އާމްދަނީ ހޯދަން ރެއާއި ދުވާލު ކަނޑުމަތީ ގިނަ ވަގުތުތަކެއް ހޭދަކޮށްގެން މަސްވެރިން ކުރާ ބުރަ އެ މަސައްކަތުގެ އަގުވަޒަން ކުރެވެނީ ކިހާވަރަކަށް ހެއްޔެވެ. އެއީ އިގުތިސާދަށް ކިހާ މިންވަރެއްގެ ނަފާއެއް ހޯދައިދޭ ސިނާޔަތެއްކަން އެނގޭބާވައެވެ. އެއީ މި ގައުމުގެ އިގުތިސާދުގެ ލޭނާރަށް މިހާރު ނުވިއެއްކަމަކު އެއް ދުވަހެއްގައި މި ރާއްޖެ މިގޮތުގައި މިހާރުގެ ޖީލާއި ހަމައަށް ގެނެސްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރި ހަލާލު މަސައްކަތެވެ.

އިހުޒަމާނުގައި މަސްވެރިކަންކުރީ މި ޒަމާނުގެ އެންމެ ފަހުގެ ވަސީލަތްތައް ހުރެގެނެއް ނޫނެވެ. މަހަށް ގޮސް މުޅި ދުވަހު އުޅޭނީ ދޭހާ އަތްވަޖާއި ވެހޭހާ ވާރެއެއްގައެވެ. ބޮލުގައި އަޅާލާ ތޮފިން ބޮލަށްވާ ހޫނުން ރެކިލުމުގެ އިތުރަށް އެވެރިން އޭރު ތިބެނީ މާބޮޑު ރައްކާތެރިކަމެއް ނެތިއެވެ. ގައިގެ ހަންގަނޑު ހުންނާނީ އަނދައި ބޮލިކައިފައެވެ.

އެ ޒަމާނުގައި މަސްވެރިކަމުގައި އުޅޭ މީހުންނަށް ބަލާލުމުން އެއީ މަހަށްދާ މީހެއްކަން އެނގޭނެއެވެ. އެ ވެރިން އެ މަސައްކަތުގައި ގަޔާވެ އުޅުނެއްކަމަކު އެއީ މާ ހަޑި މަސައްކަތެއްކަމަށް ބަޔަކު އޭރުވެސް އައީ ސިފަކުރަމުންނެވެ. އެގޮތުން ނުވަދިހައިގެ އަހަރުތަކުގައި އުފަންވެ ބޮޑުވެ ފުރާވަރަށް އަރަމުން އައި ކުދިންނަށް އެކަން ގަބޫލު ކުރެވިފައި އޮންނަނީވެސް އެހެނެވެ.

މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު ދިވެހީން ފަހުރުވެރިވާ މަސްވެރީންނަށް މިއަދު އިވޭނެ އެންމެ މާޔޫސްކުރުވަނިވި ޝިއާރަކަށް ވާނީ، މަސްވެރިކަމަކީ ދަށް މަސައްކަތެއްކަން ދެއްކުމަށް ބުނާ ބުނުންތަކެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ފީފާ ވޯލްޑްކަޕު ކުރިއަށްދާ ދުވަސްވަރާއި ދިމާވުމުން އެފަދަ ޝިއާރުތައް ފާޅުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

"ތި ޓީމު ގޮވައިގެން މަހަށްދޭ،" "ކޮބާ ބަލިވީ ރޮނާލްޑޯ ގާތުބުނޭ މަހަށް ނައްޓާލާށޭ،" "އެހެން ކުޅުމަށްވުރެ ރަނގަޅުވާނެ މަހަށް ދިޔަސް."

މިއީ މިއަދު އެއްބަޔަކު އަނެއްބަޔަކު އެ މީހުން ސަޕޯޓުކުރާ ޓީމް މޮޅުކޮށްލާ އަނެއް ޓީމަށް ފާޑުކިޔާލާ ދެރަކޮށްލަން ބުނަމުންދާ ބަސްތަކެކެވެ.

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއަދު މަސްވެރިކަމަކީ ހަމަ އެހާ ދަށް މަސައްކަތެއް ހެއްޔެވެ؟ ވޯލްޑްކަޕްގެ މެޗުބަލަން އަހަރެމެން ތިއްބާ، މަސްދޯންޏަކުން އެވަނީ އެންމެ ދުވަހަކުން މިލިއަނެއްހާ ރުފިޔާ ހޯދާފައެވެ. އެމީހުން އަވީގައެއްވެސް ނޫޅެއެވެ. މަސްބާނާ ގަޑި ނިމުމުން، ޒަމާނީ މަސްދޯނިތަކުގައިހުރި އޭސީ ކޮޓަރިތަކުގައި މަޑު ގޮދަޑިތަކުގައި އެވެރިން ތިބެނީ ރެސްޓްގައެވެ. އިންޓަނެޓާއި ޒަމާނީ އެނޫންވެސް ވަސީލަތްތައް ހުރެއެވެ. މަސް ހިފައިގެން ގެއަށް އަންނައިރު އެއީ މަހުން އައި މީހެއްކަމެއް ނޭނގެއެވެ.

އެހެންކަމުން އަހަރެމެންގެ ވިސްނުން މިވަނީ މިކަމުގައި ބަދަލު ކުރަންޖެހިފައެވެ. މަސްވެރިކަމަކީ މާ ދަށު ދަރަޖައިގެ ކަމެއްކަމަށް ނުދެކެމާ ހިނގާށެވެ؟ އެއީ އަނެކާ ދެރަކޮށްލައި ދަށްކޮށްލާން ބުނާ އެއްޗަކަށް ނުހަދަމާ ހިނގާށެވެ. އަދި އެއީ ނުކިޔަވާތިބޭ މީހުން ކުރާކަމެއްކަމަށް ދައްކަން ކުރާ މަސައްކަތްވެސް ހުއްޓާލަމާ ހިނގާށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އިއްސެ

22-Feb-2023

އިބްރާހިމް ފަހީމަށް ދިވެހި ބަހުގެ މަޖާޒީ ރާގުގެ ބަސްތައް ފަހުމު ނުވާތީ ހިތާމަކުރަން. ހައްޖައް ދާށޭ، ކަމެއް ނުވީމަ ގެއަށް ދާށޭ، ބުނަނީ ދަށްކޮއްލަން އެހެން މާނަ ކުރާނަމަ



ޓްރެންޑިން