ފުވައްމުލަކު އަމާންވެއްޓަށް ކުދިން ބަދަލުކުރުން
ފުވައްމުލަކު އަމާންވެއްޓަށް ކުދިން ބަދަލުކުރުން
އެކި ސަބަބުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި އެކި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ "އަމާން ވެށި"ތަކަށް ބަދަލުކުރެވެމުންދާއިރު، އެ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކުގެ ދިފާޢުގައި ޖެންޑަރ މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

ބ. އޭދަފުށީ އަމާންވެއްޓަށް ބަދަލުކުރި ބައެއް ކުދިންގެ ސަބަބުން ރަށުގެ ހަމަޖެހުމަށް އަސަރުފޯރާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ޖެންޑަރ މިނިސްޓްރީން މިއަދު ބުނީ، ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން އެކުދިންނަށް އެންމެހައި ޙައްޤުތަކެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅާ ކަމަށެވެ.

އެގޮތުން ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެއެވެ. އެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ޤައިމުކުރެވިފައިވާ ދެ މަރުކަޒެއްގައެވެ. އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވޭ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށައިފައެވެ. އަދި މި ފަދަ މަސައްކަތެއް މިހައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، އެ ފަދަ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ޙާލަތުތައް އަންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ އަޅައިލުމާއި ޙިމާޔަތް ލިބުމުގެ ޙައްޤާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމު ނުކުރުމާ ޚިލާފަށް، ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާކަމީ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ މުޖުތަމަޢުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުޢޫރު ފާޅުކުރެވިގެންދާ ޙާލަތުތައް އަންނަ ކަމަށާއި، އެ ފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމަޢުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ފަދަ ގޮންޖެހުތައް ޙައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާތަކެއް ވާކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން