ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކ. ގުރައިދޫގައި އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އޮކްޓޫބަރު 24 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުންގެ އިތުރުން ފުލުހުންނާއި ގުރައިދޫ ކައުންސިލުންވެސް ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.



”މި އޮޕަރޭޝަންގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން.“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ގުރައިދޫގައި ހިންގި އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވެއެވެ. އަަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުުން ދިން ކަމަށާއި، އެމީހުންނަށް ވަޒީފާ ދިން ފަސް ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގުރައިދޫއިން ގެންދެވުނު ބިދޭސީންގެ ތެރޭގައި، ބަގުލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ނައިޖީރިއާގެ މީހެއް ވެސް ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން