ރާއްޖޭގެ މިހާރުގެ ހާލަތު ބަދަލުކޮށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރި ކުރުމަށް ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތުގައި އިންޗިއަކަށްވެސް ފަހަތަށް ނުޖެހުމަށް ރައީސް ޢަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންނާއިއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ޕާޓީގެ ލީޑަރޝިޕާއި އާންމު މެމްބަރުންނަށް ދެއްވި މެސެޖްގައި ވިދާޅުވީ މިއަދު ރާއްޖެ އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރެވޭނީ ރައްޔިތުން ކުރައްވާ މަސައްކަތުންކަމަށެވެ. މިހާރުވެސް ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ޤައުމާއި ދީނުގެ ހައްގުގައި ވަމުންދާ ޤުރުބާނީއަށް ރައީސް ޔާމީންވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ސަޕޯޓަރުން މިވަގުތު ކުރަމުންދާ މަސައްކަތަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި މިހާލަތުގައި ރައްޔިތުން އުޅެންޖެހިފައިވާ ނިކަމެތިކަމާއި ދަތި އުނދަގޫ ތަކުން އަރައިގަނެވޭނީ ހާލަތު ބަދަލު ކުރެވިގެންކަމަށް ވެސް ރައީސް ޔާމިން ވިދާޅުވެފައިވެއެވެ. އެކަން ކުރެވޭނީ މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވިގެންކަމަށް ރައީސް ޔާމިންގެ މެމްބަރުންނަށާއި އިދިކޮޅު ކޯލިޝަންގެ ލީޑަރުންނަށް ދެއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ.

"އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ސަލާން ދެންނެވި. އެއަށްފަހު ވިދާޅުވީ ޤައުމުގެ ހާލަތު ބަދަލުކުރުމުގެ މަސައްކަތުގަ ހަމަ އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ކުރިއަށް ގެންގޮސް ދެއްވާށޭ. ޤައުމު އަޅުވެތި ވުމަށް ޖާގަ ނުދެއްވާށޭ. ޤައުމުގެ މިނިވަންކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އަޑުއުފުލުމުގައި ވަރުބަލިވެ ވަޑައި ނުގަންނަވާށޭ." ރައީސް ޔާމީން ދެންނެވި މެސެޖް ރައްދު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައި މިވީ ދުވަސްތަކުގައިވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެންދަނީ ހިއްވަރާއިއެކު ހުންނެވިތަންކަމަށެވެ. ރައީސް ޔާމީން ކަންބޮޑުވެ ވަޑައިގަންނަވަނީ މިއަދު ޤައުމު ދާ މިސްރާބާއި ރައްޔިތުން އުޅެމުންދާ ހާލަތާއިމެދު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާލަތު ބަދަލު ކުރުމަށް ރައީސް ޔާމީންގެ ހައްގުގައިވެސް ކުރަންޖެހޭ ކަންކަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ފަސް ނުޖެހޭނެކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ މިހާލަތަކީ ރާއްޖެ ޞިއްހީ ބޮޑު ބަލިމަޑުކަމެއްގައި އޮތް ދުވަސް ވަރަކަށްވާއިރު ސަރުކާރުން މިހާލަތުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާތަން ނުފެންނަކަމަށެވެ. ސަރުކާރުން ފެނިގެންދަނީ ޖެހުނު އެއްޗެއް އަތުޖެހުނުގޮތަކަށް ހޯދައި އަމިއްލަ މަންފާ ހާސިލް ކުރުމަށް ބޮޑެތި ވައްކަންތައް ކުރަމުންދާ މަންޒަރުކަމަށެވެ.

މިހާލަތުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ވިއްކާލައި ބޭރުގެ ޤައުމެއްގެ އަޅުވެތި ކަމުގެ ދަށަށް ޤައުމު ދީލާލުމަށް ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެ މަސައްކަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިކަން ހުއްޓުވުމަށް ޕީޕީއެމް/ ޕީއެންސީން ވަރުގަދަ ހަރަކާތްތަކެއް ސަރުކާރާއި ދެކޮޅަށް ރާވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން