ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު ހިންގަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އިތުރު 1 ބިލިއަން ޑޮލަރުގެ މިލިޓަރީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާންކުރެއްވި މި އެހީގެ ޕެކޭޖުގައި އެންޓި-ޝިޕް މިސައިލް ލޯންޗަރުތަކާއި، އާޓިލަރީ ރޮކެޓް ސިސްޓަމްތަކަށް ބޭނުންވާ ސާމާނާއި އެހެނިހެން ބަރު ހަތިޔާރު ހިމެނެއެވެ. މިއީ ޔޫކްރެއިންގެ ވެރިން މިވަގުތުވެސް އެދެމުންދާ ތަކެތިކަމަށް ހަބަރުތައް ބުނެއެވެ.

އެމެރިކާގެ ވެރިން ވިދާޅުވާ ގޮތުން މި އެހީގެ ޕެކޭޖުގެ ސަބަބުން މިވަގުތު ޔޫކްރެއިންގެ ސިފައިންނަށް އެންމެ ބޮޑަށް ހަމަލާތައް އަމާޒުވާ ސަރަހައްދުތަކުގައި ޔޫކްރެއިންގެ ސިފައިންނަށް އިތުރު ދަތިކަމެއް ނެތި، ރަޝިޔާ ސިފައިންނާއި ކުރިމަތިލުމަށް ފަސޭހަވެގެންދާނެއެވެ.

އެމެރިކާއިން އަލަށް އިއުލާންކުރި އެހީގެ ޕެކޭޖަކީ ޔުކްރެއިން-ރަޝިޔާ ހަނގުރާމަ ފެށި ފަހުން އެ ގައުމަށް ފޯރުކޮށްދޭ އެހީގެ އެންމެ ބޮޑު ޕެކޭޖެވެ.

މިލިޓަރީ އެހީގެ އިތުރުން އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް، ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް 225 މިލިއަން ޑޮލަރު ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ފެނާއި ކާބޯތަކެއްޗާއި، މެޑިކަލް ސަޕްލައި، އެހެނިހެން ޒަރޫރީ ތަކެތި ހިމެނެއެވެ.

ޔުކްރެއިން-ރަޝިޔާ ހަނގުރާމަ ފެށިފަހުން އެމެރިކާއިން މިހާތަނަށް ވަނީ 5.6 ބިލިއަން ޑޮލަރުގެ މިލިޓަރީ އެހީ ޔޫކްރެއިންއަށް ފޯރުކޮށްދީފައެވެ.

އެމެރިކާއިން ޔޫކްރެއިންއަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ނިންމާފައި މިވަނީ، ހުޅަނގުގެ އެހީއާ ނުލައި ޔޫކްރެއިންއަށް މި ހަނގުރާމަ ކާމިޔާބު ނުވާނެކަމަށް އެ ގައުމުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ މިދިޔަ އަންގާރަ ދުވަހު ހާމަކުރައްވާފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން