ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުޅުއްވި ވީޑިއޯގެ މަންޒަރެއް
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުޅުއްވި ވީޑިއޯގެ މަންޒަރެއް
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއްކަމަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެކްޓްކުރައްވާފައިވާ ވީޑިއޯ އިސްތިހާރަކަށެވެ. ޝައްކެއްވެސް ނެތެވެ. ދޮންވެލީގެ ހިތްގައިމު ގޮނޑު ދޮށާ ރާއްޖޭގެ ގުދުރަތީ ހިތްގައިމު ކަން ދައްކުވައިދޭ އެވީޑީއޯ ކްލިޕްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އެކްޓިންގ ވަރަށް ވެސް ފުރިހަމައެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި މިއުޅޭ ފަންނާކަށް އަލީ ވަހީދު ވަކި ދުލެއް ނުކުރެއެވެ. އޮސްކާ އެވޯޑަށް އަލީ ވަހީދުގެ އެ ވީޑީއޯ ކްލިޕް އަރާނެ ކަމަށް ބެލެވެއެވެ. ބައެއް މީހުން އެ ވިޑިއޯ ބަލާފައި ނެޓްފްލިކްސްގައި ވެސް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށް ބުނެފައި ވެއެވެ. މަޖާޒީ ކޮށެއް ނޫނެވެ. ހަމަ ސީރިއަސް ކޮށެވެ.

ޓްވިޓާއިން ފެންނަ އިރު ވީޑިއޯގެ ކޮލިޓީ މާ ރަނގަޅު ނޫން ކަމަށް ދެެއްކިއަސް އެ ވިޑއޯއަށް މަންޒަރުތައް ނަގާފައި އެވަނީ ހަމަ ކަމުގެ ތަޖުރިބާއާއި އެކު ފެންވަރު ރަނގަޅު ކެމެރާއަކުން ކަމަށް ނިންމަން ޖެހެއެވެ. ޑްރޯން ވެސް ބޭނުންކޮށްގެން ނަގާފައިވާ 56 ސިކުންތުގެ މި ވީޑިއޯ ކްލިޕުގައި މިނިސްޓަރު އަލީ ވަހީދު ސްޕީޑު ބޯޓަކުން ފިނޮޅަކަށް ވަޑައިގަންނަވާ މަންޒަރު ފެނެއެވެ. އަދި ކާއްޓެއް ނަންގަވައިގެން ގޮނޑުދޮށުގައި ބަހައްޓާފައި ހުންނަ މޭޒެއްގެ ކައިރީގައި ލެޕްޓޮޕް ހުޅުއްވާލައްވައިގެން މަސައްކަތް ކުރައްވާ މަންޒަރުވެސް މި އިސްތިހާރުގައި ފެނިގެންދެއެވެ.

މީގެއިތުރުން މި ވީޑިއޯއާއެކު ފެޝަން ޝޯއަކުން ފެންނަ ޒާތަށް ނަންގަވާފައިވާ ފޮޓޯތަކެއް ވެސް އާންމުވިއެވެ. އަލީ ވަހީދުގެ މި ވީޑީއޯ އާންމުވުމާއެކު ޝޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ޝުޢޫރުތަކާއި ޚިޔާލުތަކާއި ފިކުރުތަކާއި ހަޖޫތަކާއި ތަޢުރީފުތައް ބަންޑުންކޮށްލިއެވެ. އެއްކޮޅާ ދެކޮޅަށް ވަރުގަދަ ހޫނު ބަހުސެއް ފެށިގެންދިޔައެވެ. އެއްބަޔަކު އެއީ ޓޫރިޒަމް މިނިސްޓަރ އަލީވަހީދު ރާއްޖެ އިސްތިހާރުކުރުމުގެ ބަދަލުގައި އަމިއްލަ އަށް ޕްރޮމޯޓްވާން ފިލްމު ކުޅެ އަމިއްލަ ނަފުސު ދުނިޔެ އަށް އިސްތިހާރު ކުރަން ކުރި ކަމެއް ކަމަށް ބުނެ ފާޑުކިޔައި ހަޖޫޖަހަމުންދިޔައެވެ.

ބައެއްމީހުން ސިފަކުރިގޮތުގައި މިނިސްޓަރު އުޅުއްވީ، ޖޭމްސް ބޮންޑް ހެދެންވެގެންނެވެ. އެކަމަށް ފާޑުކީ މީހުން އަލީ ވަހީދު ސްޕީޑް ބޯޓް ދުއްވަނިކޮށް ނަގާފައިވާ ފޮޓޯ ބައެއް މީހުން އަޅާކިޔާފައި ވަނީ ޖޭމްސް ބޮންޑާއެވެ. ބޮންޑް ލޯންޗް ދުއްވަނިކޮށް ނަގާފައިވާ ފޮޓޯއާއި އަލީ ވަހީދު ލޯންޗް ދުވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓިވިޓަރ އަށް ލައިގެން ދެފޮޓޯ އަޅާކިޔެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެމަގާމުން އިސްތިއުފާ ދެއްވައި ފިލްމް އިންޑަސްޓްރީއަށް ވަންނަވައިގެން މޮޅު ފެންވަރެއްގެ ފިލްމްތަކެއް ކުޅުއްވަން އުޅުއްވިއްޔާ ސިނަމާތަކަށް މާ ފައިދާ ވާނެ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. ބައެއް މީހުން ބުނީ ފުލޯޓިން ހޮސްޕިޓަލު ނުގެނެސް ފާޑެއްގެ ފިލްމެއް އަލީ ވަހީދު ކުޅެ ދެއްކީ ކަމަށެވެ.

ވީޑީއޯ އަށް ފާޑުކީ އެހެން މީހަކު ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށްލާނެ ޓެލެންޓް ހުރި މީހަކު އަލީ ވަހީދު ފިޔަވައި ރާއްޖޭގައި ނެތީތޯ ސުވާލުކޮށްފައެވެ. އަދި އަލީ ވަހީދުގެ ވީޑީއޯ އެއީ މޮޅު ސްޓަންޓެއް ކަމަށާއި އެ ވީޑިއޯ ބަލައިގެން ރާއްޖެއަށް މީހަކު ނާންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮންމެއަކަސް އަލީ ވަހީދުގެ މި ވީޑީއޯ ކްލިޕާއިއެކު ސަރުކާރުގެ އެހެން ވަޒީރުން ވެސް އެބޭފުޅެއްގެ ދާއިރާ އާއި ގުޅޭގޮތުން ވީޑިއޯ ތައް ހަދައި ފޮޓޯ ނެންގެވުމުގެ ވާދަ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ. ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެންމެ ގިނައިން ފެންނަ އެއް ބޭފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ދުވާލަކު ގިނަ ޕޯސްޓްތަކެއް ޝާހިދު ކުރައްވާއިރު އެއިން ކޮންމެ ޕޯސްޓަކުން މިނިސްޓަރުގެ މަސައްކަތް ފެނެ އެވެ. އަދި ހަމައެހެންމެ ވަޒީރު ގެންގުޅުއްވާ ކުދިން ވަޒީރުގެ ހައްގުގައި އެކުރާ މަސައްކަތް އަދި މާ ރީތިކޮށް ފެނެއެވެ. އޭގެ "ލައިކް"ވެސް އެބަ ގިނަ ވެއެވެ. ވަޒީރުގެ މަގުޞަދު ވެސް އެބަ ހާސިލު ވެއެވެ.ހެލްތު މިނިސްޓްރީގެ އިންސްޓަގްރާމްގައި ހަމައެކަނި މިނިސްޓަރު އަބްދުﷲ އަމީންގެ ފޮޓޯތައް ހުރުމުން ވެސް ބައެއް މީހުން ފާޑުކިޔައެވެ. ބައެއް މީހުން ބުނާގޮތުގައި އެއަށް ބަލާއިރު ހީވަނީ، މިނިސްޓްރީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓަކީ، ހަމައެކަނި މިނިސްޓަރުގެ ޕްރޮމޯޝަނަށް ހިންގާ އެއްޗެއް ހެންނެވެ.ހެލްތު މިނިސްޓްރީގެ މަސައްކަތާ ގުޅޭ ކޮންމެ ފޮޓޯއެއްގައި ނުވަތަ ވީޑިއޯއެއްގައި ވެސް އެންމެ ފުރަތަމަ ބޮޑުކޮށް ފެންނަނީ އަމީނެވެ. އެހެންވެ، މުޅި ފީޑު ބަލައިލާއިރު ފެންނަނީ މުޅިން ވެސް "ހަސަނުގެ" ދެފައެވެ. މުޅި އޮޑީގައި ހަސަނެވެ. ރައީސުލްޖުމްހޫރިއްޔާއެއް ސަރުކާރެއް އެއަކުން ނުފެނެއެވެ. މިނިސްޓްރީގެ މަސައްކަތެއް ކުރިއަސް، ހަބަރެއް ނުވަތަ މެސެޖެއް ފޯރުކޮށްދިނަސް އެއިން ފުރަތަމަ މިނިސްޓަރުގެ މޫނު ފެނުމަކީ، ހަމައެކަނި މިނިސްޓަރު ޕްރޮމޯޓްކޮށްދިނުން ކަމަށް އެއްބަޔަކު ދެކެއެވެ. އިންޓަނެޓްގެ މި ޒަމާނުގައި ސަރުކާރުން ކުރާ ގިނަ މަސައްކަތްތަކެއްގެ ވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހަމައަށް އަންނަނީ ޓުވީޓާ، ފޭސްބުކްގެ އިތުރުުން އިންސްޓަގްރާމްގައި، މިނިސްޓަރުންނާއި ވެރިން ކުރައްވާ ކަންކަން ބަރާބަރަށް އަޕްޓޭޓްކުރައްވަމުން ގެންދަވާތީއެވެ.

ސޯޝަލް މީޑިއާ އިން އެއްޗެއް ނުފެންނަންޏާ، އެއީ ކަމެއް ކުރާ ބައެއްކަން ވެސް ބައެއް މީހުންނަކަށް ނޭނގޭތީ ތޯއްޗެކެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ލިބުނު ލަނޑަކީ އެއީއެވެ. އެކަމަނާގެ މަސައްކަތް ރައްޔިތުންނަށް ނުފެންނަނީ ފޮޓޯ ނުނަންގަވާތީޔޯލައެވެ. ޢެހެންވެ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވެސް ކޮންމެ ކަމެއް ކުރެއްވިޔަސް ފޮޓޯ ނެންގެވުމަށް ހުންނެވީ އަޒުމު ކަނޑައަޅުއްވައިގެންނެވެ. އެކަން މިހާރު އެކަމަނާ ސާބިތުވެސް ކޮށްދެއްވައިފިއެވެ. ޓެކްސީ ސެންޓަރުތަކާއި ބައްދަލުކުރައްވައި ފޮޓޯ ނަންގަވައި އެކަން ޓްވީޓާގައި އާންމުކުރެއްވިއެވެ.

އަލީ ވަހީދު ވިޑިއޯއަށް ޚަރަދު ކުރެއްވީ 3000 ރުފިޔާއެވެ. އެކަމަކު ހީވާ ގޮތުން ވިއްޔާ އެއީ އެކަމުގައި ހަރަކާތްތެރިވި ސަރުކާރުން މުސާރަ ދޭ މުވައްޒަފުންގެ ޚަރަދު ނުހިމަނައެވެ. ދެން މި ތަޖުރިބާ އެހާ ކާމިޔާބިއްޔާ ޚާރިޖީ ވަޒީރު ވެސް ވަޒީފާ ދެއްވާނީ ވިޑިއޯގްރާފަރުންނަށެވެ. ނަހުލާ ވެސް މި ރޭހުގައި ވާދަ ކުރައްވަންޏާ ޖެހިވަޑައިގަންނަވާނީ ރީތިކޮށް ވިޑިއޯ ނަގާ ކުއްޖަކު ހޯދާށެވެ. އަމީނަކަށް ވެސް ދެން ފޮޓޯ ގަނޑަކުން ފުއްދައެއް ނުލެވޭނެއެވެ. އަލީ ވަހީދު ވާދަކުރައްވަންޏާ ޖެހޭނީ ވިޑިއޯގްރާފަރެއް ހޯދައިގެން ގައިދުރުކަމާއި އަތްދޮވުމާއި ލޮކްޑައުންގެ ވިޑިއޯތައް ކުޅުއްވާށެވެ. މަހުލޫފް ވެސް މި މުބާރާތުގައި ވާދަކުރައްވަންޏާ ޖެހިވަޑައިގަންނަވާނީ އަލީ ވަހީދު އެހެއްދެވި ކަހަލަ ވީޑިއޯއެއް ހައްދަވާށެވެ. ހީވާ ގޮތުން މިކަން ބަދަލުވެގެންދާނީ "ގުއިފޮހޭ ކަރުދާސް ރޯލު"ގެ ޗެލެންޖް ފަދަ ޗެލެންޖަކަށެވެ.

ކޮންމެއަކަސް އަލީ ވަހީދުގެ މި ވީޑީއޯގެ ސަބަބުން ވިޑިއޯ ހެދުމާއި ފޮޓޯ ނެންގެވުމުގެ ވާދަވެރިކަން ބޮޑުވެ، ވަޒީރުންގެ ވީޑީއޯ ތައް ޝޯޝަލް މީޑިޔާއާއި ސިނަމާ ތަކަށް އަންނާނެ ކަމަށް ބެލެވެއެވެ. އެކަމަކު އަލީ ވަހީދާއި ނަހުލާ އެކުޅުއްވި ކަމަށް ބުނާ ކަހަލަ ވިޑިއޯއެއް ރިލީޒް ކޮށްލައިފިއްޔާ ގޮވާނީ އަތަށެވެ. އޯޑިއޯ ލީކްވެގެން ވެސް އެއޮތީ ހަމަ ރަނގަޅަށް އަތަށް ގޮވާފައެވެ. އިންތިޒާރު ކޮށްލައްވާށެވެ!


ކިޔުންތެރިންގެ ހިޔާލު


18

ފިލްމް ސްޓާރ

11-Jun-2020

ހެހެހެ. މިމީހުން ހަގީގަތުގައި ކުރާ ކަމެއް ނޯވޭ. އެހެންވެ އެކަހަލަ ސްޓަންޓް ޖެއްސެވޭނީ. އިޚުލާޞްތެރިކޮށް ކަންތައް ކުރާ މީހުންނަކީ ދެއްކޭން ކަންތައް ކުރާ ބަޔެއް ނޫނެވެ. ނޫސްވެރީންނަށް "ޚަބަރު ކާންދޭން" ޖެހޭނީ ސޯޝާލް މީޑީއާ އަކުންނޭޏެވެ. ނޫސްވެރީން ޖެހޭޏީ ޚަބަރު ހޯދާށެވެ! ކަންތައް ކުރި މީހުން ކަންތައް ކުރީ މި މަގުންނެވެ.ޓްރެންޑިން