ރޮކް އެންޑް ރޯލް އަދި ޕޮޕް މިއުޒިކާއި ގިނަ ފިލްމު ތަކަކުން ފެނިގެން ދިޔަ އެލްވިސް ޕްރެސްލީގެ ހުރިހަމައެކަނި ދަރިފުޅު ލީސާ މެރީ ޕްރެސްލީ މަރުވެއްޖެއެވެ.

ލީސާ މޭރީ މަރުވީ ހިތުގެ ބައްޔަކަށް ފަރުވާ ދެމުންދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. 54 އަހަރުގެ ލީސާ މޭރީ މަރުވެފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައިކަން އޭނާގެ މަންމަ ޕްރިސިލާ ޕްރެސްލީ ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު ލީސާ މޭރީ ފުރަތަމަ ފެނުނީ ކޮޓަރީގައި ހޭނެތިފައި އޮއްވައެވެ. އަދި އެއާއެކު ލީސާ އާއި އެއްގެއެއްގައި ދިރިއުޅޭ އޭނާގެ ކުރީގެ ފިރިމީހާ ޑެނީ ކިއޯ އައިސް ލީސާ އަށް ސީޕީއާރު ދިން ކަމަށްވެއެވެ. އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވީނަމަވެސް، އާއިލާގެ ފަރާތުން މިކަން އަދި ޔަގީންކޮށްދީފައެއް ނުވެއެވެ.

ލީސާ މޭރީ ޕްރެސްލީ އެންމެ ފަހުން އާންމުކޮށް ފެނިފައިވަނީ އަންގާރަ ދުވަހުގެ ރޭ ބެވަރލީހިލްސްގައި އޮތް ގޯލްޑަން ގްލޯބް އެވޯޑްސްގަ އެވެ. ލީސާ މޭރީ މަރުވި ޚަބަރާ އެކު ހެޔޮއެދޭ އެތައްބަޔަކު ވަނީ އޭނާގެ ބައްޕަ އެލްވިސް ޕްރެސްލީގެ ގެކަމަށްވާ ގްރޭސްލޭންޑްގެ ގޭޓްތަކުގެ ބޭރުން ލީސާގެ ހަނދާނުގައި މަލާއި އުއްބައްތިން ފުރާލާފައެވެ.



1968 ވަނަ އަހަރު އުފަންވި ލީސާ މޭރީ ވަނީ އޭނާގެ ބައްޕަގެ ފަހަތުން މިއުޒިކުގެ ދާއިރާއަށެވެ. އެގޮތުން ތިން އަލްބަމެއް ނެރުނުއިރު، 2003 ވަނަ އަހަރު ނެރުނު ފުރަތަމަ ސްޓޫޑިއޯ އަލްބަމްގެ އެއް ލައްކަ ކޮޕީ ވިކި، ގިނަބައެއްގެ ލޯބި ލީސާއަށް ލިބިގެންދިޔައެވެ. މީގެއިތުރުން ލީސާގެ ކައިވެނިތަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. ލީސާ ވަނީ ޕޮޕް ލެޖެންޑް މައިކަލް ޖެކްސަން، އެކްޓަރު ނިކޮލަސް ކޭޖް އަދި މިއުޒީޝަނުން ކަމަށްވާ ޑެނީ ކީއޯ އާއި މައިކަލް ލޮކްވުޑް ފަދަ ފާހަގަކޮށްލެވޭ ތަރިންނާއި ކައިވެނިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން