38 ވަނަ ބައި
..................
ވޭތުވެދިޔަ ޒަމާނުގެ ވާހަކަ ދައްކަނީ ކީއްކުރަން ހެއްޔެވެ. [ޔާދިރުއެވެ!] ޖައްޔިދާ އުފާވެލާފައި ބުންޏެވެ. [ރަމްލާއަށް އެއްވެސް މީހަކު ރީއްޗެއް ނުވެއެވެ. އޭނާގެ ނަޒަރުގައި ހަމަކޮންމެ ފިރިހެނަކީ ކިސަޑުކޯރުގައި އުޅޭ ފަނިފަކުސާއެވެ. ކޮންމެ މީހަކާމެދު އޭނާ މަލާމާތް ކުރެއެވެ. މިސަބަބަށްޓަކާ، އޭނާގެ ފިރިއަކަށް ހޮވޭމީހާ އަންނާނީ އުޑުން ފައިބައިގެންނޭ އަޅުގަނޑުމެން ބުނެ އުޅުނީމެވެ.]
ރަމްލާގެ މޭގައި ރިހުމެއް އުފެދުނެވެ. [އަހަރެން ރަމްލާގެ ފިރިމީހާ ދެކޭހިތް ވަރަށްބޮޑަށް އެބަވެއެވެ.....]
ޔާދިރު ވާހަކަ އަޑުއަހަން އިނދެފައި ފަރިގޮތަކަށް އަނގައިގާ ސުއްޓާޖަހާލިއެވެ. އަދި ދަމާލުމާއެކު ދުންކޯވަރެއް ބޭރުކޮށްލަމުން އަޖައިބު ކުރުވަނިވި ނަޒަރަކުން ބަލަން ފަށައިފިއެވެ.

[މީނާއަށް ބަލާލައިފި މީހަކު އެހެން އެއްވެސް މީހަކަށް ބަލާލާ ހިތެއްނުވާނެއެވެ. އަހަރެން އެއްގޮތަކަށްވެސް އޭނާގެ ފިރިމީހާ ދެކޭހިތެއް ނުވެއެވެ.]
ރަމްލާ ސިހިފައި އޭނާއާ ދިމާއަށް ބަލާލިއެވެ.
ޔާދިރު އެވަގުތު އިނީ ރަންކުލައިގެ ކުރުތާއެއް ލައިގެންނެވެ. އޭނާގެ މޫނުމަތިން ހެކިދޭ ގޮތުގައި އޭނާ އެއިނީ، ގަދަކަމުން ނިދިން ހޭލައްވާ ލެވިފައެވެ.... އެއްބައި ނިދާފައެވެ..... އަނެއްބައި ހޭލައެވެ.... ލޯހުޅުވިފައެވެ. އެހެންނަމަވެސް ހީވަނީ ތާއްޔާ ޖެހިޖެހި އިންނަ ހެންނެވެ. އެކަމަކު އޭނާ ފެނުމުން ހުވަފެންތަކުގެ ތެރެއަށް ގެއްލިދާ ހިތްވެއެވެ. އިޙްސާސްތައް ހޭލެއްވާލާ ފަދަ މިކަހަލަ މޫނުތަކުގައި ކިހާ ބިރުވެރިކަމެއް އެކުލެވިފައިވޭ ހެއްޔެވެ؟
[އަހަރެން ސައިތައްޔާރު ކޮށްލާނަމެވެ.]
މިހެން ބުނެފައި އޭނާ ބޭރަށް ނުކުމެއްޖެއެވެ.
ބޭރަށްނުކުތުމުން އޭނާގެ ހިތްބާރަށް ތެޅެމުންދާ ކަމުގައި އިޙްސާސް ކުރެވުނެވެ. އަދި ހިތުގެ އެތެރޭގައި، ކޮންމެވެސް ކަހަލަ ސިއްރު ދޮރެއް ހުޅުވިއްޖެއެވެ.
މުޅި ސުއްޓާގެވަސް ކަރުތެރޭންލާފައި ގޮސް ހިތާހަމައަށް ހިނގައްޖެއެވެ. އޭނާގެ ފައި ތުރުތުރު އަޅާކަމުގައި ފުރުތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ. އޭނާއާ ދިމާއަށް ޔާދިރު އެބެލީ ކޮންފަދަ ލޮލަކުން ކަމެއްވެސް ނޭނގެއެވެ. ރަމްލާގެ ނޭވާ އަވަސްވާން ފަށައިފިއެވެ.
ސައިބުއިމުގެ ތެރޭގައި ހީނ ސަމާސާ ކުރެވުނެވެ.
ޖައްޔިދާ އައީ ކުޑަކުއްޖާއަށް ހަދިޔާ ހިފައިގެންނެވެ. އެހެންކަމުން އޭނާ ކޮޓަރިއަށްގޮސް ކުއްޖާ ބަލާލިއެވެ. އަދި ރަމްލާގެ މަންމައާ ވާހަކަ ދައްކާ ހެދިއެވެ....
ދެން އަނެއްކާވެސް އެމީހުން އެނބުރި އައިސް ސިޓިންގރޫމްގައި އިށީނދެއްޖެއެވެ.
ކުއްލިއަކަށް ޖައްޔިދާ ބުންޏެވެ. [ޔާދިރު އެވެ. އަޅުގަނޑު މިގެއިން ނަރުގިސްއަށް ފޯނެއް ކޮށްލަންތޯއެވެ؟]
[އަނެއްކާ އެގޭގައި އޮތީ ކޮން ޕްރޮގްރާމެއް ހެއްޔެވެ؟]
ޔާދިރު ދުންކޯވަރެއް ދޫކޮށާލަމުން ބުންޏެވެ.
ޖައްޔިދާ ތެދުވެގެން ކޮރިޑޯއަށް ހިނގައްޖެއެވެ.
ރަމްލާގެ ހިތްތެޅެން ފަށައިފިއެވެ. ކޮޓަރި ތެރޭގައި، ޔާދިރުއާއި ރަމްލާ އެކަނިވީއެވެ.... ނޫނެކެވެ. އެކަންޏެއް ނުވެއެވެ. އޭނާގެ ފިރިމީހާވެސް ހުއްޓެވެ. ދަރިފުޅުވެސް މެއެވެ. ވީއިރު އެގޮތަށް ހީކުރަންވީ ކީއްކުރަން ހެއްޔެވެ؟ އާއެކެވެ. ހަނި ގޯޅިގަނޑެއްގެ ދެކޮޅުން ދެމީހުން އައިސް ތާށިވީ ކަމުގައި ހީކުރަނީ ކީއްކުރަން ހެއްޔެވެ. ދެމީހުން އެއްފަހަރާ އެ ގޯޅިގަނޑުން ދާން ގަސްތުކޮށްފިއްޔާ އެކަކު އަނެކަކާޖެހި ފިތިދާނެއެވެ. މިކަމަށްޓަކާ ދެމީހުން ދާންވީ ދެދިމާއަށެވެ. ތިމާ ދާދިމާއަކަށް ދިއުން ކޮންމެހެން ބޭނުމެވެ. އެގޮތުން އަނެކަކު ފަހަށް ޖެހިދާނެއެވެ.
އޭނާ ފަހަތަށް ޖެހިދާނެ ހެއްޔެވެ.
ރަމްލާ އިސްއުފުލާލާފައި އޭނާއާއި ދިމާއަށް ބަލާލިއެވެ. އޭނާ މިހަނި ގޯޅިގަނޑުގެ މަގު ދޫކޮށްލަފާނެ ބާވައެވެ.
އޭނާ ލޯބިވެތި ނަޒަރަކުން ރަމްލާއަށް ބަލަނީއެވެ. އެވަގުތު އޭނާގެ އަތުތެރޭގައި ސުއްޓާގެ ބަދަލުގައި އޮތީ ރަމްލާގެ ނާޒުކު ހަށިގަނޑު ކަހަލައެވެ.
އެކަކު އަނެކަކާ ޖެހިފިތިގެން މަގު ހުރަސްކުރުމަކީ ޙަޤީޤަތުގައި ދެމީހުންގެ ނިމުމެވެ. އެކަމަކު ހިތް އެދެނީ ހަމަކުރިޔަށް ދިޔުމަށެވެ.
ރަމްލާގެ މޫނު ރަތްވެއްޖެއެވެ. އެއާއެކު ތުންފަތް ހަފަން ފަށައިފިއެވެ.
[ކޮންމެވެސް ވާހަކައެއް ދައްކަވަ ބައްލަވާށެވެ.]
ޔާދިރު، ލޮލުގައިވާ އަނިޔާވެރިކަން ބަދަލުކޮށްލަމުން ބުންޏެވެ.
ކޮންމެވެސް އެއްޗެކޭ ބުނުމަށްޓަކައި ރަމްލާގެ ތުންފަތް އެދެންފަށައިފިއެވެ. އިރުކޮޅެއްވަންދެން ބަލަހައްޓައިގެން އިނުމަށްފަހު އަނެއްކާވެސް ޔާދިރު ބުންޏެވެ.
[ތިޔަ ތުންފަތް ބުނަންއުޅޭ ވާހަކަ ބުނުމަށް ތިމާގެ ހިތްނޭދުނު ކަމުގައި ވިޔަސް ތުންފަތަށް ދަތުގެ އަނިޔާ ތިޔަދެއްވަނީ ކީއްވެގެންތޯއެވެ. ބުނަން އުޅޭ ވާހަކައެއް ބުނުމުގެ ހުއްދަ ދެއްވާށެވެ.... ޖަޒާއާއި ސަޒާ އަމިއްލައަށް ލިބިގެން ފާނެއެވެ.]
ވަގެކެވެ.... ބިރުވެރި ނުރައްކައުތެރި ވަގެކެވެ.
ރަމްލާ ކަންބޮޑުވެފައި އޭނާއާއި ދިމާއަށް ބަލާލިއެވެ.
ހިތުގައިވާ ހުރިހާ އެއްޗެއް ވަގަށްނެގުމުގެ މަޝްވަރާ އޭނާ ކުރިއެވެ. ހިމޭން ދުލުގައިވާ ހުރިހާ ވާހަކައެއް އޭނާއަށް އެނގެއެވެ.... ވީއިރު އޭނާގެ ކުރިމަތީގައި ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ. އެއްޗެކޭ ބުނުމުގެ ފައިދާއެއް އެބައޮތް ހެއްޔެވެ؟]
މިހާ ހިސާބުން ޖައްޔިދާ ފޯނުކޮށްލާފައި އަތުވެއްޖެއެވެ.
[އަޅުގަނޑު ނަންގަތީމެއް ނޫންތޯއެވެ. އަޅުގަނޑުމެން ދާންވީ ހަތްގަޑި ބަޔަށެވެ.]
ޔާދިރު އެއްވެސް ޖަވާބެއް ނުދެއެވެ.... އޭނާ މަޖާވެފައި ސުއްޓާ ދަމަން ފަށައިފިއެވެ.... ރަމްލާގެ ހާސްކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. އެގޮތަށް ޔާދިރު ސުއްޓާ ދަމަންފެށުމުން ރަމްލާ ކަންބޮޑުވަނީއެވެ.... އެހެންކަމުން ކުއްލިއަކަށް އޭނާ ބުންޏެވެ.
[ރަމްލާގެ ފިރިމީހާ ކިހާވަރަކަށް ސިގިރޭޓް ބައްލަވާތޯއެވެ؟]
[އަޅުގަނޑުގެ ފިރިމީހާ ސިގިރޭޓެއް ނުބައްލަވައެވެ.] ރަމްލާ ކަނޑައެޅިގެން ދޮގުހެދިއެވެ. ޙަޤީޤަތުގައި މުޢާޒު ސިގިރޭޓެއް ނުބޮއެވެ. އެކަމަކު ބައެއް ފަހަރަށް ޕާރޓީތަކުގައި ބޯލައެވެ.
[އެހެންވިއްޔާ....]
އޭނާ ޖުމްލާ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.... ސުއްޓާ ދަމާލިއެވެ.... ދުން ކޯވަރެއް ދޫކޮށްލިއެވެ. ފަޟާގެ ތެރެއަށް ނޭވާއެއް ދޫކޮށްލަމުން މީރުކަމެއް ލިބިގަތެވެ. ދެން އަނެއްކާވެސް ރަމްލާގެ އުދާސް ލޮލާދިމާއަށް ބަލާލާފައި ބުންޏެވެ.
[ރަމްލާގެ ފިރިމީހާ ބައްލަވަނީ ކޮން އެއްޗެއް ތޯއެވެ؟]
ރަމްލާ އިސްދަށަށް ޖަހާލިއެވެ.
އޭނާ ބޮނީ އަހަރެންގެ ލެއެވެ.... އޭނާ ބޮނީ އަހަރެންގެ ފުރާނައެވެ. މިހެން ބުނެފާނެމޭ ރަމްލާގެ ހިތަށް އެރިއެވެ.... އެކަމަކު ޙަމަލާދިނުމުގެ ކުރީގައި އޭނާ ބަލިވެއްޖެއެވެ.
ޔާދިރު އިނީ ހެވިފައެވެ. އޭނާގެ ތުންފަތް ހީވަނީ ރަތް އަނގުރުކޮޅެއް ހެންނެވެ.
[ރަމްލާގެ ފިރިމީހާއަކީ ވަރަށް ނަސީބު ރަނގަޅު މީހެކެވެ.] ޚުދު އޭނާ ހީލާފައި ބުންޏެވެ. [އޭނާ ސިގިރެޓް ބޯންވީ ކީއްކުރަން ހެއްޔެވެ. މިވިޔާނުދާ ސިގިރޭޓް ބުއިމުގެ އެއްވެސް ބޭނުމެއް ނެތެވެ.]
ރަމްލާ ހަމައަވަހަށް އޭނާގެ ހިކި ތުންފަތުގައި ދޫކާއްތާލިއެވެ. ހީވަނީ އޭނާގެ ފެންބޮވައި ގެންފައިވާ ތުންފަތުގެ ސިއްރު ޔާދިރަށް އެނގެނީ ހެންނެވެ. ވަގު ހިފައިގަތް ކަހަލައެވެ. ހީވަނީ.... ހީވަނީ ރަމްލާގެ މޫނު ހުރިހާ ސިއްެރެއް ބޭޒާރު ކޮށްލައިފި ހެންނެވެ.
އެކަމަކު އޭނާ އިނީ ވަރަށް މަޖާގޮތަކަށް ހެވިލާފައެވެ.
ޖެހިގެންއޮތީ ހުކުރު ދުވަހެކެވެ. މުޢާޒު ދިޔައީ ހުކުރަށް އަންނާނެ ވާހަކަ ބުނެފައެވެ. އެހެންކަމުން މުޢާޒު އައުމުގެ ކުރިން ޖައްޔިދާގެ ގެއަށް ގޮސްލާފައި އައުމަށް އޭނާ އެދުނެވެ. ޖައްޔިދާވެސް ދިޔައީ ބުނެފައެވެ.
[ރަމްލާއެވެ. އަހަރެމެންގެ ގެއަށް ދާންވާނެއެވެ. މިގޭގައި އިންނަންޏާ ކޮންމެ ދުވަހަކުވެސް ބައްދަލުވެލަން ވާނެއެވެ.]
އެހެން ނަމަވެސް ޔާދިރު އެކައްޗެކޭވެސް ނުބުނެއެވެ. ލޮލުގެ އިޝާރާތުން ވާހަކަ ދެއްކުމުގައި ޔާދިރަކީ މާހިރެކެވެ. އެންމެ ބަލާލުމަކުން ހުރިހާ ވާހަކައެއް ބުނެލައެވެ. ނުކުމެގެން ދަމުން ބުނެލި ކަހަލައެވެ.
ރަމްލާގެ ހިތް ތެޅެން ފަށައިފިއެވެ. އޭނާ މަޢޫޒު ފެންވަރުވާފައި ބުއްދިނެވެ. އަދި ނިންދަވާފައި ބޭއްވިއެވެ. ފެންވެރުވުމަށްފަހު މަޢޫޒު ގާތްގަނޑަކަށް ދެތިން ގަޑިއިރު ނިދާނެއެވެ. އެހެންކަމުން ތައްޔާރު ވެލައިގެން ބޭރަށްނުކުމެ މަންމަ ގާތުގައި ދަރިފުޅު ބަލާދިނުމަށް އެދުނެވެ. ޖައްޔިދާގެ ގެއަށް ދިއުމަށްޓަކައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ މަގުމަތިން ލައިގެން ދިޔުމެވެ. އަނެއްގޮތަކީ އެތެރެ އެތެރޭން ލައިގެން ދިއުމެވެ. ރަމްލާ އިޚްތިޔާރު ކުރީ އެތެރެ މަގެވެ. ދިޔަ ދިއުމުގައި އޭނާއަށް ހީކުރެވެނީ މިދެވެނީ ފުރަތަމަ ފަހަރަށް ވައްކަން ކުރުމަށް ކަމުގައެވެ. ފުރަތަމަ ފަހަރަށް ތަނެއް ލޫޓުވާލަން ކަމުގައެވެ. އަމިއްލަ ހިޔަނިދެކެ ބިރުންހުރެ ފައިގެއިނގިލިތައް ޖައްސައިގެން ވައިރޯޅިއަށްވެސް ފިލައިގެން..... ވަށައިގެން ހޯދަމުންނެވެ.... ބައެއް ފަހަރު ސިހެއެވެ. ޖެހިލުންވެއެވެ.
ތަންކޮޅެއް ބާރަށް ހިތް ވިންދުޖަހައިފިއްޔާ އޭނާ މަލާމާތްކުރެއެވެ. ހިތް ލަދުގެންފިއްޔާ އޭނާ އެކަމާ އަޑުލައެވެ. މިކުޑަކުޑަ ތަންކޮޅު ހާސްމޭލަށް ދިގުވެއްޖެއެވެ. އަދި ހާސްމޭލް ކަޑައްތުކޮށް ރަނގަބީލުގައި އަތްޖައްސާލީ ކޮންގޮތަކުން ކަމެއް ނޭގުނެވެ. ހީވީ މޮޔައިންގެ ޝަހަރުގެ ބޮޑު ދޮރާށީގައި އޭނާ ޓަކި ޖަހާލީ ހެންނެވެ. ނުވަތަ ނާކާމިޔާބުގެ އަނދިރި ވާދީއަކުން އަލިކަންފުޅަކަށް އެދުނު ހެންނެވެ.
އޭނާ ރަނގަބީލުގައި އަތް ޖައްސާލާފައި އަވަހަށް އަތް ދަމައިގަތެވެ. އެހެން ނަމަވެސް އެތެރެއަށް އަޑު ހިނގައްޖެއެވެ..... ހީވީ އެތެރޭގައިވާ ހުރިހާ އެއްޗެއް އޭނާގެ އިންތިޒާރުގައިވާ ހެންނެވެ. އޭނާ ރަނގަބީލުގައި އަތް ޖައްސާލުމާއިއެކު މުޅިގެ ހޭލައިފިއެވެ. ފާރުބުރި މަތީގައި ބަހައްޓާފައި ހުރި ބައްތިތައް ޝެހެނާއީ ފުމެން ފަށައިފިއެވެ.
ޔާދިރު ދޮރުހުޅުވާލިގޮތުން ހީވީ ރޭ ހަތަރުދަމު ނުނިދާ އޭނާގެ އިންތިޒާރުގައި ހުރި ހެންނެވެ. ދޮރުފަތް ކުޑަކޮށް ހުޅުވާލާފައި ބޭރު ބަލާލިގޮތުން ހީވީ ހަނދު ކަޅުވިލާތަކުގެ ތެރެއިން ފަރުދާ ފަޅާލާފައި ދުނިޔެއަށް ބަލާލި ހެންނެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު