ޝާން މުހައްމަދު   16 އޮކްޓޯބަރު 2024 - 19:6
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ފުލުހުންގެ ޕޯސްޓެއް ހުޅުވައި ފުލުހުން ގާއިމްވެ ތިބެ ޚިދުމަތްދޭން ފަށައިފިއެެވެ.

މިއަދު ކެންދޫ ފުލުހުންގެ ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެތަން ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ 2016 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ޚިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީކުރެވިގެން ގޮސްފައިވާތީ ރަށުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

ޝުޖާއު ވަނީ ކެންދުއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުން މުހިންމުވަނީ، މުޖުތަމައުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމްނު އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކުރުމަށް ކަމަށެވެ.

ގާނޫނުއަސާސީންނާއި ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކާ އަދި ތަމްރީނުތައް ހޯދައިދިނުމަކީ އަމާޒެއް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން