ރައީސް ޔާމީންގެ އިސްތިޢުނާފް މައްސަލާގައި ގޮތެއް ނުނިންމާ ހައިކޯޓު ރިސެސް އަށް ގޮސްފިއެވެ.

ހައިކޯޓުގެ ޤަވާޢިދު ގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގައެވެ.

ހައިކޯޓު ރިސެސްއަށް ގޮސްފައިވާއިރު ކުރީގެ ރައީސް ޔާމީންގެ 11 އަހަރުގެ ޖަލުޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. އެ މައްސަލާގައި ދެން އޮންނާނީ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެވެ.

ހައިކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، އެކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެނަމަ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ޤާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ޤަވައިދު ލާޒިމުކުރެއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ރިސެސްގެ މުއްދަތުގައި ބައެއް މައްސަލަތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޯޓުތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުން ޑިސެމްބަރުމަހު ސްޕްރީމް ކޯޓުވެސް އޮންނާނީ ރިސެސްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން