މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަދައްކާއިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން އެންމެބޮޑަށް ދޭ ރައްދަކީ ތަރައްޤީގެ ސްޕީޑް ލަސްކަމުގެ ވާހަކައެވެ. އެހެންނަމަވެސް އެއީ ހަޤީގަތާ ޚިލާފު ވާހަކައެއްކަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ.

މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢެއް ނުހިންގާ އެއްވެސް ރަށެއް ރާއްޖޭގައި މީހުންދިރިއުޅޭ ރަށްރަށުގެތެރޭގައި ނެތެވެ. ޚާއްސަކޮށް ކުރީގެ ސަރުކާރުތަކުން އެރައްތަކުގެމަތިން ހަނދާން ނައްތާލާފައިވާ ކުދިކުދި އާބާދީތަކާމެދު ރުހުމުގެ ލޮލަކުން ބަލާލި ސަރުކާރަކީ މިއެވެ.

ހަމައެކަނި ކުދި ރަށްރަށާއި ކުދި އާބާދީތަކާއި ދަށްފަންތީގެ އާމްދަނީ ލިބޭ މީހުންނާއި އެންމެ ނިކަމެތި ޙާލުގައި އުޅޭ މީހުންގެ ކަންކަން ހަމަޖައްސަވާފައި ސަރުކާރުން ދޫކޮށެއް ނުލައްވައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވަނީ ތިމަން މަނިކުފާނަކީ ރާއްޖޭގެ ހުރިހާ ފަންތިއެއްގެ އަދި ހުރިހާ ގިންތިއެއްގެ ރައީސް ކަމުގައެވެ. ތެދުފުޅެކެވެ. އެއީ ދިވެހިންގެ ރައީސެވެ. ހުރިހާ ފަންތިއެއްގެ ދިވެހި ރައްޔިތުންގެ މުހުތާދުތައް ފުއްދެވުމަށް އެމަނިކުފާނު މަސައްކަތްކުރައްވައެވެ. މެދުފަންތީގެ ޢާމްދަނީ ލިބޭ މީހުންނާއި މަތީ ފަންތީގެ ޢާމްދަނީ ލިބޭ މީހުންނަށް ބޭނުންވާ ފުރުސަތުތަކާއި އިންތިޒާމުތައްވެސް ސަރުކާރުން އަންނަނީ ތަރުތީބުކުރައްވަމުންނެވެ.

މެދުފަންތީގެ ޢާމްދަނީ ލިބޭ މީހުންނަށް އަމާޒުކޮށްގެން އެންމެ ދެ އަހަރުތެރޭގައި ތަރައްޤީކޮށް ނިންމައި ތަޅުދަނޑި ޙަވާލުކުރި "ވަން ސެންޓްރަލް ޕާކް" މަޝްރޫޢުން އެކަނިވެސް މިސަރުކާރުގެ ތަރައްޤީގެ ސްޕީޑާމެދު އުފައްދާ އަސްލެއްނެތް ސުވާލުތަކަށް ޖަވާބު ލިބޭނެއެވެ.

މި މަޝްރޫއު ކުރިޔަށްގެންދިޔައީ އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުނިންނެވެ. މި މަޝްރޫއުގެ ދަށުން، 120 އެޕާޓްމެންޓް ތަރައްގީކޮށްފައިވެއެވެ. މިތަންތަން ގަތް މީހުން ގަނެފައިވަނީ އެޕާޓްމެންޓެއް 2.2 މިލިއަން ރުފިޔާއަށެވެ.

ވަން ސެންޓްރަލް ޕާކް ސަރަހަށްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓްމެންޓްތަކުގެ ވެރިންނަށް ތަޅުދަނޑި ހަވާލުކުރެއްވީ މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މުހައްމަދު އަސްލަމް އާއި އެކު މިސްޓަރ ނީރަޖް ގުޕްތާއެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުން ދެކޭގޮތުގައި މުޖުތަމައެއް ބިނާވެފައި އޮންނަނީ ހަމައެކަނި އެއް ގިންތިއަކަށް، އެއްވަރަކަށް އާމްދަނީ ލިބޭ ރައްޔިތުންގެ މައްޗަކަށް ނޫންކަމަށެވެ. ރައްޔިތުންގެ ތެރޭގައި ވަރަށް ނިކަމެތި ބަޔަކާއި، މެދު ފަންތީގެ އާމްދަނީއެއް ލިބޭ ބަޔަކާއި، އަދި ވަރަށް ތަނަވަސް ބައެއް ތިބޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ހައުސިން ޕްރޮޖެކްޓްތަކުގެ ތެރޭގައި، މެދު މިންގަނޑެއްގެ އާމްދަނީއެއް ލިބޭ ރައްޔިތުންނަށްވެސް ފަސޭހަކަމާއި އެކީގައި ބޯހިޔާވެހިކަމެއް ލިބޭނެ ގޮތެއް ހޯދައިދޭންޖެހޭކަން ސަރުކާރުން ގަބޫލުކުރާކަަމަށެވެ.

"2.2މިލިއަން ރުފިޔާގެ އަގުޖެހޭ މި ހައުސިން ޔުނިޓްތައް ރާއްޖޭގެ ލެންޑިން އެޖެންސީތަކުން ލޯނުދޭ ޓާމްސްތަކަށް ބަލާއިރު، އޭގެތެރޭން %80 ލޯނު ނަގާފައިވާ ފަރާތްތަކުން ދައްންޖެހެނީ ގާތްގަނޑަކަށް 20،800 ރުފިޔާ މަހަކު. ތިން ކޮޓަރީގެ އެޕާޓްމެންޓެއް މިހާރުވެސް ރެންޓަލް މާކެޓުގައިވެސް މި އަގުގައި ކުއްޔަށް ހިފަން ލިބޭނެ. އެހެންނަމަވެސް އެއީ އަމިއްލަ ވާ ތަނެއް ނޫން. މިއަދު ތިޔަ ވަންނަވާ އެޕާޓްމެންޓަށް ތި ބޭފުޅުން ތި ވަންނަވަނީ އަމިއްލަ ތަނެއްގެ ގޮތުގައި." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މި 120 ޔުނިޓަށް ވަންނަ ފަރާތްތަކުން މިހާރު ވަނީ އެތަންތަނަށް ފައިސާ ދައްކައި ނިމިފައިކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، މީގެން އެނގެނީ ރައްޔިތުންގެ ތެރޭގައި މިކަމަށް ޑިމާންޑް އޮތްކަމާއި، މިކަން އެފޯޑްކުރެވޭނެ މީހުންވެސް ތިބިކަންކަމުގައެވެ. މިސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިޔަށް ގެންދަނީ ވަކި ބަޔަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށްވެސް ފައިދާވާނެގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސެންޑަލް މޮރިޝަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާޓީ ވިދާޅުވީ، މިއެޕާޓްމެންޓްތައް ނިންމުމަށް ހޭދަވި ދެ އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދެ އަހަރުކަމަށެވެ. އެ ގޮންޖެހުންތަކާއި އެކުވެސް އެޕާޓްމެންޓްތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުމުގެ މަގްސަދުގައި މި މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށް ނީރަޖް ގުލާޓީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސެންޑަލް މޮރިޝަސް ކުންފުންޏާއި މި މަޝްރޫއު ހަވާލުކުރީ، 2021ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތުގެ ތެރެއިން ގެންގުޅޭ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްސް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.

މިމަޝްރޫޢުގެ އިތުރުން ސަރުކާރުން މިހާރު އަންނަނީ އެންމެ ދަށްފަންތީގެ ޢާމްދަނީ ލިބޭ ފަރާތްތަކާއި ނިކަމެތިންނަށް އަމާޒުކޮށްގެން ސޯޝަލް ހައުސިންގެ އެތައް މަޝްރޫޢެއް ހިންގަމުންނެވެ. ބައެއް މަޝްރޫޢުތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަނެއްބައި މަޝްރޫޢުތައް ނިމުމަކާ ގާތްވެފައެވެ. ދެންހުރީ ހިނގަމުންދާ މަޝްރޫޢުތަކެވެ.

ދާދިއަވަހަށް މިފަދަ ބައެއް މަޝްރޫޢުތަކުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން