ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ދަރީންގެ އަޑު މިއަދު ގަދަވެފައިވަނީ ވަކި އެންމެ ދާއިރާއަކުން ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކާއި ހުރިހާ ރައްޔިތުންގެ ނަމުގައި އަޑުއުފުލައި، މަސައްކަތްކުރާ ދުނިޔޭގެ މައި ޖަމިއްޔާގެ ޒަޢާމަތުގައި، ދުނިޔޭގެ އެންމެހައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަށްވައި އަޑުއުފުއްލެވުމުގެ އެންމެ އިސް ވާޖިބާއި ޒިންމާ މިއަދު އަދާކުރަށްވަނީ ދިވެހި ދަރިއެކެވެ. ހަމައެހެންމެ ދުނިޔޭގެ ހުރިހާ ޖަމާއަތްތަކެއްގެ ދީނީ މިނިވަންކަމާއި އެއީ ވަކި ދީނެއްގެ ބަޔަކަށް ވީތީ ނުވަތަ ބައިމަދު ޖަމާއަތަކަށް ވުމުން އެމީހުންނަށް ލިބޭ އަނިޔާތަކާއި ގެއްލޭ ހައްގުތަކަށް ވަކާލާތު ކުރުމުގެ އެންމެ އިސް ޒިންމާ މިއަދު އަދާކުރަށްވަނީ ވެސް ދިވެހި ދަރިއެކެވެ. ދުނިޔޭގެ މައި ޖަމިއްޔާ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުގައި، މިދެންނެވި ވާޖިބާއި ޒިންމާ އަދާކުރަށްވަން މިވަގުތު އިންނެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަދި އދގެ ދީނީ މިނިވަންކަމާއިބެހޭ ހާއްސަ ރެޕަޓުއަރގެ މަގާމުގައި ހުންނަވައިގެން މިދެންނެވި ދުނިޔޭގެ ހުރިހާ ޖަމާއަތްތަކެއްގެ ހައްގުގައި ވަކާލާތު ކުރަށްވަނީ ވެސް ދިވެހި ރާއްޖޭގެ ޚާރިޖީވަޒީރުކަން ކުރަށްވާފައިވާ ދިވެހި ދަރިއެކެވެ. މިއީ އިއްތިފާގަކަށް ވިޔަސް މިއީ މިއަދު މުޅި ދުނިޔެ ފާހަގަކުރާ، ތަޢުރީފުކުރާ ކަމެކެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަކީ އދގެ ދީނީ މިނިވަންކަމާއިބެހޭ ހާއްސަ ރެޕަޓުއަރގެ މަގާމު 2016 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދަވާއިރު އޭގެކުރިން ޑރ. ޝަހީދު ވަނީ، 2011 އިން 2016 ވަނަ އަހަރަށް އިރާނުގެ އިންސާނީ ހައްގުތަކާއި ބެހޭ އދގެ ހާއްސަ ރެޕަޓުއާގެ މަގާމުވެސް އަދާކުރައްވާފައެވެ.

ޑރ.ޝަހީދު މިހާރު ފުރުއްވަމުން ގެންދަވާ އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރެލިޖަން އޯ ބްލީފްގެ ދަށުން އޭނާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިސްރާއީލް ފިޔަވައި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި އުޅޭ ޔަހޫދީންނާއި ދެކޮޅަށް ހިންގާ ހަރަކާތްތަކާއި ޔަހޫދީންނާއި ދެކޮޅު ފިކުރު ނުވަތަ އެންޓިސެމިޓިޒަމާ ގުޅޭގޮތުން 2019 ވަނަ އަހަރު އދއިން ނެރުނު ހާއްސަ ރިޕޯޓް ތައްޔާރުކުރުމުގައި ވެސް އިސްކޮށް ހުންނެވީ ޑރ. ޝަހީދެވެ.

ޑރ. ޝަހީދު ތައްޔާރުކުރެއްވި އެ ރިޕޯޓްގެ ފުރިހަމަކަމާއެކު ގިނަ ބައެއްގެ ތައުރީފު ވަނީ އޭނާއަށް ލިބިވަޑައިގެންފައެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޑރ. ޝަހީދުގެ ރިޕޯޓަކީ ވަރަށްވެސް ފުރިހަމަ މަސައްކަތްޕުޅެއްކަމަށާއި، އެއީ އުއްމީދުކުރި ވަރަށްވުރެވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ. މީގެއިތުރުން އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިއްމުކަން ވިސްނައިދީގެން މައްސަލަތައް ހައްލުކުރުމަށް ޑރ. ޝަހީދު ގެންގުޅުއްވާ އުސޫލުތަކަށް ވެސް ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ތައުރީފްކޮށްފައެވެ.



ޑރ. ޝަހީދުގެ މަސައްކަތްޕުޅުގެ މަގްސަދުތަކުގެ ތެރޭގައި އަނިޔާ ލިބެމުންދާ ބައި މަދު ޖަމާއަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭއިރު، އދގެ އިންސާނީ ހައްގުތަކާއި ބެހޭ މެކޭނިޒަމަކީ އެކަން ކުރުމުގެ ބާރު ލިބިފައިވާ ނިޒާމެއްކަމަށް ޑރ. ޝަހީދު ދެކެވަޑައިގަންނަވައެވެ. ޑރ. ޝަހީދުގެ މި މަސައްކަތްތަކާއި ގުޅިގެން، އަދި ވަކިން ޚާއްޞަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ އެފަދަ ބައިމަދު ޖަމާއަތްތަކުގެ ހައްގުގައި އަޑު އުފުއްލަވައި ރިޕޯޓްތައް ނެރިއްވާ ދުނިޔޭގެ ސަމާލުކަމަށް އެފަދަ ކަންކަން ގެންނެވުމުން ބައެއް ބޮޑެތި ގައުމުތަކުގެ ސަރުކާރުތަކުން ހިތްހަމަ ނުޖެހުނު ނަމަވެސް އަދި މާ ގަޔާނުވި ނަމަވެސް ޑރ. ޝަހީދުގެ އެއްވެސް މައްސަލައެއް ނެތެވެ. އަދި އޭގެ ސަބަބުން ޝަހީދު އެ މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅުއްވައެވެ.



ޔަހޫދީންނާއި ގުޅޭ ރިޕޯޓްތަކުގެ އިތުރުން ޑރ. ޝަހީީދުގެ ބެއްލެވުމުގެ ދަށުން މިހާތަނަށް ވެސް ވަނީ މެދުއިރުމަތީގައި އުޅޭ ކްރިސްޓިއަނުންނާއި، މިޔަންމާއާއި ލަންކާގައި އުޅޭ މުސްލިމުންނާއި، ޗައިނާއާއި އިންޑިއާގެ މުސްލިމުންނާއި އަދިވެސް އިތުރު މިފަދަ ބައި މަދު ޖަމާއަތްތަކަށް ލިބެމުންދާ އަނިޔާތަކާއި އެމީހުންގެ ގެއްލެމުންދާ ހައްގުތަކާއު ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް އެފަދަ އަނިޔާތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރަށްވާފައެވެ.

ޑރ. ޝަހީދު ވިދާޅުވާ ގޮތުންނަމަ މިމަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ފަސޭހައަކީ ކުޑައިރު އުޅެ ބޮޑުވި މިނިވަން މަހާއުލެވެ. ވަރަށް ތުއްޕުޅުއިރު ޔޫރަޕާއި ދުނިޔޭގެ ތާރީހު އެމަނިކުފާނު ކިޔަވާ ވިދާޅުވާން ފަށްޓަވައިފިއެވެ. އަދި ހަބަރާއި މައުލޫމާތު ހޯއްދެވުމާއި ތައުލީމީ ރޮނގުން ހޯއްދެވި ކުރިއެރުންތަކާއި ކަންކަމާއި މެދު ވިސްނާވަޑައިގަންނަވާ ގޮތް ބަދަލުވުން މިއީވެސް ޑރ. ޝަހީދުގެ މަސައްކަތްޕުޅަށް ފަހިވެ ހުޅުވިގެންދިޔަ ދޮރެކެވެ. ޑރ. ޝާހިދު ގަބޫލު ކުރައްވާ ގޮތުގައި އޭނާ އުޅެ ބޮޑުވި މުޖްތަމައުގެ ގިނަ މީހުންނާއި އޭނާއާ ތަފާތުވާ ސަބަބަކީވެސް އެއީއެވެ.

މިއަދު ދުނިޔޭގެ އެންމެހައި ރައްޔިތުންނާއި ހުރިހާ ނަސްލަކާއި ޖަމާއަތްތަކުގެ ހައްގުގައި ބަސްބުނުމަށް ދިވެހި ދަރީން ކުރީގައި ތިބެ، އެއްވެސް ނަސްލެއް، ޖަމާއަތެއް ދަރިފަސްކޮޅެއް އަދި އެއްވެސް ގައުމެއް ތަފާތު ކުރުމެއް ނެތި އަޑު އުފުލުމަކީ ދިވެހި ގައުމު ފަޚުރުވެރިވާނެ ކަމެކެވެ. ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއަކަށް ވެގެންދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން