ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންޑިއާއާއި ސްރީލަންކާގައި ބަހައްޓާ ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުން އެ ގައުމުތަކަށް ގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހޮނިހިރުދުވަހު ބާއްވާ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިއާއާއި ލަންކާގައި އެކަނިކަމަށެވެ. މިގޮތުން އިންޑިއާގެ ޓްރިވަންޑްރަމްގައި އެއް ފޮށި، ލަންކާގެ ކޮލަމްބޯގައި ހަތަރު ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީީ ހާމަކޮށްފައެވެ. މިގޮތުން އިންޑިއާގައި ބަހައްޓާ ފޮށްޓަށް ވޯޓުލުމުގެ ހައްޤު 442 މީހަކަށް ލިބިފައިވާއިރު، ލަންކާގައި ބަހައްޓާ ފޮއްޓަށް 2059 މީހަކު ވޯޓްލުމުގެ ހައްޤު ލިބިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރޭގެ ވަގުތެއްގައި މާލެއިން 17 އޮފިޝަލުންގެ ޓީމެއް ލަންކާއަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ދިޔަ ފަސް ފުލުހުން ވެސް ހިމެނޭކަމަށެވެ. އަދި އިންޑިއާގައި ބަހައްޓާ ވޯޓު ފޮށި ކައިރީގަައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓީމުވެސް މިއަދު ފުރާނެކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރާއްޖެއިން ބޭުރުގައި ބަހައްޓާ ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުން އެޤައުމުތަކަށް ގޮސްފައިވާއިރު، ވޯޓު ފޮށްޓާއި ވޯޓު ކަރުދާސްތައް އެޤައުމުތަކަށް މިހާރު ފޮނުވާފައިވާކަމަށް އިލެކްޝަންސުން ބުނެއެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓައި ވޯޓް ފޮށިތައް ފޮނުވާފައިވާއިރު، ރިސޯޓްތައް ފިޔަވައި އެހެން ހުރިހާ ރަށަކަށް ފޮނުވަންޖެހޭ ހުރިހާ ތަކެއްޗެއް މިހާރު ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މިއަދުގެ ނިޔަލަށް ރިސޯޓްތަކަށް ބޭނުންވާ ސާމާނު ފޮނުވާނެކަމަށްވެސް އިލެކްޝަންސްއިން ބުނެއެވެ.

ހޮނިހިރުދުވަހު ބާއްވާ އލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން