ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ފްރާންސްގެ އެމްބާޕޭ
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ފްރާންސްގެ އެމްބާޕޭ
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފްރާންސާއި ޕޯޗުގަލް ކުޅު މެޗްތައް ކާމިޔާބުކޮށްފިއެވެ.

ފްރާންސް އިން ރަށުން ބޭރުގައި ރޭ ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއިން ނެވެ. މެޗްގެ ލީޑް ފްރާންސަށް ހޯދައިދިނީ އަށް ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން އެވެ. ދެ ވަނަ ހާފް ފަށައިގެން ކްރޮއޭޝިއާ އިން ކުޅުން ރަނގަޅުކޮށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ޖެހީ ނިކޯލާ ވްލަސިޗް އެވެ. ފްރާންސް މޮޅުކޮށްދިން ގޯލު އެމްބާޕޭ ޖެހީ މެޗު ނިމެން 11 މިނިޓަށް ވެފައި ހުއްޓަ އެވެ.

ރޭ ޕޯޗުގަލް ވެސް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ސްވިޑެން އަތުން މޮޅުވެފައެވެ. މި މެޗުގެ 21 ވަނަ މިނިޓްގަައި ޔޮޓާ ދިން ބޯޅައަކުން ޕޯޗުގަަލަށް ލީޑުނަގައިދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ޔޮޓާ ވަނީ ޕޯޗުގަލަށް ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފްގައި ޕޯޗުގަލްގެ ފަހު ގޯލު ޔޮޓާ ޖެހީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި އޮތް ފްރާންސަށް ހަތަރު މެޗުން ލިބުނީ 10 ޕޮއިންޓެވެ. ޕޯޗުގަލް ކުރީގައި އޮތީ ފްރާންސަށް ވުރެން އިތުރަށް ތިން ފައިދާ ގޯލު ހޯދައިގެންނެވެ. ގްރޫޕްގެ އެއް ވަނަ އަށް ފައިނަލް ބުރުގެ ޖާގަ ލިބޭއިރު، މި ގްރޫޕްގައި ދެން އޮތީ ކޮންމެ ޓީމަކަށް ދެ މެޗެވެ. ފުރަތަމަ މެޗުގައި އަންނަ މަހު ޕޯޗުގަލް އަމިއްލަ ދަނޑުގައި ފްރާންސާ ދެކޮޅަށް ކުޅޭނެ އެވެ. ފަހު މެޗުގައި ފްރާންސް ކުޅޭނީ އަދި ޕޮއިންޓެއް ނުލިބި ގްރޫޕް ފުލުގައި އޮތް ސްވިޑެންއާ ދެކޮޅަށެވެ. އަދި ޕޯޗުގަލް ބައްދަލުކުރާނީ ރަށުންބޭރުގައި ކްރޮއޭޝިއާއާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން