ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަން ހާމަކޮށް އިޒްރޭލްގެ އުދުވާންތަށް ހުއްޓާލުމަށް ގޮވާލާ މުޅި ރާއްޖޭގައި އަޑު އުފުލައިފިއެވެ.

އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރާއްޖޭގެ ރަށްރަށުންނާއި މާލެ ސިޓީގެ ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެފައެެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންނާއެކުކަން ހާމަކުރުމުގެ ގޮތުން މަޖީދީމަގުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން ބެލްކަނިތަކާއި ގޭގެ ދޮރޯށި ކައިރިއަށް ގިނަ ބަޔަކު ވަނީ ނުކުމެފައެވެ. މަގުތަކަށް ނުނުކުމެ މާލޭގެ ގޭގެ ބެލްކަނިތަކުގައި ތިބެގެން ވެސް ވަރަށް ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން މި ހަރާކަތުގައި ބައިވެރިވެފައެވެ.

މަގުތަކަށް ނުކުތް ޒުވާނުންނާއި ކުޑަކުދިން ވެސް ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށް އިޒްރޭލްގެ އަނިޔާވެރި ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ދުއާކޮށްފައިވެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި އިޒްރޭލްގެ އަމަލުތަކާއި ދެކޮޅަށް ހިނގާލުން ތަކާއި އެއްވުންތަށް ކުރިއަށް ގެންގޮސްފައިވާއިރު، އެރަށްރަށުން ވެސް ފަލަސްތީނަށް އޮތް ލޯބި ހާމަކޮށް އިޒްރޭލްގެ ހަމަލާތަކާއި ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.

މި އިވެންޓް ފެށުމުގެ ކުރިން ރާއްޖޭގެ ރައީސްލުޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ވަނީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ "ފްރީ ފަލަސްތީން" ކެންޕެއިންގައި ބައިވެރިވެވަޑައިގެން ޒުވާނުން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަށް ހިތްވަރު ދެއްވާފައެވެ. ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ފަލަސްތީނުގެ ދިދައާއެކު މުޅި ދުނިޔެެއަށް ވަރުގަދަ މެސެޖެއް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.



ރައީސް ސޯލިހް ފްރީ ފަލަސްތީނު ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމުން ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އިޒްރޭލްގެ އަމަލުތަކާއި ދެކޮޅު ހަދައި ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ރައިޒް އަޕް މޫވްމަންޓްގެ ފަރާތުން އެއްވުމެއް ބާއްވަން މިހާރު ވަނީ ނިއްމާފައެވެ. މިހަރާކާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން