ބަލިން ރަނގަޅު މަސައްކަތަށް ނުކުތް ދެ ޑޮކްޓަރުން
ބަލިން ރަނގަޅު މަސައްކަތަށް ނުކުތް ދެ ޑޮކްޓަރުން
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ރަނގަޅުވުމާއެކު މީހުންގެ ފުރާނަ ސަލާމަތް ކުރުމަކީ ތިމަންނާމެންގެ ވަޒީފާ ކަމަށްބުނެ ޔޫއޭއީގެ ދެ ޑޮކްޓަރަކު އަލުން ވަޒީފާއަށް ނުކުމެއްޖެއެވެ.

ގަލްފް ނޫހަށް ދިން އިންޓަވިއުއެއްގައި، ބަލި ޖެހި މިހާރު ބަލިން މުޅިން ރަނގަޅުވެފައިވާ، ޑރ. ނިޝާތް އަހްމަދު ލިޔާކަތް އާއި ޑރ. އުންނީ ނާއިރް ބުނީ ބަލި ޖެހުނުނަމަވެސް މަސައްކަތަށް ނިމުމެއް ނާންނަކަމަށާއި، އެމީހުންގެ ވަޒީފާއަކީ ފުރާނަ ސަލާމަތްކުރުން ކަމުގައެވެ.

ދުބާއީގެ ޒުލޭޚާ ހޮސްޕިޓަލުގައި މަސައްކަތްކުރާ މި ދެ ޑޮކްޓަރުން ވަޒީފާއަށް ނުކުމެފައިވަނީ ބަލިން މުޅިން ރަނގަޅުވެފައިވާކަން ކަށަވަރުވުމަށްފަހު ކަރަންޓީނުގައި މަޑުކުރަންޖެހޭ މުއްދަތުވެސް ފުރިހަމަ ކުރުމަށްފަހުގައެވެ. އަދި އެމީހުން ބުނީ އަދާކުރަންޖެހޭ ވަޒީފާ އަދާކުރުމަށް ވައިރަހަށް ހުރަސް ނޭޅޭނެކަމަށާއި، ކުރި ހުވާގެ މަތީގައި ގާއިމްވެ ތިބޭނެ ކަމުގައެވެ.

ލިޔާކަތު ބުނީ އޭނާއަށް ބަލި ޖެހުނު ކަމަށް ގަބޫލުކުރަނީ ބަލިޖެހިފައިވާ މީހެއްގެ ދަރިއެއް ހޮސްޕިޓަލަށް އައުމުން އެކުއްޖާ ބެލުމުގެ ތެރޭގައެވެ. އެކުއްޖާ އައީ ހުން އައިސް، ކެއްސާ އަދި ކަރުގެ އިންފެކްޝަނެއް އުފެދިގެން ކަމަށާއި، އޭރު އޭނާގެ ބެލެނިވެރިޔާ ވައިރަހަށް ޕޮޒިޓިވް ނުވާކަމަށް ލިޔާކަތު ބުންޏެވެ. އަދި އޭގެ ހައެއްކަ ދުވަސްފަހުން އޭނާވެސް ހުންއައިސް ގައިގާ ރިއްސަން ފެށުމުން ޓެސްޓުކުރިއިރު ޕޮޒިޓިވްވެފައިވާކަމަށް އޭނާ ބުންޏެވެ.

ލިޔާކަތު އިތުރަށް ބުނީ އޭނާގެ ހުން ފިލުމަށް 8 ދުވަސް ނެގިކަމަށެވެ. އަދި ފަރުވާކުރުމަށް އޭނާއަށް ދީފައިވަނީ ހައިޑްރޮކްސީކްލޮރޮކުއިންގެ އިތުރުން ބައެއް އެންޓިވައިރަލް ބޭސްތައްކަން ލިޔާކަތުވަނީ ފާހަގަކޮށްފައެވެ. ލިޔާކަތު ބުނީ އޭނާ ޕޮޒިޓިވްވި އިރު އޭނާގެ އާއިލާގެ އެންމެން އިންޑިއާގައި ތިބުމަކީ އޭނާގެ ނަސީބު ރަނގަޅުކަމުން ދިމާވި ކަމެއްކަމަށެވެ.

އާއިލާ ނެތުމުން ހިތްދަތިކަން އިހްސާސް ވީނަމަވެސް، އެމީހުންގެ ފަރާތުން ލިބުނު ހިތްވަރާއި، އެކުވެރިންނާއި، އެކުގައި މަސައްކަތްކުރާ ފަރާތްކުން ދިން އެއްބާރުލުމުގެ ސަބަބުން ބައްޔާއި ހަނގުރާމަކުރަން ހިތްވަރު އާވިކަމަށް ލިޔާކަތު ބުންޏެވެ. އަދި މިހާރު އޭނާ އެނބުރި މަސައްކަތަށް ނުކުމެފައިވާއިރު، މަސައްކަތްކުރަނީ ރައްކާތެރިކަމުގެ ގޮތުން ޕާސަނަލް ޕްރޮޓެކްޓިވް އެކުއިޕްމަންޓް، ޕީޕީއީ ސެޓުގައި ހިމެނޭ އޭޕްރަންއާއި، މާސްކާއި، އަންގީގެ އިތުރުން ގޮގްލްސްވެސް އަޅައިގެން ކަމަށެވެ.

ނާއިރް ބުނީ އޭނާއަށް ބަލި ޖެހުނު ކަމަށް ގަބޫލުކުރެވެނީ ޒުލޭޚާ ހޮސްޕިޓަލްގެ އެމަޖެންސީއަށް ގެނައި ބަލި މީހަކަށް ފަރުވާދިނުމުގެ ތެރޭގައި ކަމަށެވެ.ހުންއަންނާތީ ދައްކަން އައި އެބަލިމީހާ ހުރީ މާސްކެއް ވެސް ނާޅައި ކަމަށާއި ޖެހިގެން އައި ދުވަހު އޭނާގެ ބުރަކަށީގައި ރިއްސަން ފެށިކަމަށް ނާއިރް ބުނެފައިވެއެވެ.

އެހެން ނަމަވެސް އެދުވަހު މަސައްކަތަށް ނުކުތްކަން ފާހަގަކޮށް ނާއިރް ބުނީ ދުވަސް ނިމުނުއިރު ވަރަށް ވަރުބަލިވެފަިއވާކަން އިހުސާސް ކުރެވުނު ކަމަށެވެ. އަދި ކުޑަކޮށް ހުންއައިސް، ގައިގާ ރިއްސާ ނޭވާލުމަން ދަތިވެފައި ހުރިކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް ގޭގައި މަދު ދުވަސްކޮޅަކު މަޑުކުރުމަށްފަހު އަނެއްކާވެސް ވަޒީފާއަށް ނުކުތްކަމަށާއި، ނަމަވެސް އޭނާ ބޭސްކުރި ބަލި މީހާ ޕޮޒިޓިވްވި ހަބަރު ލިބުމުން އޭނާވެސް ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްވީ ކަމަށް ނާއިރް ބުނެޏެވެ.

"މީގެ އެތައް އަހަރެއް ކުރިން އިންޑިއާގެ ބެންގަލޫރުގައި އަހަރެން މަސައްކަތްކުރިއިރު، އެޗްވަންއެންވަން އަށްވެސް އަހަރެން ޕޮޒިޓިވްވި. އަހަރެން މަސައްކަތްކުރި ހޮސްޕިޓަލްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި އޮތް އަނހެނަކަށް އަހަރެން ފަރުވާކުރިން. ޖެހިގެން އައި ހަފްތާގައި ހަބަރު ލިބުނީ އޭނާއަކީ އިންޑިއާއިން އެޗްވަންއެންވަން އަށް ޕޮޒިޓިވްވި ދެވަނަ މީހާކަން. ދެން މާގިނަ ދުވަހެއް ނުވެ އަހަރެން ހުންއައިސް އެ ވައިރަހަށް ޓެސްޓުކުރި އިރުވަނީ ޕޮޒިޓިވްވެފަ. އިންޑިއާއިން އެ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ 5 މީހުންގެ ތެރޭގައި އަހަރެން ހިމެނުނު." ނާއިރް ކިޔައިދިނެވެ.

ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް އެނބުރި މަސައްކަތަށް މިހާރު ނުކުމެފައިވާ ނާއިރު ބުނީ ޓެސްޓުކުރުމުގެ ކަންތައް ޔޫއޭއީގައި މިހާރު ވަރުގަދަކޮށްފައިވާކަމަށެވެ. އަދި ހޮސްޕިޓަލްތަކުން ފަށާފައިވާ ޓެލެމެޑިސިންގެ ޚިދުމަތްތަކުގެ ބޭނުންކުރުމަށް އޭނާވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. މިގޮތުން، ސިއްހީ ޚިދުމަތްތެރިން ތިބީ ރައްޔިތުންނާއެކުގައި ކަމަށްވެސް ނާއިރު ބުންޏެވެ.

"މި ބަލި މަޑުކަމުން އަހަރެމެން އެންމެން ސަލާމަތްވާނީ އެކުގައި." ނާއިރް ބުންޏެވެ.

ޔޫއޭއީއިން މިހާތަނަށް 19،661 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 203 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން