ޑރ. މުޙައްމަދު ޝަހީމު އަލީ ޝަޢީދު
ޑރ. މުޙައްމަދު ޝަހީމު އަލީ ޝަޢީދު
ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާއުޅޭ ބަހުރުވައަކީ ޢަރަބި ބަހެވެ. ފައްސަތޭކަ މިލިއަން މީހުން ޢަރަބިން ވާހަކަ ދައްކައެވެ. އެއްތަނުން އަނެއް ތަނަށް ދަތުރު ފަތުރު ކުރުމަކީ ޢަރަބީންގެ ޠަބީޢަތުގައި ހުންނަ ކަމެކެވެ. އެއީ ޤަދީމީ ޒަމާނުއްސުރެ ޢަރަބީންގެ ފާހަގަކޮށްލެވޭ ސިފައެކެވެ. އެހެންކަމުން ޢަރަބި ދުނިޔޭގެ އެންމެ އާދައިގެ މީހާއަށް ވެސް އޭނާގެ އަމިއްލަ ބަހުން ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމާބެހޭ މަޢުލޫމާތު އޭނާގެ ގޭގައި އިނދެ ބަލައިލެވޭ ގޮތަށް މަގުފަހިކޮށްދެވިއްޖެ ނަމަ، ރާއްޖެއަށް ޢަރަބީންގެ ގިނަ ޢަދަދެއްގެ ޓޫރިސްޓުން އަންނާނެއެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ޢަރަބި މުއައްރިޚުންނާއި ލިއުންތެރިންގެ ނަޒަރުގައި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ.

ރާއްޖެ މި ވަގުތު އޮތް ޙާލަތަށް ބަލާއިރު ގިނަ ރައްޔިތުން ތިބީ ވަރަށް ދަތު ހާލުގައެވެ. މިދަތި ކުމަތިވި އެންމެ ބޮޑު ސަބަބަކީ ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓުމަކަށް އައުމެވެ. މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު މުޅިން ބަރޯސާވެފައި އޮތް ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައުމެވެ. މިކަމުގެ ސަބަބުން ގިނަ ބައަކަށް ލިބެމުންދިޔަ އާމްދަނީ ހުއްޓުމެވެ. ވަޒީފާތަކުގައި އުޅުނު ގިނަ ޒުވާނުންއެވަނީ ވަޒީފާގެއްލި އިޤުތިޞާދީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އަދި ރަށްރަށުގެ ގެސްޓް ހައުސްތައްވެސް ވަނީ ހުއްޓިފައެވެ. މުޅިން ފަޅުވެފައެވެ.

މިވަގުތު ރާއްޖެއަށްޓަކައި ފަރުދީ ގޮތުން ވެސް ކުރެވޭނެ ޤައުމީ ޚިދުމަތަކީ ރާއްޖެއަށް ޓުވަރިސްޓުން ގެނައުމުގެ ދައުވަތު ދުނިޔެއަށް ފެތުރުމެވެ. މިކަމުުގައި އިޚުލާސްތެރިކަމާއެކު ކަމަރު ބަންނަވައި ވަރުގަދަ އަޒުމާއެކު ކުރީ ސަފަށް ނިކުމެވަޑައިގެން އެންމެ ފުރަތަމަ އިސްނެންގެވި އެއް ބޭފުޅަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދެވެ. އެގޮތުން މެދު އިރުމަތީގެ ޤައުމުތަކާއި މުޅި ޢަރަބި ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މައުލޫމާދީ އެސިނާޢަތުގައި ހިމެނޭ ކަންކަން ޕްރޮމޯޓްކޮށް މާކެޓްކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ވެސް މުޅިން އަލަށް، ސީދާ ޢަރަބި ބަހުން ފެށޭ އެންމެ ވަރުގަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް، ފަނަރަ ޖުލައިގައި ފެށުމަށް ޑރ. ޝަހީމު މިހާރު ވަނީ ނިއްމަވާފައެވެ. މިއީ އެއްވެސް ސިޔާސީ ފިކުރެއް ފައިދާއެއްނެތި އަދި ޒާތީ އެއްވެސް މަންފާއެއްވެސް ނެތި ދިވެހި ޤައުމަށްޓަކާ، ދިވެހި ރައްޔިތުންނަށްޓަކާ ޑރ. ޝަހީމު ހެޔޮހިތުން ކުރައްވާ މަސައްކަތެކެވެ.

ޑރ. ޝަހީމުގެ މި އުންމީދީ މަސައްކަތްތަކާއި ބެހޭގޮތުން "ރަސް އޮންލައިން" އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ މިއީ ސީދާ ޢަރަބި ބަހުން ރާއްޖެ ޕްރޮމޯޓްކުރުމަށް، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މިހާ ފުޅާދާއިރާއެއްގައި މަސައްކަތެއް ފެށިގެންދާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން "މާލްދީފް ގްރޫޕް" ގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، " މާލްދީފް ގުރޫޕްގެ" ފަރާތުން ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމް ޞިނާޢަތު ޕްރޮމޯޓްކޮށް މާކެޓްކޮށްދިނުމަށް ސޯޝަލްމީޑިއާގެ ހުރިހާ ޕްލެޓްފޯމެއް ބޭނުންކުރާނެ ކަމަށެވެ. މީގެ އިތުރުން ޢަރަބި ދުނިޔޭގެ އިންޓަނޭޝަނަލް ލިންކްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަން ފާހަގަކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ އެކަމާ ގުޅޭ އެންމެހާ މަސައްކަތްތަކެއް ނިމި ލޯންޗުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވެނިމިފައިވާ ކަމަށެވެ.

" މާތް ﷲ އިރާދަކުރެއްވިއްޔާ 15 ޖުލައިގައި ހުރިހާ ޕްލެޓްފޯމެއް ލޯންޗްކުރާނެ. ރިޒޯޓްތަކާއި ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކާއި، ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ ހުރިހާ ކަމެއް ޢަރަބި ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ލޯންޗްކުރެވިގެންދާނީ ( ދެލައްކަ) އެއްހާ އަރަބި ފޮލޯވަރުންނާއެކު، އަޅުގަނޑުމެންގެ ޕަބްލިކް ރިލޭޝަން ފާރމް މެދުވެރިކޮށް ކަނޑައެޅިފައި އޮންނަ އުޞޫލުން ޓޫރިޒަމް ޞިނާޢަތުގެ އެންމެހާ ފަރާތްތަކަށް ޚިދުމަތް ލިބޭނެ." "ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ ފުރަތަމަ ޗާންސެލަރ ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމްގެ ވިސްނުންފުޅު ހުރީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އަރަބި ދުނިޔެއަށް އިސްތިހާރު ކުރުމަށެވެ. މިކަމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެެއް ކުރެއްވުމަށް އަޒުމު ކަނޑައަޅުއްވައިގެންނެވެ. އެމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ވެސް ޑރ.ޝަހީމް ވަނީ އެކުލަވާލައްވައިފައެވެ. މިސްރާބު ޖައްސަވާފައިވަނީ މިއަދު އެންމެން ބަރޯސާ އެންމެން މައުލޫމާތު ހޯދާ ޝޯޝަލް މީޑިޔާގެ ޕްލެޓް ފޯމްތަކަށެވެ. ސީދާ ޢަރަބި ބަހުންނެވެ. އެގޮތުން ވެބްސައިޓް، ޓުވިޓަރ، އިންސްޓެގްރާމް، ޔޫޓިއުބް، ލިންކްޑިން، ފޭސްބޫކް ފަދަ ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއް ރާއްޖެ އިސްތިހާރު ކުރުމަށް ބޭނުންކުރާނެ ކަމަށް ޑރ. ޝަހީމު ވަނީ ވިދާޅުވެފައެވެ.



އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށްވެސް އެރަށްތަކާއި އަތޮޅުތައް ޢަރަބި ދުނިޔެއަށް މާކެޓްކުރުމަށް ފުރުޞަތުދިނުމަށް ޑރ. ޝަހީމު ވަނީ ނިއްމާފައެވެ. މީގެ އިތުރުން ޢަރަބި ބަހުން ނެރޭ ޓްރެވަލް މެގަޒިނެއް ގޮތަށް "މަރުޙަބާ" ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމާބެހޭ މައުލޫމާތު ހިމެނޭ ވަރަށް ފުރިހަމަ މެގަޒިން އެއްވެސް ނެރެވޭނެ ކަމަށް މާލްދީފް ގުރޫޕް އިން ހާމަކުރެއެވެ. މާލްދީފް ގްރޫޕް ގެ ޗެއާމަންއަކީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. މިއީ މާކެޓިންނާއި ޕަބްލިކް ރިލޭޝަން ދާއިރާއިން، މަޝްހޫރު ދީނީ ޢީލްމްވެރިއާ، ޑރ ޝަހީމް ފެނިގެންދާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ޑރ. ޝަހީމުގެ އުއްމީދު ކިތަންމެހާވެސް ފޮންޏެވެ. ރައްޔިތުންނަށް ދެއްވަން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ މާތް ﷲ ގެ ވާގިފުޅާއެކު މިމަސައްކަތް ކާމިޔާބުވާނެ ކަމުގެ މެސެޖެވެ. ޝަހީމުގެ މިމަސައްކަތް ކާމިޔާބު ވެއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ޖެހިލާނެކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ޑރ. ޝަހީމާއި ޝަހީމުގެ ޓީމުގެ އުއްމީދު ވަރަށް ފޮންޏެވެ. އަޒުމު ވެސް އެހާމެ ވަރުގަދައެވެ.


ކިޔުންތެރިންގެ ހިޔާލު


21

ިައެނގޭ މީހާ

01-Jul-2020

ޝަހީމުގެ ތިޔަ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ދަންނަވަން



ޓްރެންޑިން