ޒަހީނުއްދީން ސަޢީދު   15 ސެޕްޓެމްބަރު 2020 - 6:2
ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރު ކަމަށް ބުނާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރުނެތް ކަމުގެ ވޯޓާއެކު އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައެވެ. މިޚިޔާލު ތަފާތުވުން އެންމެ ބޮޑަށް އުފެދިފައިވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ދެމެދުގައި، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓްގެ މައްސަލައިގައި އެއްގަލަކަށް ނޭރުއްވިގެން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ހަގީގަތަށް ބުރަވާނަމަ ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ މި ހިތްހަމަ ނުޖެހުމަކީ ނުވަތަ ޚިޔާލުތަފާތު ވުމަކީ މުޅިއަކުން ފައްޔާޒެއް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހަކާއި ސަރުކާރުގެ މަގާމުތަކެއް ވެސް ނޫނެވެ. މިދެބޭފުޅުންގެ މެދުގައި މިއުޅެނީ ވެރިކަމުގެ ގޮނޑިކޮޅުގެ ވާދަވެރި ކަމެއް ކަމަށް ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ފެންނަ ބޮޑު މަންޒަރަކީ ދެރަދުން އެއް ގޮނޑިކޮޅާއި ހިއްޕަވާ މަންޒަރެވެ. އެއްއުރައެއްގައި ދެކަނޑި އޮންނަން ވީމާ އަރާ ހޫނާއި އުދާހުގެ އާވިގަނޑުގެ އަސަރެވެ. މިވާހަކަ އަދި ތަންކޮޅެއް ފަހުން ދައްކާލަން ބާއްވާނަމެވެ.

ރައީސް ސޯލިހް އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރާއި ދެކޮޅަށް ޕާޓީގެ ރައީސް އަދި ރައީސް ސޯލިހްގެ ޒަމާންވީ އެންމެ ގާތް އެކުވެރިޔާ ރައީސް، މުހަންމަދު ނަޝީދު ނިކުމެވަޑައިގަތުމުން އެމްޑީޕީ ތެރޭގައި ވަނީ ހުޅުފަޅައިގެން ގޮސްފައެވެ. ދުރުތިބީން ސިފަ ކުރަނީ މިއީ އެމްޑީޕީއަށް އައި ބޮޑު ހިލުންގަނޑެއްގެ ގޮތުގައެވެ. ބޭރުން ފެންނަ ފެނުމަށް ބަލާއިރު އެމައްސަލައިގައި ރައީސް ސޯލިހް ވެސް ރައީސް ނަޝީދު ވެސް ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. އިތުބާރު ނެތްކަމުގެ ވޯޓުން ފައްޔާޒު ސަލާމަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮތްކަން ރައީސް ސޯލިހް ވަނީ ހާމަކުރައްވާފައެވެ.

މިކަމުގެ ސަބަބުން އިކޮންމިކް މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަށް ޕާޓީގެ ރައީސް މުހަންމަދު ނަޝީދު ކުރައްވާ މަސައްކަތްތަކަށް ހުރަސް އެޅިގެންދިޔަ ނަމަވެސް އެންމެ ފަހުން އެމައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅުމަށް ރައީސް ނަޝީދު ވަނީ ނިއްމަވާފައެވެ. އެވަރަކުން އަދި ނިމުނީއެއް ނޫނެވެ. ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިނިސްޓަރ ފައްޔާޒު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ނޫނީ އެއްކައިރިއަށް ޖެހިވަޑައިގެންނެވުމަށް އެދިވަޑައިގެން ރައީސް ނަޝީދު ޕާޓީ އަށް ސިޓީއެއްވެސް މިހާރުވަނީ ފޮނުއްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މެދުވެރިކުރަށްވައި ފޮނުއްވި މިސިޓީގައި ރައީސް ނަޝީދު އެދިވަޑައިގަތީ ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށެވެ. މިހާހިސާބުން ދެން ފެންނަން ފެށީ އެހެން މަންޒަރެކެވެ. އެޕާޓީގެ ތެރެއިން ރައީސް ނަޝީދުގެ ވިސްނުންފުޅާ ދެކޮޅު ރޫހެއް އުފެދިގެން ތިލަވި މަންޒަރެވެ. މިފަދަ މެންބަރަކު އެޕާޓީން ފެނުމަކީ ނާދިރު ކަމެކެވެ. އެހެން ނަމަވެސް ޕާޓީގެ އެފަދަ މަދު ބޭފުޅުންގެ ތެރެއިން ބޭފުޅަކު ވަރަށް ކެރިވަޑައިގެން ނުކުމެ ވަޑައިގެންފިއެވެ. އޭނާގެ ޝަކުވާއަކީ ނުވަތަ އޭނާ ކުރައްވާ ދަޢުވާ އަކީ ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވާޢިދާ ޚިލާފަށް ބާރުގެ ބޭނުން ކުރައްވައިގެން އަދި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރުރަތައް ބޭނުން ކުރައްވައިގެން ރައީސުލް ޖުމްހޫރިއްޔާއަށާއި ސަރުކާރަށް ނުވަތަ ވަޒީރުންނަށް ނުހައްގު ނޫނީ ލިބިވަޑައިގެން ނުވާ ބާރުތަކެއް ބޭނުން ކުރައްވައިގެން ވަކި ކަންތައްތަކެއް ހާސިލު ކުރައްވަން މަސައްކަތް ކުރައްވާ ކަމުގެ ޝަކުވާއެވެ. މި ޝަކުވާއާއިގެން ނުކުމެވަޑައިގެންނެވި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުޢައިބު، ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފުގެ އަރިހުން އެދިވަޑައިގަންނަވަނީ ރައީސް ނަޝީދުގެ އެއަމަލުތައް ހުއްޓުވައިދީ ފިޔަވަޅު އަޅައި ދެއްވުމަށެވެ.



ހަސަން ލަތީފުގެ އަރިހުގައި ރައީސް ނަޝީދާއި މެދު ފިޔަވަޅު އަޅަން އެދުމަކީ ކަނޑުގައި އަޅާ ރޮނގެއް ފަދަ ކަމަކަށް ނޫނީ ނުވާނެކަން ޝުޢައިބަށް ވެސް ހަމަ ރީއްޗަށް އެނގިވަޑައިގަންނަވާނެއެވެ. ހަސަން ލަތީފާއި ރައީސް ނަޝީދަކީ ކިހާގާތް ކިހާ ވަރަކަށް ގުޅިފައި ތިއްބެވި ދެބޭފުޅުންކަމާއި އެފަދަ ކަމެއް ހަސަން ލަތީފުގެ ކިބައިން ހާސިލު ނުކުރެއްވޭނެ ކަންވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ ފުރަހަނި ޝުޢައިބަށެވެ.

ޝުޢައިބުގެ މި ޝަކުވާއާއިއެކު ދެން ހިލިގަތީ އަދި މާ ހައްސާސް މާ ފިކުރު ބޮޑުވާން ޖެހޭ މައްސަލައެކެވެ. މިހާހިސާބުން ނުކުތް މައްސަލައަކީ ޕާޓީގެ އެންމެ އިސް ފަރާތްތަކީ ކޮން ބޭފުޅެއްކަން ކަނޑައެޅުމުގެ މައްސަލައެވެ. ޕާޓީގެ ޗެއާ ވިދާޅުވަނީ އެމްޑީޕީގެ ރައީސް ނަޝީދަކީ ޕާޓީގެ އިސް ފަރާތް ކަމަށެވެ. އެހެންވެ އެމަނިކުފާނު ކަންކަން އެކުރައްވަނީ ޕާޓީގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސިޔާސީ ގޮތުން ކުރައްވަން ޖެހޭ ކަންކަން ކަމަށެވެ. އެއީ އެމަނިކުފާނަށް ޕާޓީގެ އަސާސީ ގަވަޢިދު ދޭ ބާރުތަކެއް ކަމަށެވެ.

އެމްޑީޕީގެ އިސްފަރާތަކީ ރައީސް، މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަންލަތީފް ވިދާޅުވުމާއެކު އެމްޑީޕީގެ އެންމެ އިސްފަރާތާއި މެދު ސުވާލު އުފެދި އެކަމުގައި ވަރުގަދަ ގާނޫނީ ބަހުސެއް މިހާރު މިވަނީ ފެށިފައެވެ. އެމްޑިޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސްއެވެ.

އެމްޑީޕީގެ އިސް ލީޑަރު ކަނޑައެޅުމުގެ ބަހުސާއި، ރައީސް ސޯލިހުގެ އިތުބާރު އޮތް ވަޒީރަކު މަގާމުން ދުރުކުރުމަށް ޕާޓީގެ ރައީސް، މުހަންމަދު ނަޝީދު ކުރައްވާ މަސައްކަތަށް އެކަނި ބަލާލި ނަމަވެސް އެންމެ ގާތް ދެ ރަހުމަތްތެރިންގެ ގުޅުން ރަނގަޅު ނޫންކަން ވަރަށް ރަނގަޅަށް އެނގި ހާމަވެއެވެ. ދެން އަނެއްކާވެސް މިއުޅެނީ މިލިއުމުގައި އެންމެ ފުރަތަމަ ދެއްކި ވާހަކައަށް ޖެހިލާށެވެ. އެއީ ވެރިކަމުގެ ވާހަކައެވެ. ދެ އެކުވެރިންގެ މެދުގައި މިހާރު މިހިނގާ ނުތަނަވަސް ކަމަކީ ހަގީގަތުގައިވެސް ވެރިކަމުގެ ވާދަވެރިކަމުގެ ތެރެއިން ހިނގައިގެން އުޅޭ ވާދަވެރި ކަމަކަށް ވެދާނެ ކަމުގެ ވާހަކައެވެ.

ވެރިކަމަކީ ހަގީގަތުގައި އެއްބަނޑު އެއްބަފާ ކަމާއި ދެމަރިކަމުގެ ގުޅުމާއި ރަހުމަތެރިކަމަށް ބެލޭ ވަރަށްވުރެ މާ ވަރުގަދަ ދެއްވެއް ނަފުރަތު ކަމެއް ވާދަވެރިކަމެއް އުފެދޭ ކަމެއް ކަމަށް ބުނަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ތާރީޚަށް ހަމައެކަނި ބަލައިލި ނަމަވެސް މި ކަމުގެ ހެކިތައް އެހެރީ ފެންނާށެވެ. ވެރިކަމުގެ ތެރޭގައި އަބަދުވެސް އެންމެ ބޮޑަށް ހަސަދަވެރިވެ ވާދަވެރިވާނީ އެންމެ އަރިހުގައި ނުވަތަ އެންމެ ގާތުގައި ހުންނަ މީހާއޭ ބުނެ އުޅެއެވެ. އެއީ މީހަކު ހަމަ ހުރެލާފައި ޔޯލަ ކޮށްލާފައި ބުނެފައިވާ ވާހަކައެއް ނޫނެވެ. އެއީ ހަމަ ދިރިހުރި މިސާލުރަކާއި މާޒީގެ ތަޖުރިބާތަކުން ފެންނަން ހުރި މަންޒަރުތަކެވެ.



އެމްޑީޕީގެ އަސްލު ރޫހުގެ މެންބަރުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ހަމައެކަނި ހައްގުވެރިއަކީ ރައީސް ނަޝީދެވެ. 2008 ގައި އޮތް ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ފުރޮޅާލީމާ ދެންވެސް ލިބޭ ފުރުސަތަކުން ނޫނީ ފުރުސަތު ހޯދައިގެން ވެސް އަލުން ވެރިކަން ފެށެން ޖެހޭނީ އެހާހިސާބުންނެވެ. 2018 ގައި އެމްޑީޕީގެ ރިޔާސީ ޓީކެޓް އެންމެ ފަހުވަގުތާއި ޖެހެންދެން ބަންދުކޮށް ރައީސް ނަޝީދުގެ ނަން ޖަހާފައިވާ ސިޓީ އުރައެއްގައި އެންމެ ފަހު ވަގުތާ ޖެހެންދެން އޮތީ އެސަބަބާއި ހުރެއެވެ. ރައީސް ޞާލިޙަށް އެޓިކެޓް ހަނި ގޮތަކަށް އެންމެ ފަހު ވަގުތު ލިބިވަޑައިގެންނެވި އިރުވެސް އެޓިކެޓްގެ ފުރަގަހުގައި ވޯޓަރ މާކެއްގެ ގޮތުގައި ރައީސް ނަޝީދުގެ ނަން ޖަހާފައި އިންކަން މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެވެ. ރައީސް ނަޝީދުގެ އޮތް ދެވަނަ ގޮތަކީ ނުވަތަ ޕްލޭން ބީއަކީ އެމަނިކުފާނަށް އިންތިޚާބަށް ނުކުމެވަޑައި ނުގެންނެވެންޏާ ކޯލިޝަނުން ނެރޭ ފަރާތަކީ ވަގުތީ ވެރިއަކަށް ހެދުމެވެ. އިންތިގާލީ ވެރިކަމެއް ހިންގުމެވެ. ހުރިހާ ކަމެއް އިންތިގާލީ މަރުހަލާއެއްގެ ތެރޭގައި ހިންގައި ފުރިހަމަކޮށް ރަނގަޅަށް ފައްތައި ހަމަޖައްސައިގެން އަލުން އިންތިޚާބެއް ބޭއްވުމެވެ. އެއިންތިޚާބަކީ ބަރުލަމާނީ ނިޒާމަކަށް ފައްކާވެގެންދާ އިންތިޚާބަކަށް ވާން ޖެހެއެވެ. އޭރުން ހުންނާނީ ރައީސާއި ބޮޑުވަޒީރުކަމަށް ޕްލޭން ބީ ގައި އޮތީ ރީއްޗަށް ލިޔެ ނިމިފައެވެ.

ފަހަރެއްގައި މިދެންނެވި ޕްލޭންބީގައި ކޯލިޝަންގެ ވެރިއަކީ އިބްރާހީމް މުހައްމަދު ޞާލިޙް ކަމުގައި ނުވެދާނެއެވެ. ނަމަވެސް އިއްތިފާގަކުން ނަމަވެސް ޕްލޭން ބީގައި ލިޔެވިފައި އޮތް ގޮތާއި ޚިލާފަށް ނަމަވެސް އެންމެ ފަހު ވަގުތު ކޯލިޝަންގެ ރިޔާސީ ޓިކެޓްގެ ވެރިއަކަށްވީ ޞާލިހެވެ. ޞާލިޙަކީ ރައީސް ނަޝީދުގެ އެކުވެރިއެއްގެ އިތުރުން އާއިލާއާއި ވެސް ގުޅިފައިވާ ބޭފުޅަކެވެ. އެހެންވީމާ ޕްލޭން ބީގައި އޮތް ގޮތާއި ޚިލާފަށް ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވުމުން ޕްލޭން ބީ އިސްލާހުކޮށްގެން ކަންކަން ކުރުމުގައި ހިނގާ ދަތި އުނދަގޫތައް މިއަދު ފެންމަތިވަމުން މިދަނީ ކަމުގައި ވެސް ބެލެވިދާނެއެވެ. އެހެންވީމާ ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުގައި އޮތް ކަމުގައި ވީނަމަވެސް އެ އަޣުލަބިއްޔަތުގެ އެންމެ ފުރިހަމަ ފައިދާ ރައީސް ޞާލިޙަށް ނުކުރަނީ ކަމުގައި ވެސް ވެދާނެއެވެ.

ކޮންމެ އަކަސް މިހެން ކަންކަން ހުރި ނަމަވެސް މިބޮޑު ހައިޖާނު ގަނޑާއެކުވެސް އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފް ވެސް ވިދާޅުވަނީ ޚިޔާލު ތަފާތުވުންތައް ހުއްޓަސް ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށެވެ. އެ ދެބޭފުޅުން ވެސް ދޭ ޔަގީން ކަމަކީ ބަޔަކު ޕާޓީ ބައިބައި ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަމެވެ. އެހެން ނަމަވެސް ޕާޓީގެ އާންމު މެމްބަރުންނަށް ފެނިގެންދަނީ ޕާޓީގެ ލީޑަރ ޝިޕްގައި އިސްކޮށް ތިއްބަވާ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ ކޯޅުމެވެ.

އެމަންޒަރު ބޭރަށް ނުދައްކާން ކިތަންމެ ގުޅުން ރަނގަޅޭ މައްސަލަ އެއް ނުޖެހެޔޭ ދެބޭފުޅުން ވިދާޅުވި ނަމަވެސް ފެންނަ މަންޒަރު އުޑާއި ބިމާހާ ތަފާތެވެ. ފެންނަނީ ދެ ރައީސުން ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރުވާ މަންޒަރުތަކާއި އެކަމުގެ ކޮޅުމައްޗެވެ. ފެންނަނީ ޕާޓީގެ އެތެރޭގެ ހަނގުރާމަ ހޫނުވަމުންދާ ކަމުގެ އަލާމަތްތަކެވެ. ޕާޓީގެ މެމްބަރުން ތިބީ މާޔޫސްވެ، ދެ ރައީސުންގެ މެދުގައި ފިތިފައެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮވެ ސަރުކާރާއި މަޖިލިސް އެއްގަލަކަށް ނޭރި ތަޅާ ފޮަޅަނީއެވެ. ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި މަޖިލިސް ސުޕަ މެޖޯރިޓީ ބޭނުންކުރަނީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް ދެއިރު ދެ ދަޅައަށް ވަޒީރުން ހާޒިރުކޮށް ޖެއްސުންކޮށް ގަނަތެޅުވުމަށެވެ.

ސަރުކާރަށް ހަމަ ރަނގަޅަށް އެއްކަމެއް ވެސް ކުރެވޭ ކަމަކަށް ނުވެއެވެ. މަޖިލީހުން ހަމަ ހުރިހާ ކަމެއްގެ ތެރެއަށް އަތްފައި ބާނަން ފަށައިފިއެވެ. ހުރިހާ ސަކަރާތެއް މިޖަހަނީ ރައީސް ސޯލިހްގެ އެންމެ ގާތް އެކުވެރިޔާ އަދި ވެރިކަން ކުރާ ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އިސްވެ ހުންނަވައިގެންނެވެ. ވަޒީރުންނަށް އަމުރު މައުރޫފް ހިންގަވައި ވުޒާރާތައް ހިންގަވަން ޖެހެނީ ވެސް މަޖިލީހުގެ ރައީސް ނުވަތަ އެއްބަޔަކު ބުނާހެން ބޮޑުވަޒީރު ބޭނުންފުޅުވާގޮތަށެވެ. ރައީސް ސޯލިހަކީ ހަމަ ރަމްޒީ ބޭފުޅެއް ކަހަލައެވެ.

އެމަނިކުފާނަކީ ހަމަ މޮނިއުމަންޓެކޭ މީހުން ބުނަން ޖާގަ ލިބޭ ގޮތަށެވެ. އެެެހެން ނަމަވެސް ގުޅުން ހަމަ 100 އެވެ. މިވާ އެއްޗެއްް ހަމަ ނޭގެއެވެ. ޕާޓީ ސިޔާސަތެއްގައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަ މީހަކީ ޕާޓީގައި ރަމްޒީ މަޤާމެއް ކަމުގައި، ޕީޕީއެމްގެ އަސާސީ ޤަވާއިދުުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ރައީސް ޔާމީނަކީ ޕީޕީއެމްގެ މުސްތަޝާރަށް ވިޔަސް، ކޯޓަށް ވަޑައިގެން ރައީސް ޔާމިން ކާމިޔާބު ހޯއްދެވިއެވެ. ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕިއެމްގެ މިލްކްވެރިކަން ހޯއްދެވުމުގައި ރައީސް މައުމޫނާއި ރައީސް ޔާމިން މަސައްކަތް ކުރެއްވިއިރު ފެނިގެންދިޔައީ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ކައުންސިލް ބައްދަލުވުން ތައް ބާއްވައި ނިއްމުންތައް ނިއްމަމުން ދިޔަ މަންޒަރެވެ. އެއްބަޔަކު ޕާޓީން ވަކިކުރަން އެއް ފެކްޝަނަކުން ނިއްމާއިރަށް އެ ނިއްމުން އަނެއް ފެކްޝަނުން ބައްދަލުވުމަކުން ބާތިލްކުރެއެވެ. ރައީސް ޔާމިން ސަރުކާރުގެ ބޮޑުބައި ދިޔައީ މި ސަކަރާތެއްގައެވެ. އެކަމުގެ ސަބަބުން ސަރުކާރާއި ޕާޓީ އަށް ފޫ ނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިގެންދިޔައެވެ.ރައީސް ޔާމީނުވެސް އެވަރުން އެކަން ކުރެއްވީ، ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅާއަށް ޕާޓީގެ ކޮންޓްރޯލް ނެތި ވެރިކަން ކުރެއްވުމަށް ދަތިފުޅުވާތީކަމަށް ބެލެވެއެވެ. މިދަންނަވާލީ ވަރަށް ފަހުގެ ތަޖުރިބާ ތަކެއްގެ ވާހަކައެވެ.

އޭގެ މާކުރިން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެޕާޓީން އެގޮތަށް އަމަލު ކުރުމުންވެސް އެއީ އެކަމުގެ ހެއްކަކަށް ފުދެއެވެ. އެމްޑީޕީގެ ތެރެއިން އަނެއްކާ އިސްލީޑަރު ކަނޑައަޅަން، ޕީޕިއެމް އިން ކުރި ހިތި ތަޖުރިބާ ކުރަންޖެހި އެ ތާރީޚު އަލުން އިއާދަވެގެން ހިގައިދާނެ ކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށްވެސް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ޑީއާރްޕީ އާއި ޕީޕީއެމް ރައީސް މައުމޫނާއި ނުލައި، އަދި ޖުމުހޫރީޕާޓީ ޤާސިމާއި ނުލައި އަދި އެމްޑީއެން ސިޔާމާ ނުލައި ނޯންނާނެކަމަށް ބުނެ މަލާމާތް ކުރި މީހުން، މިއަދު އެމަލާމާތްކުރަނީ އަމިއްލަ ޕާޓީއަށެވެ. އަމިއްލައަށް ކަނޑައެޅި ޕާޓީގެ އަސާސީ ގަވާއިދާއި އުސޫލުތަކާއި ހަމައަށެވެ. އަބަދުވެސް ހަކުޅި ކުރިއަށް ކުޅުއްވާ ސިޔާސީ ކުޅިބައިގައި ރައީސް ނަޝީދަށް ދެން ކުޅިފަސް ލިބިވަޑައިގެންފާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އެނގޭހާ ވެސް އެއްޗަކީ އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ ކަމެވެ. ބޮޑު ދެގެރި ތަޅައްޏާ ކަށްގަލަށް ބާރުކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން