ރާއްޖޭގެ އަށްވަނަ ރައީސުލްޖުމޫހުރިއްޔާގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ހުވާކުރައްވާ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގެންފައެވެެ. އަދި ރޭގައި އެވަނީ އެމަނިކުފާނުގެ 22 ވަޒީރުންގެ ކެބިނެޓް ވެސް އިޢުލާން ކުރައްވާފައެވެ. ވެރިކަން ހިންގުމުގައި ނުވަތަ އެމަނިކުފާނުގެ ބަހުރުވައިން ނަމަ، 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި އެމަނިކުފާނަށް އަތްގާތްކޮށްދެއްވާން ރައީސް އޮފީހުގައި ތިއްބަވާ ވަރުގަދަ ފަހުލަވާނުންގެ ޓީމު ވެސް އެވަނީ ރުކުރުވާލައްވާފައެވެ. ދެން އޮތީ ނަތީޖާ ނެރުމެވެ. ކުޅިވަރުގެ ދަނޑުގައި އޮންނަގޮތަކީ ވެސް ގޯލު ޖަހައިގެން މޮޅުވުމެވެ. ކޯޗު ކިތަންމެ މޮޅަސް އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ގަނެގެން ދަނޑަށް އެރިޔަސް ގޯލު ނުޖެހެންޏާ މޮޅު ޓީމަކަށް ނުވާނެއެވެ.

އެހެންވީމާ ރައްޔިތުން ވެސް މުއިއްޒުގެ ޓީމުގެ ވާހަކައެއް އަދި މާ ބާރަކަށް ނުދައްކައެވެ. ޓީމުގެ ކޮލިޓީ އެނގޭނީ ކުޅެން ދަނޑަށް އަރައި ވާދަވެރި މެޗުތައް ކުޅެންފެށީމާކަން ރައްޔިތުން ވެސް ގަބޫލު ކުރާތީއެވެ. ވީމާ ނަތީޖާގެ ވާހަކަ ދައްކާން އަދި މާ އަވަހެވެ. މިތާގައި މިއުޅެނީ އެވާހަކަ ދައްކާކަށެއް ވެސް ނޫނެވެ.

ޑރ. މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށްފަހު މިހާރާއި ޖެހެންދެން ވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްގެން ދައްކާ އެއްވާހައަކީ ޑރ. މުޙައްމަދު މުޢިއްޒު ހުވައިކުރައްވާ ވެރިކަމާއި ހަވާލުވެވަޑައިގެން އެ މަނިކުފާނު ދެއްވި ތަގުރީރުގައި ވަރަށް މުހިންމު ބޭފުޅެއްގެ ނަންފުޅު ފާހަގަ ނުކުރެއްވި ވާހަކައެވެ. ހަނދުމަފުޅު ނެތިގެން ވިޔަސް އަދި މުނާސިބު ކަމަކަށް ނުވެގެން ގަސްތުގައި ނަމަވެސް، ރައީސް މުއިއްޒު މިހާތަނަށް ކުރެއްވި ހުރިހާ ތަގުރީރެއްގައި އަދި ދެއްވި ހުރިހާ އިންޓަވިއުއެއްގައި ވެސް ވިދާޅުވަމުން ގެންދެވި ނަންފުޅެއް ވިދާޅުނުވެ ތަގުރީރު ނިންމަވާ ލެއްވި ވާހަކައެވެ.

ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ އިދިކޮޅު ލީޑަރ ރައީސް ޔާމީނުގެ ނަންފުޅެެވެ. ކެމްޕޭން ޕޯސްޓަރުތަކާއި ދިދައާއި ލީފްލެޓްތަކާއި ބިލްބޯޑުތަކުގައި ބޭނުންފުޅު ކުރެއްވީ ރައީސް ޔާމީނުގެ ފޮޓޯފުޅެެވެ. މެދުގައި ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓްގެ ފޮޓޯފުޅަށްވުރެ މާބޮޑުކޮށް ފެންނަނީ ރައީސް ޔާމިންގެ ފޮޓޯފުޅެވެ.

ކެމްޕޭނު ކުރެއްވީ "ޑރ. މުޢިއްޒަކީ ރައީސް ޔާމީނު އެންޑޯޒްކުރެއްވި ކެންޑިޑޭޓު" ކަމަށް ބުނެ އެވެ. ޖަލްސާތަކުގައި ޔާމީނަށް ހާއްސަ ހުސް ގޮނޑިކޮޅެއް ބަހައްޓާފައި ހުރެއެވެ. މުއިއްޒުގެ ކެމްޕޭންގައި ޔާމިންގެ ރޫހު ބައިވެރިވެ ވަޑައިގަންވާކަން ރަމްޒުކޮށްދެއެވެ. ކޮންމެ ތަގުރީރެއް ފަށްޓަވަނީ ވެސް ރައީސް ޔާމީންގެ ނަންފުޅުންނެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރަށްވާނެ މަސައްކަތްޕުޅަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ވިދާޅުވެ އެކަމަށް ވަޢުދުވެ ވަޑައިގަންނަވައެވެ.

އެކަން ކަމުން ދައްކުވައިދިނީ ރައީސް ޔާމިނަށް ކުރާ ގަދަރާ އިހުތިރާމެެެވެ. ޕީޕީއެމްގެ ފިކުރުގެ މޭސްތިރިއަކީ ޔާމިން ކަމެވެ. އެހެންނަމަވެސް ގައުމުގެ ރިޔާސަތާއި ހަވާލުވެވަޑަައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް ޔާމިންގެ ނަންފުޅު ވެސް ޑރ. މުޢިއްޒު ނުގެންނެވުން ވީ ވަރަށް ގިނަ ބަޔަކަށް އަޅައިގެން ކަމަކަށެވެ. ރޭގެ އެވަގުތުން ފެށިގެން މީސްމީޑިއާގައާއި ކޮފީ މޭޒުތައް ދޮށުގައި ވަރަށް ބާރަށް އެވާހަކަ އެބަދައްކައެވެ.

މިދެންނެވި ތަގުރީރުގައި ޔާމިނުގެ ވާހަކަ ނަންނުގަތަސް ރިޔާސީ އިންތިހާބުގެ ކާމިޔާބީ ކަށަވަރުވުމާއެކު ފުރަތަމަ ވެސް މުޢިއްޒު ގޮވާލެއްވީ ރައީސް ޔާމިނަށް ނުހައްގުން ދެމުންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށެވެ. ޖެހިގެން އައި ދުވަހު ރައީސް ޔާމިން ގޭބަންދަށް ބަދަލުކުރިއިރު ޑރ. މުޢިއްޒު އެމަނިކުފާނުގެ އެންމެ އަރިހުގައި ހުންނެވިއެވެެ. އެހެން ނަަމަވެސް ރައީސް ޔާމިން ގެއަށް ބަދަލުކުރެއްވީ ސީދާ އެމަނިކުފާނު ރައީސް ސާލިޙަށް ގުޅުއްވައި އެކަމަށް އެދިވަޑައިގެންނެވުމުންކަން ފަހުން އެކި މަސްދަރުތަކުން ރިޕޯޓު ކޮށްފައި އެބަހުއްޓެވެ.

ރައީސް ކަމަށް ވަޑައިގެން ޑރ. މުއިއްޒު ދެއްވި ތަގުރީރުގައި "ޔާމިންގެ ތަރައްގީ،" "ނުހައްގު ޖަލު ހުކުމް،" އަދި "ރައީސް ޔާމީނުގެ ތަޖުރިބާއާއި މަޝްވަރާ" ފަދަ ކެމްޕޭންގައި ބޭނުންފުޅު ކުރެއްވި ޔާމީނާ ގުޅޭ އެއްވެސް ވާހަކަފުޅެއް، އިބާރާތެއް ނުގެންނެވުމުން އެކަން ގިނަ ބަޔަކަށްވީ ވަރަށް އައިބު ކަމަކަށެެވެ. އަދި އެހެން ކަހަލަ ޝައްކު ތަކަކާއި ވަހުމްތަކެއް އުފެދުނު ކަމަކަށެވެ.

ރައީސް ޑރ. މުއިއްޒުގެ ތަގުރީރަކީ ދިވެހި އަދަބިއްޔާތުގެ ރޮނގުން މިފަހުގެ ތާރީޚެއްގައި އަޑު އިވުނު އެންމެ މޮޅު އެއްތަގުރީރޭ ދެންނެވުމީ ކުށަކަށް ނުވާނެއެވެ. ފަށުވި އިބާރާތްތަކާއި ދިވެހި އަދަބިއްޔާތުގެ މުއްސަނދި ބަސްކޮށާރުގެ ރީތި ބަސްތަކުން ގަތާލެވިފައިވާ މުއްސަނދި ގައުމީ ނިދާއެއް ފަދަ މޮޅު ތަގުރީރެކެވެ. ދިވެހި ގައުމިއްޔަތާއި ގައުމީ ލޯތްބާއި ޖޯޝުން ފުރިގެންވާ އިބުރަތްތެރި ވާހަކަތައް އަތުރާލެވިފައިވާ ތަގުރީރެކެވެ. އެތަގުރީރުގައި ގައުމީ މުހިންމު ބޮޑެތި މައްސަލަ ތަކާއި ހައްލުތަކުގައި ބީހިލެވިފައި ނެތީ ވެސް އަދި ރައީސް ޔާމީނުގެ ވާހަކަފުޅު ފާހަގަ ކުރެވިފައި ނެތުމުގެ އަސްލު ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފަށްޓަވާން ރައީސް މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ މަސައްކަތެކެވެ. އެކަމަކު އަބަދުވެސް ވިދާޅުވަނީ އެކަން ކުރަށްވާނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށެވެ. ވިދާޅުވަނީ ރާއްޖޭގެ ޖުޑިޝަރީ ނުވަތަ ސަރުޢީ ނިޒާމު މިނިވަން ވުމުން ރައީސް ޔާމީނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެމަނިކުފާނު އެވިދާޅުވާ ބަސްފުޅުގެ މާނަ ތަންކޮޅެއް ތިލަކޮށް، އާދައިގެ ބަހުރުވައިން ދަންނަވާނަމަ އެވިދާޅުވަނީ ޝަރުޢީ ނިޒާމު އެކި ކަހަލަ ނުފޫޒުތަކުން މިންޖުވެ، އެއްވެސް ބާރުވެރި ފަރާތެއް އަތް ނުބާނާ، އިންސާފުވެރި ޝަރީޢަތަކުން ކުށެއްނެތް މައުސޫމު މީހަކު މިނިވަންވާނެ ވާހަކައެވެ. އެމަނިކުފާނު ތަގުރީރު ކުރެއްވި އިރު އަޑުފުޅަށް އެންމެ ބާރުލައްވާފައި އެންމެ ސާބިތުކަމާއެކު ވިދާޅުވި އެއް ބަސްފުޅަކީ "މިވަގުތުން ފެށިގެން ޖުޑިޝަރީ މިނިވަންވީ" ކަމަށެވެ. އެހެންކަމުން ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް އެއޮތީ ކިތަންމެހާވެސް ރަނގަޅަކަށް ފައްޓަވާފައެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުންވެސް އެންމެ ޔަގީންކަމާއެކު ދައްކާ އެއްވާހަކައަކީ އިންސާފުވެރި ޝަރީއަތެއް ލިބިއްޖެ ނަމަ ރައީސް ޔާމީންގެ މައުސޫމްކަން ހާމަވެ އެމަނިކުފާން މިނިވަންވެ ވަޑައިގަންނަވާނެ ވާހަކައެވެ. އެހެންވީމާ ޖުޑިޝަރީގެ މިނިވަންކަން ޔަގީންކޮށްދެއްވުމުން ރައީސް ޔާމީންގެ މައުސޫމްކަން ސާބިތު ކޮށްދެވި ރައީސް ޔާމިންވެސް މިނިވަންވާނެއެވެ.

އެހެންކަމުން ޑރ. މުޢިއްޒު ރައީސް ޔާމީނުގެ ވާހަކަ މިފަހަރު ނުދެއްކެވިޔަސް އަދި ޖަލްސާތަކުގައި ހުންނަ ރައީސް ޔާމިންގެ ގޮނޑިކޮޅު، ނަންފުޅު ޖަހާފައި އިއްޔެ ނެތަސް، ރައީސް ޔާމީނަށް ރައީސް މުޢިއްޒު ދެއްވީ "ފެންކައްކާ ބޮލީގެ އިއްޒަތޭ" ބުނެ އެ ސުވާލު އުފައްދާނެ ޖާގައެއްނެތެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ދިދައިގެ އާދޭސް

18-Nov-2023

އެހާމޮޅު ޙިތާބެދީފަ ގޮސް ޗީފްއޮފް ޑިފެންސްފޯހުގެ ހުވާކުރުވީ އިެޙިތާބުގަ ކިޔާދިން ދިވެހިދިދައިގެ ބަދަލުގަ އިންޑިޔާގެދިދަ ނަގަން މަގުކޮށައިދިން ފޯހުގެ އިންސްމީހުންގެ ލިސްޓްގައިން ދެވަނަމީހާލައްވާ ދެން ކިތައްމެ މޮޅު ޙިތާބެދިނަސް އަމަލުން އެދިދަޔަށް ހާމަކޮށް އެދެވުނީކީކޭ ކަލޭ ބަލަންހުންނާށޭ މަބޭނުންއެއްޗެކޭަހަދާނީ.އާދަންނަސީރާ އަދުރޭ ފަދަ ޅެންވެރިންލައްވާ ފަރިރީތި ޅެންހެއްދުވިދާނެ އެކަމަކު އަމަލުންދެއްކީމަ ރީތިވާނީ...ވެރިކަން ލިބުނުފަހުން ރައީސް ޔާމީނާ ވާހަކަދެކެވުނުކަމެވެސްނޭގޭ..ކޮން ކަމެދިމާވެގެންކަމެނޭގޭ ހަތަރުކަޅި ހަމަނުކުރެވިގެން އަދުރޭއާ މުއިއްޒު އުޅެނީ


-1

ދޫލަ

18-Nov-2023

މައުސޫމް މިއީ ރީތި ބަހެކެވެ. މައުސޫމު މީހުންނޭ ކިޔަނީ, ދީނީ އިމުގެތެރެއިން, އެމީހަކީ ސުވަރުގެ ލިބޭފަދަ މީސްމީނުންނަށެވެ. ޚުށެއް ފާފައެެއް ނެތް މީހުންނަށެވެ. ކުށެއްކުރި މީހަކު ކޮންމެ ވެސް ގޮތަކުން އެކުށަކުން ސަލާމަތް ވުމަކީ މައުސޫމު ވުމެއް ނޫނެވެ. މިއީ ވެސް "ރަސީދު" "ރަޝީދަށް" ވުންފަދަ ބަހަހަކަށް ވީތާއެވެ. ކަސްރަތު " "ކަޝްރަތަށް" ވީފަދައިންނެވެ.


0

ދޫލަ

18-Nov-2023

މައުސޫމް މިއީ ރީތި ބަހެކެވެ. މައުސޫމު މީހުންނޭ ކިޔަނީ, ދީނީ އިމުގެތެރެއިން, އެމީހަކީ ސުވަރުގެ ލިބޭފަދަ މީސްމީނުންނަށެވެ. ޚުށެއް ފާފައެެއް ނެތް މީހުންނަށެވެ. ކުށެއްކުރި މީހަކު ކޮންމެ ވެސް ގޮތަކުން އެކުށަކުން ސަލާމަތް ވުމަކީ މައުސޫމު ވުމެއް ނޫނެވެ. މިއީ ވެސް "ރަސީދު" "ރަޝީދަށް" ވުންފަދަ ބަހަހަކަށް ވީތާއެވެ. ކަސްރަތު " "ކަޝްރަތަށް" ވީފަދައިންނެވެ.



ޓްރެންޑިން