީ ނަފްސުގެ ދިފާޢުގައި ގެނައި ޙަރަކާތެއްގެ ތެރެއިން ކަމަށް އާބިދުވަނީ ބުނެފައެވެ. އެހެންކަމުން ޤަސްދުމަރުގެ ދަޢުވާއަށް އިންކާރު ކުރާކަމަށް އާބިދު ބުނެފައިވެއެވެ.

މި މައްސަލާގައި އާބިދާ ދެކޮޅަށް ދަޢުލަތުން 11 ހެކިން ހުށައަޅާފައިވެއެވެ. އެގޮތުން މިއަދު ހެކިބަސްދެމުން އެމްޑީ ޝަމީމްގެ މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑރ. ޢުމަރު ވިދާޅުވީ އެމްޑީ ޝަމީމްގެ މޫނުމައްޗާއި މޭމައްޗަށް ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކަކީ އެއް ހަމަލާއަކުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ޑރ. އުމަރު ވިދާޅުވީ ޝަމީމަށް ލިބިފައިވަނީވެސް އެ ދެ ޒަހަމް އެކަނިކަމަށެވެ.

ޝަމީމް މަރުވި ސަބަބެއް ކަމަށް ބެލެވެނީ މޭމައްޗަށް ލިބުނު ޒަޚަމުގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވުމާއި، ފުއްޕާމެޔަށް ލޭ އެޅި ފުއްޕާމޭ ތާށިވުން ކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ. އަދި ދެ ޒަހަމް ވެސް ލިބިފައިވަނީ އެއް ލައިންއަކުން އައި ހަމަލާއަކުން ކަން ޑރ. ފާހަގަކުރެއްވިއެވެ.

މިއަދު ހެކިބަސް ނަގަން ހާޒިރުކުރި ކްރައިމް ސީނަށް ދިޔަ ފުލުހަކު ބުނެފައިވަނީ ސީނަށް ދިޔައިރު މުޅި އެތަން އޮތީ ދޮވެ ސާފުކޮށްފައި ކަމަށެވެ. ނަމަވެސް ސިންކު ތެރޭގައި ލޭ ހުރި ކަމަށް ފުލުސް އޮފިސަރު ވަނީ ބުނެފައެވެ.

ދަޢުލަތުން ހުށައަޅާފައިވާ 4 ހެކިންގެ ހެކިބަސް އަދިވެސް ނެގިފައިނުވާތީ މައްސަލަ ބައްލަވާ ގާޟީ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެފައި ވަނީ ހެކިން ޙާޟިރުކުރުމަށް ދަޢުލަތަށް ދެން ލިބޭނީ އެއްމެ ފަހު ފުރުސަތުކަމަށެވެ.

ބަންގްލަދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ އެމްޑީ ޝަމީމަށް ހުޅުމާލޭގެ ޚާންޖީ ރެސްޓޯރެންޓްގައި މިދިޔަ އޭޕްރީލްމަހުގެ 16 ވަނަދުވަހު ހަވީރު ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އެރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ އެ ރެސްޓޯރެންޓްގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ.

ޢާބިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ 15 ޖޫން 2022 ގައެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދި ކުށުގައި ބައިވެރިވެއްޖެކަން ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ޝާހިން މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް-2 ގެ ބީޗް ސަރަޙައްދުންނެވެ. އެ މައްސަލައާ ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޕާކިސްތާނުގެ މުހައްމަދު އާބިދު، ބަންގްލަދޭޝްގެ މީހާއަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓް ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން