މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ
މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ
ފިނޭސް މިނިސްޓްރީ އިން އަންދާޒާކުރި އަދަދާއި ގާތަށް ވެސް ހުސްވި އޭޕްރީލް މަހާ މެއި މަހު ދައުލަތަށް އާމްދަނީ ލިބިފައި ނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ލިޔުމުން ހުށައެޅި ހުށައެޅުމުގައި ބުނެފައިވަނީ، ހުސްވި އޭޕްރީލް މަހު ދައުލަތަށް އާމްދަނީ ގޮތުގައި 881.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެއި މަހު 598.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން އަންދާޒާކޮށްފައިވެއެވެ.

އެހެން ނަމަވެސް މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 80 އިންސައްތަ ދަށްވެ، މިދިޔަ މަހު ލިބުނީ އެންމެ 206 މިލިއަން ރުފިޔާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. ނަމަވެސް މިދިޔަ މެއި މަހުގެ އާމްދަނީ 206 މިލިއަން ރުފިޔާއަށް ދަށްވެފައިވާތީ އެއީ 81 އިންސައިތައިގެ ދަށްވުމެއް ކަން މީރާއިން ފާހަގަކޮށްފައިވެއެެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ޖީއެސްޓީގެ ގޮތުގައި 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާތީ މިދިޔަ މަހުގެ އާމްދަނީގެ 55 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އަދި އެހެނިހެން ޓެކްސްތައް ހިމަނައިގެން ޓެކްސްގެ ގޮތުގައި 158 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބާކީ 48 މިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ނުހިމެނޭ އާމްދަނީތައް ކަމަށް މީރާއިން ބުނެއެވެ. އޭގެ ތެރެއިން އެމެރިކާ ޑޮލަރުން ލިބުނީ 107 މިލިއަން ރުފިޔާއެވެ.

މިދިޔަ އޭޕްރީލް މަހު 881.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭސް މިނިސްޓްރީ އިން އަންދާޒާކޮށްފައިވީ ނަމަވެސް މިދިޔަ އޭޕްރީލް މަހު ވެސް މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ ވަނީ 50 އިންސައްތައަށް ދަށްވެފައެވެ. އެގޮތުން އޭޕްރީލް މަހު 527 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ މަހަކީ އާމްދަނީ އެންމެ ދަށަށް ވެއްޓުނު މަސް ކަން މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އާމްދަނީ މިގޮތަށް ދާނަމަ އެންމެ ގޯސް ހާލަތުގެ ސިނާރިއޯ، 5 ގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ 11 ބިލިއަން ރުފިޔާ ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވަނީ 2.7 ބިލިއަން ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓުން ސަރުކާރަށް އޯވަޑްރޯކޮށްފައެވެ. އެގޮތުން އޯވަޑްރޯގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 828 މިލިއަން ރުފިޔާއަކީ މިއަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ދޫކުރި ފައިސާ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން