މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި އެއްލައްކަވަނަ ފަތުރުވެރިޔާ
މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި އެއްލައްކަވަނަ ފަތުރުވެރިޔާ
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 321،827 ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.


ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ. ފުރަބަންދަށްފަހު ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އައި ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ، ޖުލައި 15 ވަނަ ދުވަހު ހެނދުނު 8:27 ގައެވެ. ގަތަރު އެއާވޭސްގެ ފްލައިޓު ވީއައިއޭގައި ޖެއްސުމާއެކު މަޑުޖެހިފައި އޮތް ރާއްޖޭގެ އިޤްތިޞާދު އަލުން ވަނީ ހިނގައިގަނެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 06 ވަނަ ދުވަހުގެ ނިޔަލަށް 23257 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 23 އިންސައްތަ އިންޑިއާއިން ޙިއްސާކުރާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން ޙިއްސާކުރަނީ 20.9 އިންސައްތައެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3352 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 701 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 150 ރިސޯޓަކާއި، 137 ސަފާރީގެ އިތުރުން 11 ހޮޓަލަކާއި، 403 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 46267 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 34784 އެވެ.

ރާއްޖެއަށް މިހާރު 30 އެއާލައިނަކުން ވަނީ ދަތުރުތައް ފަށައިފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު