މާލޭގައި ހުންނަ ޗައިނާ އެމްބަސީ ކައިރިއަށް ބަޔަކު އެއްވެ މުޒާހަރާކޮށްފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗައިނާ އެމްބަސީ ދޮށަށް ބަޔަކު އެއްވެ އަޑު އުފުލާފައިވަނީ، ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް ބުނެއެވެ. މާގިނަ ބަޔަކު މި މުޒާހަރާގައި ބައިވެފައިނުވާއިރު، މުޒާހަރާގައި ބައިވެރިވީ ވިއްސަކަށް ޒުވާނުންނެވެ. ނަމަވެސް މުޒަހާރަކުރި މީހުންނަށް ޗައިނާ އެމްބަސީއާ ކައިރިނުވެވޭގޮތަށް ފުލުހުން އޮތީ ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އެސަަރަހައްދުގެ ވަކި ހިސާބުތަކެއް ބަންދުކޮށްފައި އޮތްއިރު، ފުލުހުން ދިޔައީ އެސަރަޙައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

މިއީ ކޮންބައެއް އިންތިޒާމް ކުރި މުޒާހަރާއެއްކަން ނޭނގޭއިރު، ރާއްޖޭގައި އުޅޭ އިންޑިއާ ޑިޕްލޮމޭޓުންނާއި ދެކޮޅަށްވެސް ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ. އަދި އެކަމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީގައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ޗައިނާ އެމްބަސީ ދޮށުގައި ބަޔަކު މުޒާހަރާކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޯނުން ގުޅުއްވައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހަފުތާ ނިމެމުން ދަނިކޮށް ވަނީ ރައީސް ނަޝީދު ވަނީ އިންޑިއާގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެ ބަސްދީގަތުމުގައި ޗައިނާއިން ރާއްޖެއަށް އެހީވެދެނީ ރާއްޖޭގައި އެމީހުންގެ ނުފޫޒު ގަދަކުރުމަށް ކަމަށް ވިދާޅުވެފައި ވެއެވެ. ރައީސް ނަޝީދު ސިފަކުރަށްވާ ގޮތުގައި ޗައިނާއިން ރާއްޖެއަށް އެހީވެދިނީ ރާއްޖެ ދަރަނިވެރި ކުރުވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން