ހައްޖު ކޯޓާ އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަހީމު ވިދާޅުވީ ދިވެހިރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިކަމުގައި ސައުދީ އަރަބިއްޔާއަށް ރައީސް ސިޓީފުޅެއް ފޮނުއްވާފައިވާކަމަށް ޝަހީމު ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ އިތުރުކުރަން ރައީސް ކުރައްވާ މަސައްކަތްޕުޅު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ކަމާ ބެހޭ އިދާރާ ތަކާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ޝަހީމް ވިދާޅުވީ ކޯޓާ ދިނުމުގައި ސައުދީން އަމަލުކުރާގޮތް ކުރިއާ ތަފާތު ކަމަށެވެ. އަދި މިކަންކަން ސައުދީގައި ކުރަނީ ވަކި ހާއްސަ ނިޒާމެއްގެ ތެރެއިން ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން ކޯޓާ ދިނުމުގައި މިނާ، އަރަފާތު އަދި މައްކާގެ ހޮޓާތަކުގައި ހައްޖަށް ދާ މީހުން އެކޮމޮޑޭޓް ކުރެވޭ މިންވަރު ބަލާކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ހައްޖު ކޯޓާ އިތުރުކުރުމާ ބެހޭ ގޮތުން ސައުދީގެ ހައްޖު މިނިސްޓަރާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ސީދާ ހައްޖު މިނިސްޓަރާ މަޝްވަރާ ކުރިން، ހައްޖު ޑެޕިއުޓީ މިނިސްޓަރާ މަޝްވަރާ ކުރިން. އެބޭފުޅުން ވިދާޅުވީ ހައްޖު ގާތްވީމަ އެކި ގައުމުތަކަށް ދީފަ އޮންނަ ކޯޓާ ބޮޑެތި ގައުމުތަކުން ބޭނުންކުރާ އަދަދު ސާފުވެގެން ދާނެޔޭ، ބައެއް ގައުމުތަކުން އެގައުމުތަކަށް ދީފަ އޮންނަ އަދަދަށް މީހުން ބޭނުން ނުކުރެއޭ."



އަދި ބޭނުންނުކޮށް ބާކީ އޮންނަ ކޯޓާގެ އަދަދު ކޯޓާ އިތުރުކުރަން ރިކުއެސްޓް ކުރާ ގައުމުތަކަށް ބަހާލާއިރު، ދިވެހިރާއްޖެއަށް ޕްރިއޯރިޓީ ލިބޭނެކަމަށް ހައްޖު މިނިސްޓްރީން ހާމަކޮށްފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. ނަމަވެސް ކޯޓާ އިތުރުވާކަން ޔަގީން ވެގެންދާނީ ހައްޖުގެ ދުވަދްވަރާ ގާތްކޮށްފައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން