ޕާކިސްތާނުގެ، ސެންޓްރަލް ޕަންޖާބް ޕްރޮވިންސްގައި، ޕެޓްރޯލް ހުސްވެގެން މަގުމައްޗަށް ހުއްޓިފައި އޮތް ކާރެއްގެ ތެރޭގައި އިން އަންހެނަކު ގަދަކަމުން ނެރެ ކާރުގައި ތިބި އޭނާގެ ދެދަރިންގެ ކުރިމަތީގައި ރޭޕްކޮށްލައިފިއެވެ.

އަރަބް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެޓްރޯލް ހުސްވެގެން ކާރު ހުއްޓިފައި އޮއްވާ ދެމީހަކު ވެގެން ކާރު ދުއްވަން އިން ދެކުދިންގެ މަންމަ ކާރުން ނެރުނީ ގަދަކަމުންނެވެ. އަދި އަންހެން މީހާ ރޭޕް ކުރުމަށްފަހު އޭނާގެ ގަހަނާ ތަކާއި ފައިސާ ފޭރިގަނެގެން އެމީހުން ފިލީއެވެ.

މި އަންހެން މީހާއަށް ހަމަލާ ދީފައިވަނީ، ދަރިން ގޮވައިގެން ކާރުގައި ދަނިކޮށް ކާރުގެ ޕެޓްރޯލް ހުސްވުމުން ހައިވޭ ޕޮލިސް އަށް ގުޅައި ކާރު ތަޅުލައިގެން ތިއްބާ، ކާރުގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. މިހާދިސާ އާ ގުޅިގެން، އެސަރަހައްދުން ލިބުނު ހެއްކާއެކީ ތުހުމަތު ކުރެވޭ މީހަކު އިތުރު ތަހުގީގަށް ހައްޔަރު ކޮށްފައިވާ ކަމަށް ޕަންޖާބުގެ ފުލުހުންނާ ހަވާލާދީ އަރަބް ނިއުސްގައި ބުނެފައިވެއެވެ.

ހައްޔަރު ކުރި މީހާގެ މައްޗަށް، ކުރެވޭ ތުހުމަތު ތަކަަށް ދެކޮޅު ހެދި ކަމުގައި ވިޔަސް، ގިނަ ނޫސްތަކުން ބުނާގޮތުގައި ތުހުމަތު ކުރެވޭ މީހާ އަމިއްލަ އަށް ގޮސް ފުލުހާ ހަވާލުވެ މައާފަށް އެދުނީއެވެ.

މިހާދިސާގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ގޮވާލަމުންނެވެ. ތުހުމަތު ކުރެވޭ ފަރާތްތައް ދަން ޖައްސާ މެރުމަށްވެސް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

އަރަބް ނިއުސްގައި ރިޕޯޓްކޮށްފައިވާގޮތުން، މިހާދިސާއަށް ފާޑު ކިޔައި، މިކަން ހިނގަން މެދުވެރިވީ އަންހެން މީހާ އެހާ ދަންވަރު ބޭރަށް ނުކުމެ އުޅުމުން ކަމަށް، ޕަންޖާބުގެ ޗީފް އޮފް ޕޮލިސް، އުމަރު ޝެއިޚް ބުނުމާއި ގުޅިގެން މީހުން ރުޅިގަދަވެ އޭނާއާއި ދެކޮޅަށް އަޑު އުފުލަމުން ދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި އުމަރު ޝެއިޚް މަގާމުން ވަކި ކުރުމަށް، އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ އެކްޓިވިސްޓުން ދަނީ ގޮވާލަމުންނެވެ.

ޕާކިސްތާނުގައި، އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި އަންހެނުންނަށް އަނިޔާ ކޮށް ޖިންސީ ގޯނާ ކުރުމަކީ އާންމުކޮށް ރިޕޯޓް ކުރެވެމުންދާ ހާދިސާ ތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން