-
-
ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމަށް ނިމުމެއް ގެނައުމުގެ ބާރު ލިބިފައިވާ ބޭހެއް ތައްޔާރުކުރެވިއްޖެކަމަށާއި ވެކްސިނަކާއި ނުލައިވެން ަމިބޭހުން ބަލިކޮންޓްރޯލް ކުރެވޭނެ ކަމަށް ޗައިނާގެ ލެބޯޓްރީއަކުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ޗައިނާގެ ވޫހާން ސިޓީއިން އަލަށް ފެނުނު މި ވައިރަސް މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާއިރުއިރު ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދުމުގައި ބައިނަލްއަޤްވާމީ ވާދަވެރިކަމެއް ވަނީ އުފެދިފައެވެ.

އެގޮތުން ޗައިނާގެ ޕެކިންގް ޔުނިވާސިޓީއިން ޓެސްޓުކުރަމުންދާ ބޭހަކުން ވައިރަހަށް ފަރުވާކުރުމުގެ އިތުރުން، ކުރު މުއްދަތަކަށް ބަލިން ރައްކާތެރިވެސް ކޮށްދޭކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

މި ޔުނިވާސިޓީގެ، ބެއިޖިންގް އެޑްވާންސްޑް އިނޮވޭޝަން ސެންޓަރ ފޯ ޖީނޯމިކްސް ގެ ޑިރެކްޓަރު ސުނޭ ޒީ އާއި ހަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފައިވާގޮތުގައި ޖަނަވާރުން ހިމަނައިގެން ކުރެވުނު ތަހުލީލުތަކުގައި މި ބޭސްވަނީ ކާމިޔާބީ ހޯދާފައެވެ.

"ހިކަނދިގަޔަށް ނިއުޓްރަލައިޒިންގް އެންޓިބޮޑީތައް އިންޖެކްޓް ކުރިތާ ފަސް ދުވަސްތެރޭގައި ހަށިގަނޑުގައި ވައިރަސްގެ އަސަރު 2500 ގުނަ ދައްވެފައިވޭ. އޭގެ މާނައަކީ ބޭހުން ރަނގަޅު އަސަރުތަކެއް އެބަ ކުރޭއޭ." ޒީ ވިދާޅުވިއެވެ.

އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ސެލްތައް އިންފެކްޓުވުން ހުއްޓުމަށް ބޭނުންކުރާ "ނިއުޓްރަލައިޒިންގް އެންޓިބޮޑީ" ތައް ބޭނުންކޮށްގެން މަސައްކަތްކުރާ މި ބޭސް ތައްޔާރުކޮށްފައިވަނީ ބަލިން ރަނގަޅުވެފައިވާ 60 މީހެއްގެ ލެއިން މި މާއްދާ ވަކިކޮށްގެންނެވެ.

ޒީ އާއި އޭނާގެ ޓީމުން ހެދި ތަހުލީލުތަކުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މި އެންޓިބޮޑީތައް ބޭނުންކުރުމުން ބަލި ފަސޭހަވުން އަވަސްވެ، ބަލިން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިގެންދާކަމަށެވެ.

"އިމިއުނޯލޮޖީ އަދި ވައިރޮލޮޖީއަށްވުރެ ބޮޑަށް އަހަރެމެން ހާއްސަވަނީ ސިންގްލް-ސެލް ޖީނޯމިކްސް އިން. އަދި ސިންގްލް-ސެލް ޖީނޯމިކްސްގެ އެހީގައި ނިއުޓްރަލައިޒިންގް އެންޓިބޮޑީ ހޯދިދާނެކަން އެނގުމުން ވަރަށް އުފާކުރިން." އޭނާގެ ޓީމުން ރެއާއި ދުވާލު މަސައްކަތްކުރަމުން ގެންދާކަމަށް ބުނެ ޒީ ކިޔައިދިނެވެ.

ޒީ އިތުރަށް ވިދާޅުވީ ކްލިނިކަލް ޓްރަޔަލް ފެށުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި، އެކަން ކުރިއަށް ގެންދާނީ އޮސްޓްރޭލިއާގައިކަމަށެވެ. އެއީ ޗައިނާގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު މަދުވެފައިވާތީ، ޓްރަޔަލްގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ގިނަ މީހުން ނުލިބިދާނެތީއެވެ.

"އުންމީދަކީ މި ނިއުޓްރަލައިޒިން އެންޓިބޮޑީތަކަކީ ކޯވިޑް-19ގެ ބަލިމަޑުކަމަށް ނިމުމެއް ގެނުވައިދޭ ބޭހަކަށްވުން." ޒީ ވިދާޅުވިއެވެ.

ދުނިޔޭއިން މިހާތަނަށް 4.9 މިލިއަނަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 320،368 ގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން