މާލޭގެ މުސްކުޅި ޗާޓުނުން މާވެޔޮ އޮތް ތަން
މާލޭގެ މުސްކުޅި ޗާޓުނުން މާވެޔޮ އޮތް ތަން
ވެވަކީ މީހުން އެރި ފެންވަރައި ހެދުމަށް ކޮނެ ތިލަވަތްގާ އަޅައި ކައިރި ހަދައިފައި ހުންނަ ފެންފެންގަނޑަށް ކިޔާ ނަމެކެވެ. މިކަހަލަ ފެންފެންގަނޑު ގިނައިން ހުންނަނީ ދޫނިފަތްލާފައެވެ. އަދި ވެވަށް އެރެން ހަރުފަތެއް ނުވަތަ ހަރުފަތްތަކެއް ހުންނާނެއެވެ.

އިހުގައި ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވެވުތައް ނުވަތަ ވެޔޮތައް ހުއްޓެވެ. އެންމެ ގިނަ ވެވުހުރީ ފުވައްމުލަކާއި އައްޑުއަތޮޅާއި ހުވަދުއަތޮޅު ގައެވެ. އެއަށްފަހު މާލޭގައެވެ. ދެން ހުރި އަތޮޅުތަކުގައި ހުރިލެއް ނިސްބަތުން މަދެވެ. 1921 ވަނަ އަހަރުގެ ބޯހިމެނި ހިސާބުތައް ބުނާ ގޮތުން މުޅި ދިވެހިރާއްޖޭގައި ޖުމްލަ 1880 ވެވު ހުއްޓެވެ. މީގެ ތެރެއިން 1664 ވެވު ހުރީ ކުރިން މިދެންނެވި ދެކުނުގެ 3 އަތޮޅުގައްޔާއި މާލޭގައެވެ. މިގޮތުން ފުވައްމުލަކުގައި އެކަނިވެސް 426 ހުއްޓެވެ. އަދި އައްޑޫގައި 567 ވެވު ހުރިއިރު ހުވަދޫގައި 594 ވެވު ހުއްޓެވެ. މާލޭގައި ހުރި ކަމަށް އޮތީ 77 ވެވެވެ. ބާކީ ހުރި އަތޮޅުތަކުގައި ހުރީ ޖުމްލަ 216 ވެވެވެ.

މިތަނުން ގިނަ ވެވުތައް، ޚާއްޞަކޮށް އާއްމު ރައްޔިތުން ބޭނުންކުރަން ރަށުގެ އެތަން މިތަނުގައި ހުރި ވެވުތައް ފަސްއަޅައި ފޮރުވާލެވުނީ 1930 ގެ އަހަރުތަކުގެ ތެރޭގައި ފާސްކުރެވުނު ގާނޫނެއްގެ ދަށުންމެވެ. އޭގެ ފަހުން 1952 ގައި ވަރލްޑް ހެލްތު އޯގަނައިޒޭޝަނުން ދިން ލަފައެއްގެ ދަށުން ދިވެހިރާއްޖޭގެ ދެކުނުގައި ހުރި ހުރިހާ ވެވެއްހެން ނަައްތާލެވުނެވެ. އާދެ ގައިންގަޔަށް އަރާ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި އެޅުނު ޚާއްޞަ ފިޔަވަޅެއްގެ ގޮތުންނެވެ.

ކޮންމެއަކަސް ސުރުޚީގައި ލިޔެގެން މިއުޅެނީ މާވެވެއްގެ ވާހަކައެވެ. އާދެ، މާލޭގެ މައްޗަންގޮޅީ އަވަށުގައި އޮތް މާވެވޭ ކިޔުނު ވެވުގެ ވާހަކައެވެ. މިވެވު އޮތީ މިހާރުވެސް މާވެޔޮ މިސްކިތޭ ކިޔާ މަސްޖިދުލް ބަހާއުއްދީނޭ ކިޔުނު މިސްކިތުގެ އިރު އުތުރަށް ވާ ގޮތަށެވެ.

މާވެވަކީ އެވެވުގެ ނަމުންވެސް ބޮޑު ވެވެއްކަން އެނގެއެވެ. އެއީ ވެވުތައް ހުރި ޒަމާނުގައި މާލޭގައި އޮތް އެންމެ ބޮޑު ވެވެވެ. ގާތްގަނޑަކަށް ހަތަރެސްކަނަށް އޮތް މި ވެވުގެ ކޮންމެ ބިތެއްގެ ދިގުމިނުގައި 75 ވަރަކަށް ފޫޓު ހުއްޓެވެ. ވެވުގެ ވަށައިގެން ތިރި ފާރުބުރިއެއް ހުރެފައި ކޮންމެ ބިތެއްގެ މެދުން ވެވަށް އެރެން ހަރުފަތްބަރިއެއް ހަދާފައި ހުއްޓެވެ.

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރި އެޗް.ސީ.ޕީ.ބެލް ލިޔެފައިވާ ގޮތުން އެވެވު ހަދާފައި ހުރީ ބުދިސްޓު ފަރުމާއަކަށެވެ. މިގޮތުން އެތަން ވައްތަރީ ސިލޯނުގެ އަނޫރާދަޕޫރާގެ ވެވުތަކާކަމަށްވެސް އޭނާ ލިޔެފައި ވެއެވެ. އަދި އެ ވެވުދޮށުގައި އޭރު ހުރި މާވެޔޮދޮށު މިސްކިތޭ ކިޔުނު މިސްކިތް ހުރި ތަނުގައި އިހު ހުރީ ބުދިސްޓް މޮނާސްޓްރީއެއް ކަމަށް ލަފާކުރެވޭކަމަށްވެސް ބެލް ލިޔެފައިވެއެވެ.

1922 ގައި ބެލް މާވެޔޮ ދޮށަށް ދިޔައިރު ވެވުގެ ހުޅަނގުގައި ބޭނުންނުކޮށް އޮތް ތިންހަތަރު ހިރިގާ އޮތްކަމަށާއި އެގާތަކުގައި މުސްކުޅި ދިވެހި އަކުރުން ލިޔެފައި ހުރިކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން މި ގާތަކުގެ އެއް ފުށުގައި "ފަޝްޔަމަ" އޭ ލިޔެފައި އޮތްކަމަށް އޭނާ ލިޔެފައިވެއެވެ. އަދި އޭގެ މާނައަކީ ހުޅަނގު ކަމަށް ބަޔާންކޮށްފައިވެއެވެ. މިޔާ އެންމެ ގާތްކުރާ ބޯދާ ބަހަކަށް ދިވެހިބަސްފޮތުން ފެންނަން އޮތީ ފަކުސަމަ އެވެ. އޭގެ މާނައަކީވެސް ހުޅަނގެވެ. ކޮންމެއަކަސް އެއީ ވެވު ހެދިމީހުން ގާތައް އަތުރަން ފާހަގައަކަށް ލިޔެފައިވާ އެއްޗަކަށް ވެދާނެއެވެ. ބެލްވެސް ލިޔެފައިވަނީ އެގޮތަށެވެ.

މާވެވާ ބެހޭގޮތުން ލިޔެފައިވާ އެހެން ދުވަސްވީ ލިޔުމަކަށް ފެންނަން އޮތީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ގެ ދުވަސްވަރުގެ ޔައުމިއްޔާއެވެ. މިގޮތުން ރަދުންގެ 27 ވަނަ އަހަރު (1346 ހ. 1928 މ.) ވަނަ އަހަރު މާވެވުގެ ދޫނިފަތްމަތީން ވަށައިހުރި ބިތާއި ހަރުފަތްތައް ހަލާކުވެ ވެޔޮ ތެރެއަށް ވެލި އެޅި މީހުންނަށް ފެންވަރަން އެރެވޭވަރު ނުވެގެން ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަދުންނަށް ދެންނެވުމުން ބޮޑުންނާއި މަޝްވަރާކުރައްވައި ބައިތުލްމާލުން ޚަރަދުކުރައްވައިގެން މައްޗަންގޮޅީ މީހުން ލައްވައި ވެވު ހެއްދެވުމަށް ނިންމެވިއެވެ.

މިގޮތުން ހިޖުރައިން 1346 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 22 ވަނަ ދުވަހު (11 ޖޫން 1928 މ.) ވެވު ހިއްކައިގެން ބެލިއިރު ވެވުގެ ވަށައި ދޫނިފަތުގެ ގިނަ ގަލާއި ފެނުތެރެއިން ވަށައިބިތުގެ އެތެރެފަށުގެ ގިނަ ގާތައް ވަނީ ނެތިގެން ގޮސްފައެވެ.

ދެން ހިޖުރައިން 1347 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 22 ވަނަ ދުވަހު (10 ޖުލައި 1928 މ.) ސިމެންތިއާއި ވެއްޔާއި އަކިރި އެއްކޮށްގެން ކޮންކްރީޓްކޮށް ވަށައި ދޫނިފަތް އެޅިއެވެ. އެޔަށް ފަހު ފެންމަތީގެ ވަށައި ހަތަރު ބިތާއި ހަތަރު ފަރާތުގެ ހަރުފަތް މުޅީން ނަގައި ސިމެންތި ލައިގެން އުވަޔާއި ވެލިގަލުން އަލުން ރޭނީއެވެ. މި މަސައްކަތް ނިމުނީ ހިޖުރައިން 1347 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1928 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހެވެ.

ޝަމްސުއްދީން ރަދުންގެ ދުވަސްވަރުގެ ޔައުމިއްޔާގައި ވާ ގޮތުން މާވެޔޮ ބެހެއްޓެވީ ކޮން ދުވަސްވަރެއްގައި، ކޮން ރަސްކަލެއްކަމެއް ތާރީޚުން އެނގޭކަށް ނެތެވެ.

ލިޔުނީ: މުޙައްމަދު ނާޖިޙު

މައުލޫމާތު ނެގީ: އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފް، ޝަމްސުއްދީން ރަދުންގެ ދުވަސްވަރުގެ ޔައުމިއްޔާ، 1921 މިތައްވަނަ އަހަރު ދިވެހިރާއްޖޭގެ ބޯހިމެނި ހިސާބުފޮތް، ދިވެހިރާއްޖޭގައި ފައިލޭރިއާ ފެތުރުމާ ގުޅޭގޮތުން 1952 ވަނަ އަހަރު ވަރލްޑް ހެލްތު އޯގަނައިޒޭޝަނުން ނެރުނު ރިޕޯޓު، ކޮލި ހަސަން މަނިކުގެ މާލޭގެ މިސްކިތްތައް، މާލޭގެ މުސްކުޅި ޗާޓު.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން