ފެމިލިއަރައިޒޭޝަން ނުވަތަ ރާއްޖެ ދަސްކުރުމުގެ ދަތުރެއްގައި އިންޑިޔާގެ މަޝްހޫރު އިންފްލުއެންސާ އަދި ސެލެބްރިޓީ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިންޑިޔާ މާކެޓުގައި އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް އިންޑިޔާގާ ނަން މަޝްހޫރު އިންފްލުއެންސާސް އަދި އެކްޓަރުން ހިމެނޭ ޓީމެއް ދިވެހިރާއްޖެއަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ޒިޔާރަތްކޮށްފިއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރު ކުރިއަށްގެންގޮސްފައިވަނީ އޭޕްރިލް މަހުގެ 7 އަކުން ފެށިގެން 11 ގެ ނިޔަލަށެވެ.

އިންޑިޔާގެ މަޝްހޫރު އަޝީ ކަންނާއާއި، ޝްރޫތީ ސިންހާއާއި، މެހަކް ގައި އާއި، އާޝްނާ މަލާނީ މި ޓީމްގައި ހިމެނެއެވެ. މި ޓީމު ރާއްޖޭގައި ތިބީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ލެމެރިޑިއަން ރިސޯޓް އެންޑް ސްޕާ ގައެވެ. އަދި މި ޓީމުން ކޮށްފައިވާ ތަޖުރިބާތަކުގެ ތެރޭގައި ސްނޯކްލްކުރުމާއި، ސްޕާ އަދި ވެލްނަސް ފެސިލިޓީތަކާއި ވޯޓާ ސްޕޯޓްސްގެ އިތުރުން ރާއްޖެއަށް ހާއްސަ އެކި ތަޖުރިބާތައް ހިމެނިފައި ވެއެވެ. މީގެ އިތުރުން، މި ރިސޯޓުތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ޓީމަށް ވަނީ ލިބިފައެވެ. މި ދަތުރުގައި މި ޓީމުން ކުރާ ތަޖުރިބާތައް ޓީމުގެ މެންބަރުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރަމުން ގެންދާނެއެވެ. ލަފާ ކުރެވޭގޮތުގައި މި ޓީމުން ޕަބްލިޝްކުރާ ޕޯސްޓްތައް 5.7 މިލިޔަން މީހުންނަށް ފޯރާނެއެވެ. މި ދަތަރުގެ މައުލޫމާތު ޙިއްސާ ކުރުމަށްޓަކައި އިންޑިއާގެ މުމްބާއީގެ ދި ވެސްޓިން ގާރޑްން ސިޓީގައި އޭޕްރިލް 6 ވަނަ ދުވަހު މީޑިއާ އެނައުންސްމެންޓް އިވެންޓެއްވެސް ވަނީ ބާއްވާފައެވެ.

އިންޑިޔާ މާކެޓަކީ މިދިޔައަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ކާމިޔާބު މާކެޓެވެ. ވިޒިޓް މޯލްޑިވްސްއިން މިދިޔައަހަރު އިޝްތިހާރުކުރުމުގެ 27 ހަރަކާތް މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާ އަދި ރޯޑްޝޯތަކުގެ އިތުރުން މި މާކެޓުގައި ބޭއްވި ބޮޑެތި ފެއާ ތަކުގައި ބައިވެރިވުންވެސް ހިމެނެއެވެ. މި އަހަރުވެސް ވަނީ ގިނަ ހަރަކާތްތަކެއް މި މާކެޓްގައި ބޭއްވުމަށް ރާވާފައެވެ. މި އަހަރުގެ 30 މާރިޗްގެ ނިޔަލަށް 427,577 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 46,154 ފަތުރުވެރިން ޒިޔާރަތްކޮށްފަ ވަނީ އިންޑިޔާ މާކެޓުންނެވެ.

ދުނިޔޭގެ ޤައުމުތަކުގެ އެކި ސެކްޓަރ ތަކަށް ކޮވިޑުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިޤްތިސާދުތައް އާރާސްތުކުރުމުގެ ގޮތުން މިހާރު މިސްރާބުޖަހަމުން މިދަނީ އައު އާންމު ހާލަތު ޤާއިމްކޮށް، ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލާ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަށެވެ. ގިނަ ޤައުމުތަކުން މިހާރު ދަނީ މިމޭރުމުން ކޮވިޑްގެ ފިޔަވަޅުތައް ލުއިކުރަމުންނެވެ. މިގޮތުން 4 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮއްފައިވާ އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުންވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން