ކޮވިޑް ބަލިޖެހިގެން ފުރަތަމަ ފަހަރަށް އުތުރު ކޮރެއާގައި މީހަކު މަރުވެއްޖެ އެވެ.

އުތުރު ކޮރެެއާގައި ކޮވިޑް ބަލީގައި މީހަކު މަރުވެފައިވާކަން ރިޕޯޓުކޮށްފައިވަނީ ފުރަތަމަ ކޮވިޑް ކޭސް އެގައުމުން ރިޕޯޓުކުރިތާ އެއް ދުވަސް ފަހުންނެވެ.

އުތުރު ކޮރެެއާ ސަރުކާރުގެ ރަސްމީ މީޑިއާ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިފަހަކުން އުތުރު ކޮރެެއާގައި ހުން އައިސްގެން 350،000 އަށް ވުރެއް ގިނަ މީހުންނަަށް މިހާތަނަަށް ފަރުވާ ދީފައިވާކަމަށެވެ. އަދި މީގެތެރެއިން 162،200 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށްވެސް ކޭސީއިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން ބަލި ހާލަތު ބޮޑުވެ ފަސް މީހަކު މަރުވެފައިވީނަމަވެސް މީގެ ތެރެއިން ކޮވިޑް ބަލީގައި މަރުވީ ކިތައް މީހުންކަން އަދި ޔަގީން ނުވާކަމަށް ކޭސީއެންއޭއިން ހާމަކޮށްފައިވެއެވެ.

ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓުގެ ފުރަތަމަ ކޭސް އާއެކު މިދިޔަ ބުރާސްފަތި ދުވަހު އުތުރު ކޮރެއާ ވަނީ ހަރުކަށި ގަވާއިދުތަކަކާއިއެކު މުޅި ގައުމު ލޮކްޑައުންކޮށްފައެވެ. އަދި މިކަމާ ގުޅިގެން އުުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން ވަނީ ބަލިމަޑޫކަން ކޮންޓްރޯލް ކުރުމާބެހޭ ހެޑް ކުއާޓާޒްއަށް ޒިޔާރަތްކުރައްވާ ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވި ނާޒުކު ހާލަތަކަށް ގައުމު ދާންޖެހުމާއި ގުޅިގެން މިކަން ކޮންޓްރޯލް ކުރެއްވުމަށް އައްޔަނުކޮށްފައިވާ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

ދުނިޔޭގައި ކޮވިޑް ބަލި ފެތުރެން ފެށުމާއިއެކު އުތުރު ކޮރެއާއިންވެސް ވަނީ ވިޔަފާރި ތަކަށާއި އާންމު ދަތުރުފަތުރުތަކަށް އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. އަދި އެގައުމުގައި ހުން ރޯގާ ފެތުރުން ނަމަވެސް ކޮވިޑަށް ޓެސްޓު ކުރަން އިސްކަމެއް ނުދިނުމާއިއެކު، އެންމެ ކޭސް އަކަށް ވުރެގިނަ ކޮވިޑް ކޭސްތައް އެގައުމުން ފެނިފައިވާނެ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

26 މިލިއަނެއްހާ މީހުން ދިރިއުޅޭ އުތުރު ކޮރެއާއިން ކޮވިޑް ބަލީގެ ފުރަތަމަ ކޭސް އާއެކު މިބަލީގައި މީހަކު މަރުވެފައިވާކަން ރިޕޯޓު ކޮށްފައިވާއިރު، އެގައުމުގައި ގިނައީ ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ މީހުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން