ހުޅުމާލެ-
ހުޅުމާލެ-
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 94.5 މިލިއަން ރުފިޔާއަށް ގަނެފިއެވެ. މި މުއާމަލާތަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ މުއާމަލާތެއް ކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން މިހާރު ވަނީ ކަނޑައަޅައި ހުކުމްކޮށްފައެވެ.

މި މައްސަލައަކީ ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި، "ބިމާއި އިމާރާތް ވިއްކުމުގެ މައްސަލަ"އެއްގެ ގޮތުގައި އެޗްޑީސީގެ ފަރާތުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލައެކެވެ.

ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11516 ގެ ގޮތުގައި ފާހަގަކޮށްފައިވާ 25،011.43 އަކަފޫޓުގެ ބިމެކެވެ. މި ބިން ގަތުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޖުމްލަ 94،543،205.40 (ނުވަދިހަ ހަތަރު މިލިއަން ފަސްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ފަސް ރުފިޔާ ސާޅީސް ލާރި) ވަނީ ޚަރަދުކޮށްފައެވެ. އަދި ބިމުގެ އަގަށްވާ މި ފައިސާ ފިނޭންސް މިނިސްޓްރީގެ ފަރާތުން އެއްކޮށް އެޗްޑީސީއަށް ދައްކައި ޚަލާޞްކޮށްފައިވާ ކަމަށްވެސް ކޯޓު ރިކޯޑުތަކުން ދައްކައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ވިޔަފާރިއެއް ފުރިހަމަވުމަށް ބޭނުންވާ މައިގަނޑު ރުކުންތައް ކަމަށްވާ ޢަޤުދުވުމާއި، އިޖާބައާއި ޤަބޫލު ފުރިހަމަވެފައިވާ ކަމަށެވެ. އަދި އެއްބަސްވި އަގު އެއްކޮށް ދައްކައި އަދާކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ހުޅުމާލޭގެ އެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތުގެ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު