ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ދައުރު ނިމޭއިރު ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

"ގެދޮރުވެރިޔާ ލޯނު ސްކީމް" ތަޢާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ ވަރަށްބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއްކަން އެނގިލައްވާ ކަމަށެވެ. އަދި މިއަދު ސަރުކާރުން މި ފަށާ މަސައްކަތަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ވީ ވަޢުދާ އެއްގޮތަށް، މި ދައުރު ނިމޭއިރުގައި، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ ކަމަށެވެ. އަދި "ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ ނަމުގައި، މިއަދު މި ފަށާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ޚަލާޞްކުރާ ގޮތަށް، ތަޢާރުފުކުރާ ލޯނު ސްކީމެއް ކަމަށާއި، މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަންޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި، ނުވަތަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ ޢިމާރާތް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި، ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ގިނަވެގެން ހަތް ލައްކަ ރުފިޔާ، ކޮންމެ ފަރާތަކަށް ދޫކުރެވޭނެ ކަމަށާއި، މި ލޯނަށް ގިނަވެގެން މަހެއްގެ މައްޗަށް އަނބުރާ ދައްކަން ޖެހޭނީ 5000 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއަދު މި ފަށާ ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ މުޅިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށާއި، އެގޮތުން ޚާއްޞަކޮށް، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް، ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫޢު ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ސޮއިކުރެވި، މަސައްކަތް ފެށުމަށްޓަކައި 7000 ފްލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައި ކަމަށާއި، އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމުގައި ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށްވެސް ރައީސް ވަނީ މިރޭ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން