މީގެ ކުރިން މަސްވެރިން މުޒާހަރާކުރުމުން އެންމެން ލަނީ ޖަލަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިހެން ވިދާޅުވެފައިވާއިރު އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީ ދޮށަށް އެއްވެ އައްޑޫ މަސްވެރީން ކުރަމުންދާ އިހުތިޖާޖުގައި މަސްފެކްޓްރީގެ އޮޕަރޭޝަނަށް ވަނީ ހުރަސްއެޅިފައެވެ.

އެކަމާ ގުޅިގެން ސުޖާއު ވިދާޅުވީ ނިމިގެންދިޔަ އެމް.ޑީ.ޕީ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހިފަހައްޓާފައިހުރި ފައިސާ އާއެކު 800 މިލިއަން ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ފައިސާ ޗާޕް ނުކޮށް ދޫކޮށްފައިވާ ކަމަށެވެ.

އަދި އެއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ކާމިޔާބީއެއް ކަމަށާއި މި ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.

ސުޖާ ވިދާޅުވީ އައްޑޫގައި މިހާރު މުޒާހަރާ ކުރަމުންދަނީ މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާ ލަސްތަކެއްނުވެ ދޭނެކަން ޕީ.އެން.އެފް އާއި އެމް.ޑީ.ޕީ ކޯލިޝަނަށް ޔަޤީންވާތީކަމަށެވެ. ހަމައެއާއެކު އެކަން ހިނގާގޮތް މިސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރަށް ވަރަށް ސާފުކޮށް އެނގިލައްވާ ކަމަށް ސުޖާވަނީ ވިދާޅުވެފައެވެ.

“މިސަރުކާރުގެ ވަޒީރުން މުޒާހަރާ ކުރަންޏާ އަޑު އަހާނެ. ހައްލުވެސް ކުރާނެ. ނަމަވެސް މީގެ ކުރިން މަސްވެރިކަމާބެހޭ ވަޒީރެއް ހުންނަ ކަމެެއްވެސް ނޭނގޭ! އަދި މަސްވެރިން މުޒާހަރާކުރަީމަ އެއެންމެން ލަނީ ޖަލަށް.” ސުޖާ ވިދާޅުވެފައިވެއެވެ.

ސުޖާ މިހެން ވިދާޅުވެފައިވާއިރު އައްޑޫ މަސްވެރިންގެ އިޙްތިޖާޖުގައި ގޮވާލަމުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އަދި މަސްވެރިކަމާ ބެހޭ ވަޒީރު އައްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކޮށް، މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމާ ހަމައަށް މުޒާހަރާ ކުރިޔަށް ގެންދާނޭ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މި ސަރުކާރުން ވެރިކަމަށް އައީ 48 ގަޑީއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެކަމަށް ވަޢުދުވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން