ވިލިމާލެގައި ހުންނަ ސިނަމާލެ 4ގެ ފްލެޓްތައް އަމިއްލަ ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ބޮޑު ލުޔެއް ހަމަޖައްސައިދީފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސިނަމާލެ 4 އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރެއިން 540945 (ފަސް ސަތޭކަ ސާޅިސް ހާސް ނުވަސަތޭކަ ސާޅިސް ފަސްރުފިޔާ) މާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާކަމަށެވެ.


ފިނޭންސް މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް ފިނޭންސްމިނިސްޓްރީގައި އެދުމާއި ގުޅިގެންނެވެ. މި ނިންމުން ފިނޭންސް މިނިސްޓްރީން ނިންމުމާއި ގުޅިގެން އެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

"އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެދުނީ މިކަން ކޮށްދޭން. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުގައި އެދުނީ މިކަން ކޮށްދޭން. އަޅުގަނޑުމެންގެ އެދުމުގެ މަތިން މިކަން ސަރުކާރުން ކޮށްދިނީމަ ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން." މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން "ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލު" ގައިވާ ގޮތުގެ މަތިން ދައުލަތަށް ނުލިބޭނެ ފައިސާއެއްކަމުގައި އެފައިސާ ކަނޑައަޅާފައިވާކަމަށް ފިނޭންސުން އަންގާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ވިލިމާލެ ފްލެޓްތައް އަމިއްލަ ކުރުމަށް ފުރުޞަތު ދިނުމަށް ކައުންސިލުން ނިންމީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމީ މާލޭގައި ހުރި އެހެން ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުޞަތު އެ ފްލެޓްތަކުގެ ވެރިންނަށް ދިނުމަށާއި ވިލިމާލެ އާއި މާލޭގައި ހުރި 06 ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް ރައީސް އޮފީހުގައި އެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު