ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

ނިއުރޭޑިއަންޓުން ނެރުނު ބަޔާނެއްގައި ބުނީ ކުލަބުގެ ހިންގުން ހަރުދަނާކޮށް ، ދެމެހެއްޓެނިވި ގޮތެއްގައި ކުލަބު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އަދި ކުލަބުގެ އާންމު ޖަލްސާއެއް ބޭއްވުމަށްފަހު ހާއްސަ ޤަރާރެއް ފާސްކޮށް، ކުލަބުގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.


ނިއުރޭޑިއަންޓްގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުންގެ އަދަދު 9 އިން 17 އަށް އިތުރުކުރުން ހިމެނެއެވެ. އަދި ހިންގާ ކޮމިޓީގެ މެމްބަރުން ކޮންމެ މަހަކު ޗަންދާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދެއް އެ ކުލަބުގެ ބޯޑުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ނިއުރޭޑިއަންޓްގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހާއެކު ހިންގާ ކޮމިޓީއަށް އިތުރުވާ 8 މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ނިއުރޭޑިއަންޓުގެ ބޯޑަށް އިތުރުކުރެވިފައިވާ އިތުރު 8 ބޯޑު މެމްބަރުންގެ ތެރެއިން ދެ ވައިސް ޗެއާމަން، ލޯޔަރު އަދި ފަސް ބޯޑު މެމްބަރުންގެ މަޤާމަށް ކުރިމަތިލުމަށް އެ ކުލަބުން މިހާރު ވަނީ ހުޅުވާލާފައެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ 13 ޖަނަވަރީ ވާ ހުކުރު ދުވަހެވެ.

ފައިސާގެ މައްސަލަތަކަކާއި ގުޅިގެން އެފްއޭއެމްއިން 2019 ވަނަ އަހަރު ސަސްޕެންޑްކުރި ނިއުރޭޑިއަންޓުން ވަނީ މިދިޔަ އަހަރު އެ ޓީމުގެ ދަރަނި ދައްކައި، އަލުން އަނބުރާ ދިވެހި ފުޓްބޯޅައަށް އައިސްފައެވެ. އަދި ކްލަބް އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު