ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި އެޗްޑީސީގެ ޕްލޭނިންގ ޑިޕާޓްމަންޓުން ރަށުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައި، މި ޕްލޭންގެ ދަށުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެގޮތުން ކުޑަގިރީގައި އާންމުން ބޭނުން ކުރުމަށް ހަޓުތަކާއި، ފާޚަނާބަރި ފަދަ ތަންތަން ވަނީ މި ޕްލޭންގެ ދަށުން އެކުލަވާލައިފައެވެ. އަދި ކުޑަގިރިއަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް ޕްލޭންކުރެވިފައިވެއެވެ.

އެޗްޑީސީގެ މާސްޓަރ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ ޕްލޭނެއް އެކުލަވާލައި އެސްއޯއީ ތަކާއި ގުޅިގެން މި މަސައްކަތް އެޗްޑީސީއިން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގެއާއި އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ވަނީ ރާވާފައެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެގޮތާއި މިފަދަ ޕްލޭންތަކަކަށްވެސް އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން އެޗްޑީސީން ހާމަކޮށްފައިވެއެވެ.

އަދި ލައިފް ގާޑް ހަޓްތަކަށް ބޭނުންވާ ސާޗް ލައިޓް ލުންފަދަ ކަންކަން މިހާރު ކުރެވިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެމް.އެން.ޑީ.އެފްއާއި ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭނާއި ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭންވެސް އެޗްޑީސީން ވަނީ ޑިޒައިން ކޮށްފައެވެ. އަދި އެ ކުންފުނީގެ ސްމާޓް އިންފްރާސްޓްރަކްޗަރ ޓީމުން ޓެލެކޮމިއުނިކޭޝަން އަލާތްތައް ޤާއިމްކުރުމަށާއި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ އުއްމީދަކީ ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް ވެގެންދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން