މިއަދުގެ އެވަގުތުކޮޅަށް ފަހު އެމްޑީޕީއަށް އަމާޒުވާންފެށި އެންމެ މުހިންމު އެއް ސުވާލަކީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "ދުއްވާލުމުން" ރާއްޖޭގައި މިދޭ ފިނިހަކަ ސްޕީޑްގެ، ޖައްސާލީމާ "ޚަތަމް" ވާގޮތަށް އޮންނަ އިންޓަރނެޓްގެ ޚިދުމަތް ހަލުއިވެދާނެ ކަމާމެދު އުފެދޭ ސުވާލެވެ. މިއަދު މިސުވާލު އެންމެ ބޮޑަށް އަމާޒުވި އެއް ބޭފުޅަކީ މިމައްސަލައާއިގެން ތެދުވެ ވަޑައިގެންނެވި މެންބަރު މީކާއިލް ނަސީމަށެވެ. މަލީހު ދުއްވާލުމަށްފަހު މީކާއިން ޓްވީޓްގައި ޖެއްސެވީ "ޑަން" ނުވަތަ މަސައްކަތް ނިމުނީ ކަމަށެވެ. ނަމަވެސް އެންމެންގެ ވެސް އުފައްދަންފެށީ އެހާހިސާބުން އެކިޔާ ފިނިހަކަ ސްޕީޑްގެ އިންޓަރނެޓަށް، ރޮކެޓް ސްޕީޑްގެ ދުވެލި ލިބުނީ ނުވަތަ ލިބޭނެ ކަމާމެދު އުފެއްދި ސުވާލެވެ.

މީކާއިލް "ޑަން" ޖެއްސެވީ މީކާއިލާއި ހަވާލު ކުރެވިފައިވާ "ޖޮބަކީ" މަލީހު ދުއްވާލުމާއި ހިސާބަށް މަސައްކަތް ކުރެއްވުން ކަމަށް ވެސް ވެދާނެއެވެ. އެހެން ކަމަށް ވާނަމަ މީކާއިލްގެ ޖޮބް އެއޮތީ ފުރިހަމަވެފައެވެ. އެކަމަކު ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ ދިރާގާއި، ދިރާގުން މޮނަޕޮލައިޒް ކުރަމުންދިޔަ މުވާސަލާތީ ޚިދުމަތް ވިޔަފާރީގެ އުސޫލަށް ބަދަލުކޮށް ވާދަވެރިކަމާއެކު ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ އަގު ހެޔޮ ކުރަން ގެނައި އޫރީދޫގެ އިންޓަރނެޓް ސްޕީޑް ހަލުވި ވުމަށާއި އަގުހެޔޮވުމަށް ފެންބޮވައިގެންފައި ތިބި ރައްޔިތުންނަށް އެވަރުން ފުދޭނެ ހެއްޔެވެ.

މީކާއިލްގެ މިޝަން ނިމުނު ނަމަވެސް މަލީހުގެ ނޯކޮންފިޑެންސް ވޯޓާއެކު އެންމެންގެ ވެސް ސުވާލަކަށްވީ މަލީހު ދުއްވާލުމުން އިންޓަރނެޓްގެ ދުވެލި ބާރުވާނެ އިރަކާއި މެދު ކުރަންފެށި ސުވާލެވެ. މިއަދު ފުރާނައިގެ ކާނާއަށްވުރެ މުހިންމު އިންޓަރނެޓްގެ އަގު ތިރިވާނީ ކޮންއިރަކުންތޯ އުފައްދާ ސުވާލެވެ. ބައެއް މީހުން ސިފަކުރީ މަލީހަކީ އެމްޑީޕީގެ ބިޔަ ބޮޑު އަޣުލަބިއްޔަތު އޮތް މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި ފީ އިލޮށްޓެއްހާ ބަލިކަށި ސޮރެއްގެ ގޮތުގައެވެ. ދިފާޢުގައި ހަމަ އެއްވެސް ބަހެއް ބުނާނެ މީހަކު ނެތް އެކަނިވެރިއެއްގެ ގޮތުގައެވެ. މަންޒަރު ބަލަން ދުރުގައި ތިބި ރައްޔިތުންނަށް ވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ. އެމްޑީޕީގެ އެންމެ މެންބަރަކު ފުމެލާއިރަށް ބިންދައިގެން، މުލުން ލުހިގެން ވެއްޓުނީއެވެ.

އެހެންވީމާ ރައްޔިތުންނަށް މުހިންމުވީ މަލީހުގެ މަގާމެއް ނޫނެވެ. މަލީހެއް ވެސް ނޫނެވެ. އަދި މީކާއިލެއް ވެސް ނޫނެވެ. ރައްޔިތުން ބޭނުންވަނީ، ގިނަ މީހުން ސިފަކުރާ ގޮތަށް ދަންނަވާނަމަ، ދިރާގާއި އުރީދޫން ރައްޔިތުންގެ "ޖީބުތަކުން އެފެލާ ފެލުން، ނުވަތަ އެފޭރޭ ފޭރުން" ހުއްޓުވައި އެ "ފިނިހަކަ" ދުވެލީގެ، ޖައްސާލީމާ ޚަތަމްވާ އިންޓަރނެޓްގެ ޚިދުމަތަށް، އިންޓަރނެޓްގެ އަގަށް ހެޔޮ ބަދަލެއް އަވަހަށް އައުމެވެ. މިއަދު މީކާއިލް "ޑަން" އޭ ވިދާޅުވީ މާ މީހުންގެ މަލާމާތާއި ފާޑުކިޔުމާއި ޖޯކް ޖެހުން އޮހިގަތީ އެ ޖޮބް އަދި "ނޮޓް ޑަން" ވީމައެވެ.

އެހެންވީމާ މަލީހުގެ މަގާމު ދުއްވާލައި އެއްލާލުމާއެކު ގިނަ ބަޔަކު ބުނަން ފެށީ، މިހާރު އިންޓަރނެޓް ހަބޭސް ވެއްޖެ ކަމަށެވެ. ހަލުއިކަމުން ފޯނުގައި ވެސް ނުހިފެހެއްޓޭ ކަމަށެވެ. ހަމަ ޖައްސާލީމާ ވަދެގެން ދާކަމަށެވެ. ލޮނދި ހިކައެއްހާވެސް ހަލުއި ކަމަށެވެ. ސްޕީޑް ބާރުކަމުން މިއަދު ބުރު ވެސް ނޭނގޭ ކަމަށެވެ. މިހެން ގޮސް މަލީހު އެއްލާލުމާއެކު އިންޓަރނެޓަށް ލިބުނު ހަލުއި ކަމާއި އަގަށް އައި ބަދަލު ގިނަ ބަޔަކު ސިފަކުރީ ޖޯކެއްގެ ގޮތުގައެވެ.

ހަގީގަތަކީ މަލީހު ދުއްވާލުމަށް ގިނަ މެންބަރުން އިންޓަރނެޓްގެ ސްޕީޑާއި އަގާއި ގުޅުވި ނަމަވެސް އެއީ މަލީހުގެ އަތުގައި އޮތް ބާރެއް ނޫންކަން އެމެންބަރުންނަށް ވެސް އެނގެއެވެ. އެކަން ކުރުމަށް މަލީހަށް ވެސް ހިއްޕެވޭނީ ވަލުގައެވެ. ދެން އެވަލުގައި ހިއްޕަވައިގެން ތިއްބެވި ބޭފުޅުން ބާރު ނުލާނަމަ އެބުނާ ސްޕީޑެއް ނާންނާނެތާއެވެ. އެކަމަކު މަލީހުގެ މައްސަލައަކީ ކުރައްވަން ޖެހޭ މަސައްކަތެއް ނުކުރަށްވައި ގޮނޑި ހޫނުކުރަށްވަން އިންނެވުން ކަމަށް ވާނަމަ މަލީހު އެގޮނޑިން ނަގާ ހޫރާލާން މާ ބޮޑަށްވެސް ލަސްވެއްޖެއެވެ.

ދިރާގާއި އުރީދޫގެ ބާރު ފިނިހަކަ ސްޕީޑްގެ އިންޓަރނެޓްގެ ދުވެއްޔަށް ވެގެން ހަމަ އުޅޭ ގޮތެއް ނޭނގެއެވެ. ހަމަ ގައިމުވެސް އެގެންގުޅޭ އެއްޗަކަށް ސަކޭގާ ނުވާ ވަރަކަށް މިގައުމަކު އާބާދީއެއް ވެސް ބޮޑެއް ނޫނެވެ. އެހެރަ އަވަށްޓެރި ގައުމުތަކުގެ މުވާސަލާތީ ކުންފުނިތަކުން އެއްފަހަރާ ވިހި ތިރީސް މިލިއަން މީހުންނަށް ޚިދުމަތް ދޭއިރުވެސް ހަމަ ރޮކެޓް ސްޕީޑެވެ. ޖައްސާލީމާ ޕެކޭޖް ވެސް ހުހެއް ނުވެއެވެ. ޑައުންލޯޑަށް ޖައްސާލީ އެނބުރު އެނބުރި އެއްވެސް ނީދެއެވެ.

މިވާ ގޮތެއް މަލީހަށް ބުނދެވޭން އެބަ ޖެހެއެވެ. ދިރާގާ އުރީދޫއަށް ވެސް މިވާ ވަރަކީ ދުނިޔޭގައި ލެއްވިހާ ޖީ ތަކެއް މިގައުމަށް ގެނަސް ތަޢާރަފު ކުރަނީއެވެ. އެއިން ޖީއެއް ކިޔަން ރައްޔިތަކަށް ނޭގުނަސް ހެވެވެ. ދެން މިހަދާ ގޮތަކީ ދިރާގާއި އުރީދޫގެ ބަދިގޭގައި މިއަޅަނީ ހަމަ މީގެ ދިހަ އަހަރު ކުރިން ވެސް އެޅިވަރުގެ ބޯކިބަލެކެވެ. އޭރު އެމީހުން އަޅާ ބޯކިބާ ކާން ތިބީ ދޮޅަހަކަށް މީހުންނެވެ. އެކަމަކު މިހާރު އެކާންދޭން ޖެހޭ ފަސް ހަލައްކަ މީހުން ތިބިއިރުވެސް އެ ދެ ކުންފުނީގެ ބަދިގޭގައި އަޅާ ބޯކިބާ ބޮޑެއް ނުކުރެއެވެ. ދެން އެކާން ތިބި މީހުންނަށް ބަހަން ބަލާއިރު ފޮތި ކުޑަވަމުން ކުޑަވަމުން ގޮސް އިނގިލީގައި ދަތް އެޅޭ ވަރަށް ކުޑަކޮށްލައިގެން ފޮތިކުރާއިރު ވެސް ގިނައީ ލައްވާ ނުލާ މީހުންނެވެ. އަނެއް ކޮޅުން ފޮތި ކުޑަވަމުން ކުޑަވަމުން ގޮސް ލޮލަށް ނުފެންނަވަރަށް ކުޑަވީއިރުވެސް އަގަކަށް ބަދަލެއް ނާދެއެވެ. އަގު ބޮޑުކުރާން މިހަދަނީ އަދި މާމޮޅު އުކުޅެކެވެ. މިހަދާ ގޮތަކީ ނާސާއިން ނުވަތަ ދުނިޔޭގެ ބޮޑު ގައުމެއްގެ މުވާސަލާތީ ޚިދުމަތުގައި ފެންވަރު ވަޒަން ކުރުމަށް ކިޔާ ނަމެއް މިމީހުން ވެސް ކިޔަނީއެވެ. ހަތަރެއް ޖީ ފަހަނައަޅާ ގޮސް ފަހެއް ޖީވެސް މިވެރިން ގެނަސްފިއެވެ. އެކަމަކު ވީކަމެއް ހަރާމެވެ. ބޮޑުވީ ޖީބުން ދާ ބައެވެ. ޖައްސާލީމާ އެނބުރުއެނބުރި އިންދާ ޕެކޭޖް ޚަތަމް ވީއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން