މާފުށީ ޖަލަށް ވަގަށް ވައްދާ ތަކެތި ދެނެގަތުމަށް ހާއްސަ މެޓަލް ޑިކެޓްޓަރު ހަރުކޮށްފި އެވެ.

ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން މަނާ ތަކެތި ޖަލަށް ވެއްދުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އަދި އެކަން ނުހުއްޓުވޭތީ އާންމުންގެ ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް އޮވެއެވެ.

އެކަމާ ގުޅިގެން މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ކުރިން ވިދާޅުވީ ތަކެތި ވަގަށް ވެއްދުން އެއްކޮށް ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް މަދުކުރެވޭނެ ކަމަށެވެ. އެކަމަކު ޖަލުގައި އެކަމަށް އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ. އެހެންވެ ވަސީލަތްތައް އިތުރުކުރާނެ ކަމަށް ވެސް ކުރިން ވިދާޅުވި އެވެ.

އެފަދައިން ވިދާޅުވިތާ މަސްތަކެއް ފަހުން ރޭ ޕީއެސްއެމްގައި އިހުސާން ވިދާޅުވީ ނިމިގެން ދިޔަ ހަފްތާގައި މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާނެ ކަމަށެވެ.

އަދި އަންނަ މަހު ހަށިގަނޑު ސްކޭންކުރާ ނުވަތަ ބޮޑީ ސްކޭނިންގ މެޝިނެއް ވެސް ބެހެއްޓުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ގިނައިން ސްކޭމް ކޯލުތައް ކުރަނީ ޖަލުން ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ ޖަލުތެރޭގެ ކޮންމެ ގޮޅިއަކުން ކަހަލަ ގޮތަކަށް ފޯނު ފެންނަމުންދާ ކަމަށެވެ.

ހަމަ އެހެންމެ މަސްތުވާތަކެތިވެސް ފެންނަމުންދާ ކަމަށާއި އެކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން