ކަމަކާމެދު ވިސްނަން ހުރި މީހެއް.
ކަމަކާމެދު ވިސްނަން ހުރި މީހެއް.
ކަންކަމާމެދު މާބޮޑަށް ވިސްނައި ފިކުރުކޮށް އެ ކަންކަމާމެދު ހިތާމަ ކުރުމަކީ މީހާ ޑިޕްރެޝަން އަަށް ދިއުމަށް މަގުފަހިކުރާ ކަމެކެވެ. ގިނަ ފަހަރަށް ޑިޕްރެޝަނަށް ދާން މެދުވެރިވަނީ ތިމާގެ ހިތާމަތަކާއި އުދާސްތައް ހިއްސާ ކުރާނެ، އިތުބާރު ކުރެވޭފަދަ މީހެއް ނެތުމުންނެވެ.

ކަންކަމާމެދު ވިސްނައި ފިކުރުކޮށް ޑިޕްރެޝަނަށް ދާ މީހުންނަށް ގިނަ ފަހަރު އެމީހުންގެ އިހުސާސްތައް އަނެކާޔަށް ބަޔާން ކޮށްދޭން އުނދަގޫވެއެވެ. މިފަދަ ހާލަތްތަކުގައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުނދަގޫތަކެއް ކުރިމަތި ވެއެވެ. މިފަދަ މީހުންނަށް އެހީވެދިނުމުގެ ގޮތުން ޑިޕްރެޝަންގެ އަލާމާތްތައް އެނގުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ޑިޕްރެޝަންގެ ސަބަބުން މީހާގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން މީހުންގެ ތެރެއަށް ނިކުމެ އުޅުން މަދުވެ އެކަހެރިވެ އިނުމަށް ބޭނުންވުމަކީ ޑިޕްރެޝަން ހުންނަ މީހުންގެ ފުށުން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. އަދި އާއިލާއާއި ރަހުމަތްތެރިންނާ އޮންނަ ގުޅުން ކުޑަވުމާއި، ހިތްހަމަ ޖެއްސުމަށް ކުރީގައި ކުރަމުން އައި ކަންތައްތަކާ ދުރުވުމަކީވެސް ޑިޕްރެޝަންގެ އަލާމާތްތަކެވެ.

ޑިޕްރެޝަންގެ ސަބަބުން އެ ބަލި ތަހައްމަލުކުރާ މީހާގެ އިހްސާސަތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ބަލާއިރު ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހެއްގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފެނިގެން ނުދާނެއެވެ. އަދި މި ބަލި ތަހައްމަލު ކުރާ މީހުން އެމީހުންގެ އަމިއްލަ ނަފްސައް އިތުބާރު ކުރާ މިންވަރު ކުޑަވާނެއެވެ. އަދި އެމީހުންނަށް އެމީހުންގެ އިހުސާސްތައް ކޮންޓްރޯލު ކުރަން އުނދަގޫވާނެއެވެ.

އަބަދުވެސް ބޯގޯސްވެފައި ހުރުމާއި މާޔޫސްވެފައި ހުރުމަކީވެސް ޑިޕްރެޝަންގެ އަލާމާތްތަކެވެ. މީގެ އިތުރުން އަބަދު ވަރުބަލިވުމާއި މީހާގެ ނިންޖަށް ބަދަލު އައުމަކީވެސް މި ބަލީގެ އަލާމާތްތަކެވެ. ކައިރީގައި އުޅޭ އާއިލީ މީހުން ނުވަތަ ރައްޓެހިންގެ ފަރާތުން މި ކަންތައް ފެންނަ ނަމަ އެމީހުންނާ ވާހަކަ ދައްކައިގެން އެހީތެރި ވެވޭތޯ ބަލަން ޖެހެއެވެ.

އަމިއްލަ ނަފްސު ކުށްވެރި ކުރުމާއި ތިމާއަކީ އެއްވެސް އަގެއް ނެތް ބޭކާރު މީހެއްކަމަށް ގަބޫލު ކުރެވުމަކީވެސް ޑިޕްރެޝަން ހުންނަ މީހުންގެ ފަރާތުން ފެންނާނެ އަލާމާތެކެވެ. އަދި މީގެ އިރުރުން ނެގެޓިވް ވިސްނުން ގެންގުޅުމާއި، ބަރުދަނަށް ބަދަލު އައުމަކީވެސް މި ބަލި ހުންނަ މީހުންގެ ފުށުން ފެންނާނެ އަލާމަތްތަކެވެ.

މިދެންނެވުނު އަލާމާތްތައް ތިބާގެ އާއިލާ މީހުން ނުވަތަ ރައްޓެހިންގެ ފަރާތުން ފެންނަ ނަމަ އެމީހުންނާ ވާހަކަ ދައްކައި އެމީހުންގެ އިހުސާސްތައް ދެނެގަންނަން މަސަތްކަތް ކުރަން ޖެހެއެވެ. އަދި އެމީހުންނަށް މި ބަލިން ސަލާމަތްވުމަށް އެހީތެރިކަންވެސް ފޯރުކޮށްދޭން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން